ދުނިޔެ
ބަންގުލަދޭޝްގައި އިންތިގާލީ ވެރިއަކަށް ހުންނަވާނީ ޔޫނުސް
މުހައްމަދު ޔޫނުސް: ބަންގްލަދޭޗްގެ ވަގުތީ ސަރުކާރު ލީޑުކުރުމަށް ވަނީ ހަމަޖައްސާފައި
ބަންގުލަދޭޝްގައި އިންތިގާލީ ސަރުކާރުގެ އެންމެ އިސްވެރިއަކަށް ޕްރޮފެސަރު މުހައްމަދު ޔޫނުސް ހަމަޖައްސައިފި އެވެ. އޭނާއަށް ވަނީ ނޮބެލް ސުލްހައިެ އިނާމުވެސް ލިބިވަޑައިގެންފަ އެވެ.

އެގޮތަށް ނިންމީ ބަންގްލަދޭޝްގެ ރައީސް މުހައްމަދު ޝަހާބުއްދީނާއި އަސްކަރިއްޔާގެ އިތުރުން ހަސީނާ މަގާމުން ބޭރުކުރުމަށް ބޮޑެތި މުޒާހަރާތަކެއް ރޭވުމުގައި އިސްކޮށް އުޅުނު ދަރިވަރުންގެ މެދުގައި މަޝްވަރާތަކެއް ކުރުމަށް ފަހު އެވެ.

ބަންގްލަދޭޝްގައި ކުރިއަށް އޮތް އާންމު އިންތިހާބާ ހަމައަށް ދެމިއޮންނާނެ އިންތިގާލީ ސަރުކާރެއް އެކުލަވާލުމަށް ހުށަހަޅާފައިވާ އޮނިގަނޑާ ބެހޭ ގޮތުން މަޝްވަރާކުރުމަށް، ދަރިވަރުންގެ މުޒާހަރާތައް އިންތިޒާމުކުރި ފަރާތްތަކުން ވަނީ ރައީސްއާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފަ އެވެ. އަދި އަސްކަރިއްޔާގެ ވެރިން -- ކަނޑާއި ވައިގެ ސިފައިންގެ ވެރިންނާ ވެސް ބައްދަލުކޮށް ދަރިވަރުން މަޝްވަރާކުރެއްވި އެވެ.

ރައީސްއާ އެކު އޮތް ބައްއްދަލުވުމުގައި އިންތިގާލީ ސަރުކާރުގެ ވަޒީރުންނާއި އެހެނިހެން ވެރިން، ބަންގުލަދޭޝްގެ ސިޔާސީ ޕާޓީތަކާ މަޝްވަރާކޮށްގެން ހަމަޖެއްސުމަށް ރައީސް އެދިވަޑައިގެންނެވި އެވެ. އަދި އިންތިގާލީ ސަރުކާރު އިއުލާންކުރުން އަވަސްކުރުމަށްވެސް ލަވާދެއްވި އެވެ.

ބަންގްލަދޭޝްގެ ރައީސް މުހައްމަދު ޝަހާބުއްދީންގެ ތަރުޖަމާނު ޖޮއިނަލް އަބެޑިން ވިދާޅުވީ އިދިކޮޅު ލީޑަރުންނާ އެކު ކުރި މަޝްވަރާތަކަށް ފަހު ވަގުތީ ސަރުކާރު ލީޑްކުރަން ޔޫނުސް ހަމަޖައްސަން ނިންމާފައިވާ ކަމަށެވެ.

"ކުރެވޭ އިތުރު މަޝްވަރާތަކަށް ފަހު ވަގުތީ ސަރުކާރު އެކުލަވާލުމުގެ މަސައްކަތް ކުރިއަށް އޮތް ދުވަސްތަކުގައި އެއްކޮށް ނިމޭނެ. ނިމުނުހާ އަވަހަކަށް ނަންނަތައް ހާމަކުރާނަން،" އޭނާ ވިދާޅުވި އެވެ.

ހަސީނާ އިސްތިއުފާ ދެއްވީ ގައުމުގައި އުފެދުނު ބަދަލުކުރަނިވި ފިކުރުތައް ކޮންޓްރޯލް ނުކުރެވި ދަރިވަރުންނާ ހަމައިން ބޮޑު މުޒާހަރާއަކަށް ބަދަލުވުމުންނެވެ. އަދި މުޒާހަރާގެ ބައިވެރިން ވެރިރަށް ޑާކާ ހިފައި ރިޔާސީ ގަނޑުވަރު ހިސާރުކޮށްފާނެ ކަމަށް ބިރުހީވެ ވަޑައިގަތުމުންނެވެ. ހަސީނާ ވަނީ ބޮޑު ވަޒީރުކަމުން އިސްތިއުފާ ދެއްވައި ގައުމު ދޫކުރައްވައި ފިއްލަވައި އިންޑިއާ އަށް ވަޑައިގެންފަ އެވެ.


 

ކިޔުންތެރިންގެ ޝުއޫރު
0%
100%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު