ދުނިޔެ
ގާޒާއިން ޝަހީދުވި އަދަދު 40000 އިން މައްޗަށް
އިސްރާއީލުން ގާޒާއަށް ދިން ހަމަލާއެއްގައި ޝަހީދުކޮށްލި މީހުން ހަށިގަނޑުތަކެއް
ހަމާސް އިން އޮކްޓޫބަރު 7 ގައި އިޒްރޭލަށް ހަމަލާދީ 1،160 މީހަކު މަރާލައި 250 މީހަކު ރަހީނުކުރުމާ އެކު ހަމާސް ނައްތާލުމުގެ ނަމުގައި އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް 40،100 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. އަދި ހަމަލާތަކުގައި މުޅި ގާޒާ އޮތީ ބިމާ ހަމަކޮށްފަ އެވެ.

ޒަހަމްކޮށްލައިފައިވާ މީހުންގެ އަދަދު 92،400 އަށް އުފުލިފައިވާއިރު، ވީނުވީއެއް ނޭގި ގެއްލިފައިވާ މީހުންގެ އަދަދު ގާތްގަޑަކަށް 10،000 އާ ގާތްކުރާ ކަމަށް ފަލަސްތީނުގެ ސިއްހީ ވުޒާރާއިން ހާމަކުރެއެވެ. 

އިޒްރޭލުން ހަމަލާދެމުން ގެންދާ ފަލަސްތީނުގެ ޣައްޒާގެ ހާލަތުގައި އިންސާނިއްޔަތުކަމުގެ ކަންފުޅެއް ވެސް ނެތް ކަމަށާއި މިހާރު އެއީ "މަރުގެ މައިދާނެއް" ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން އިއްޔެ ބުނެފި އެވެ.

އިޒްރޭލާއި ހަމާސްގެ ހަމަލާތައް ވަގުތުން ހުއްޓާލައި، އެއްވެސް ހުރަހަކާނުލައި އެހީގެ މަސައްކަތް ޣައްޒާގައި ކުރެވޭނެ މަގު ފަހިކޮށްދިނުމަށް ޑަބްލިޔުއެޗްއޯގެ ޑިރެކްޓަ ޖެނެރަލް ޓެޑްރޮސް އަދަނަމް ގެބްރެޔެސަސް ގޮވާލައްވަމުން ވިދާޅުވީ ޣައްޒާގައި އިންސާނިއްޔަތު ކަމުގެ ނިޝާނެއް ނެތް ކަމަށާއި ހާލަތު އަދިވެސް ދަނީ އިތުރަށް ގޯސްވަމުން ކަމަށެވެ.

"ގާޒާ އަކީ މަރުގެ މައިދާނަކަށް ވެއްޖެ. އެ ސިޓީގެ ބޮޑު ބައި ވަނީ ސުންނާފަތި ވެފައި،" ޕްރެސް ކޮންފަރެންސެއްގައި ޓެޑްރޮސް ވިދާޅުވި އެވެ.

ގާއިން ޝަހީދުކޮށްލާފައިވާ މީހުންގެ އަދަދު 40000 އަށް ވުރެ މައްޗަށް އަރާފައިވާއިރު، އެމެރިކާއިން އަދިވެސް ދަނީ މެދުނުކެނޑި އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދެމުންނެވެ. މި ހަނގުރާމައިގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ވަނީ ގޮސްފަ އެވެ. އަދި ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ. 

އިސްރާއީލުގެ އިސްތިއުމާރީ ސިފައިންގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ގެދޮރާއި ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި އެހެނިހެން މަދަނީ އިމާރާތްތައް ވެސް ވަނީ ސުންނާފަތި ކޮށްލައިފައެވެ.

ހަނގުރާމައިގެ ސަބަބުން ފެނާއި ކާނާ އަދި ބޭސް ފަރުވާ ފަދަ ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާނެ ތަކެތި ލިބުމުންވެސް ޣައްޒާގެ ރައްޔިތުން ވަނީ މަހުރޫމުވެފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު