ޚަބަރު
އީދުގެ އުފާ ފާޅުކުރުމުގައި އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފެހެއްޓުމަށް އިލްތިމާސްކޮށްފި
ﷲ ދެއްވި ގިނަގުނަ ނިއުމަތްތަކުގެ މަތީން ހަނދުމަކޮށް، އީދުގެ އުފާ ފާޅުކުރެއްވުމުގައި އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފެހެއްޓެވުމަށާއި، އިސްލާމީ އަހުލާގާ، ދިވެހީންގެ ރީތި އާދަކާދަތަކާ ބީރަށްޓެހި ފުރެއްދެ ސަގާފަތްތައް އީދުގެ އުފާފާގަތިކަމުގެ ތެރެއަށް މަސްހުނި ނުކުރެއްވުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފި އެވެ. 

އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ 1445 ވަނަ އަހަރުގެ އަޟްހާ އީދުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ހިތާބުގަ އެވެ.

ރައީސްގެ ހިތާބުގައި އެމަނިކުފާނު ވަނީ ބޮޑު އީދުގެ ބަރަކާތްތެރި މުނާސަބާގައި މުސްލިމް އަހާގެ ހިތަށް އުފާވެރިކަން ލިބޭނެ ހެޔޮ އަމަލުކުރުމަށާއި، މެހްމާންދާރީ އަދާކުރުމަށާއި، ސޮދަގާތް ކުރުމަށާއި، ހެޔޮ ދުއާ ކޮށްދިނުމަށާއި، ނުތަނަވަސްކަން ފިލުވައިދިނުންފަދަ، ﷲގެ ހަޒްރަތުގައި ދަރުމަހުރި އަމަލުތައް ކުރުމަށް ބާރުއަޅުއްވައިފަ އެވެ.

މި ހިތާބު ކުރިއަށް ގެންދަވަމުން، މިފަހަރު އީދު ފާހަގަކުރާއިރު، ދިވެހި ރައްޔިތުން އެންމެ އިސްކުރަނީ، މުސްލިމުންގެ މުގައްދަސް މިސްކިތާއި، ފަލަސްތީނުގެ އަހުލުވެރީންނަށް ހެޔޮ ދުއާ ކޮށްދިނުންކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި ދިވެހިރާއްޖެ އަބަދުވެސް ދެމިއޮންނާނީ، ފަލަސްތީނުގެ މުސްލިމުންނަށް ދެމުންގެންދާ ބޮޑެތި އަނިޔާތަކާ ދެކޮޅުހަދައި، މަސްޖިދުލްއަގުސާ މިނިވަންކުރުމުގެ މަތިވެރި ޖިހާދުގައި ހިތާއި ރޫހުން ބައިވެރިވުމުގައިކަމަށް އެމަނިކުފާނުގެ ވިދާޅުވި އެވެ.  

"ދިވެހިންގެ ހިތްތަކުގައި ހާއްސަ ލޯތްބަކާ ކުލުނެއް ދެވިފައިވާ ފަލަސްތީނުގެ މުސްލިމް ކޮންމެ އާއިލާއަކާއި ކޮންމެ ކުޑަކުއްޖަކަށްޓަކައި ހެޔޮ ދުއާތައް ތަކުރާރު ނުކޮށް، އެ ހަނދާންތައް އައުނުކޮށް، އެންމެ ރެޔަކާ ދުވާލެއް ވެސް އަޅުގަނޑުމެން ދުލެއް ނުކުރާނަމެވެ،" ރައީސް ވިދާޅުވި އެވެ.

ބޮޑު އާދާއި ގުޅިގެން ރައީސް ފޮނުއްވި ހިތާބުގައި އެމަނިކުފާނު ވަނީ، އީދު ފަދަ މުނާސަބާތަކުގައި ދަރީންނަށް އީދުގެ ދިއްލުންތަކާ، އުފާފާޅުކުރުންތަކާ، އެކަކު އަނެކަކާ ސަލާންގަލާންކޮށް، ހާލުބަލައި، ތަކްބީރުތަހުލީލު ކިޔައި، އިޖްތިމާއީ ރޫހު އާލާކޮށް، ކުޅިވަރުކުޅެ އުޅުމަކީ، އިސްލާމްދީނުގެ ފުރިހަމަކަމާ ޝާމިލްކަމުގެ ހެކިތަކެއް ކަމުގައި ބުނެދިނުމަށް ބާރުއަޅުއްވައިފަ އެވެ. އަދި އީދު ފަދަ ކޮންމެ މުނާސަބާއެއްގައި އިސްލާމްދީނާއި ދިވެހިވަންތަކަމަށްޓަކައި ފަހުރުވެރިވާން ދަރީންނަށް އުނގަންނައިދީ، އިސްލާމީ ރިވެތި އާދަތަކަށް ދަރީން ހޭނުވުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށްވެސް އެމަނިކުފާނު އިލްތިމާސްކުރައްވާފައިވެ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު