ދުނިޔެ
އިންޑިއާގެ ބޮޑުވަޒީރު މޯދީ ތިން ވަނަ ދައުރަކަށް ހުވާ ކުރައްވައިފި
މޯދީ ތިންވަނަ ދައުރަކަށް އިންޑިއާގެ ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވާ ލިޔުމެއްގައި ސޮއިކުރައްވަނީ
އިންޑިއާގެ އާންމު އިންތިހާބުން ކުރި ލިބުނު ނަރެންދުރަ މޯދީ ކޯލިޝަން ސަރުކާރެއްގެ ވެރިއެއްގެ ގޮތުގައި މިއަދު ތިން ވަނަ ދައުރަކަށް ބޮޑުވަޒީރު ކަމުގެ ހުވާކުރައްވައިފި އެވެ. 

މިފަހަރުގެ އިންތިހާބުގައި 2019 ގައި ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ ހޯދި މޯދީގެ ބީޖޭޕީއަށް މެޖޯރިޓީ ލިބިފައެއް ނުވެ އެވެ. ނަމަވެސް މޯދީ ނިސްބަތްވާ އެންޑީއޭގެ ކޯލިޝަނުން ވަނީ މެޖޯރިޓީ ހޯދާ އިންތިހާބު ކާމިޔާބުކޮށްފަ އެވެ. 

ރިޔާސީ ގަނޑުވަރުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި މޯދީ ހުވާކުރައްވާފައި ވާއިރު އާ ކެބިނެޓް ވެސް ވަނީ އެކުލަވާލައްވައިފަ އެވެ. އެ ރަސްމިއްޔާތުގައި ހުވާ ލައްވައި ދެެއްވަން ހުންނެވީ ރައީސް ޑްރައުޕަދީ މުރުމޫ އެވެ.

ދިއްލީގެ ރިޔާސީ ގަނޑުވަރުގައި ބޭއްވި މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި އެތައް ހާސް މެހެމާނުންނެއް ވަނީ ބައިވެރިވެފަ އެވެ. އޭގެ ތެރޭގައި އަވަށްޓެރި ބަންގްލަދޭޝް، ނޭޕާލް، ސްރީލަންކާ އަދި ރާއްޖޭގެ އިސްވެރިން ހިމެނެ އެވެ.

ގާނޫނު ހަދާ މަޖިލީހުގެ 543 ގޮނޑީގެ ތެރެއިން، ބީޖޭޕީ ހިމެނޭ އެންޑީއޭއިން ވަނީ 293 ގޮނޑި ކާމިޔާބުކޮށްފަ އެވެ. މޯދީ ނިސްބަތްވެވަޑައިގަންނަވާ ބީޖޭޕީއަށް ލިބިފައިވަނީ 240 ގޮނޑި އެވެ. މަޖިލީހުގެ އަޣުލަބިއްޔަތު 272 ގޮނޑިން ލިބެ އެވެ.

އެންޑީއޭއާ ވާދަވެރި "އިންޑިއާ" އަކީ ރާހުލް ގާންދީ ނިސްބަތްވެވަޑައިގަންނަވާ ނޭޝަނަލް ކޮންގްރެސްއިން ލީޑުކުރާ ކޯލިޝަނެވެ. ކޮންގްރެސްއަށް އިންތިޚާބުގައި ލިބިފައި ވަނީ 99 ގޮނޑިއެވެ. އިންޑިއާ ކޯލިޝަނަށް 232 ގޮނޑި ލިބިފައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު