ޚަބަރު
ގޯއްޗާއި ފްލެޓު އެޕްލިކޭޝަން ފޯމް ރަނގަޅުކުރުމުގެ މުއްދަތު 21 ދުވަހަށް އިތުރުކޮށްފި
މި ސަރުކާރުން ހުޅުވާލި ފްލެޓާއި ގޯތި މަޝްރޫއަށް އެދި ކުރިމަތިލީ މީހުންގެ ތެެރެއިން މައުލޫމާތު ފުށުއަރާ ކަމަށް ވެރިފިކޭޝަން މަރުހަލާގައި ފާހަގަވި މީހުންނަށް، އެކަންކަން ރަނގަޅުކުރުމަށް ދިން މުއްދަތު 21 ދުވަހަށް އިތުރުކޮށްދީފި އެވެ. 

ހައުސިން މިނިސްޓްރީން ބުނީ ގޯއްޗާއި ފްލެޓަށް ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ ވެރިފިކޭޝަން ތެރެއިން މިނިސްޓްރީން ދީފައިވާ ނޯޓިސްގައިވާ މައުލޫމާތު ސައްހަ ނޫން ކަމުގައިވާނަމަ އެކަމުގެ ތަފްސީލާއި ކަމާގުޅުންހުރި ލިޔެކިޔުންތައް ހުށަހެޅުމަށް އެޕްލިކަންޓަށް ދޭ މުއްދަތު ހަތް ދުވަހުން 21 ދުވަހަށް އިތުރުކޮށްފައިވާ ކަމަށެވެ. 

އެހެންވެ، އެ މުއްދަތުގެ ތެރޭގައި ބޯހިޔާވަހިކަން ޕޯޓަލު މެދުވެރިކޮށް މައުލޫމާތު ސާފުކޮށްދިނުމަށާއި އެކަމާ ގުޅުން ހުރި ލިޔުންތައް ހުށަހެޅުމުގެ ފުރުސަތު އެޕްލިކަންޓަށް ލިބޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ. އެއީ ފޯމުގައި މައްސަލަ ހުރެގެން އެކަމަށް ޖަވާބުދާރީވުމަށް ނުވަތަ އިއުތިރާޒެއް ވާ ނަމަ، އެކަން ބަޔާންކުރަން ނުވަތަ ޖަވާބުދާރީވާން ލިބޭ މުއްދަތެކެވެ. 

މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅަން ހުޅުވާލި މުއްދަތު މިދިޔަ ޖޫން މަހުގެ 15 ގައި ހަމަވިއިރު، ފޯމު ހުށަހަޅަން ގާއިމްކޮށްފައިވާ "ބޯހިޔާވަހިކަން ޕޯޓަލް" އަށް 58،505 ފޯމު ހުށަހަޅާފައިވެ އެވެ. އެއީ ފްލެޓަށް އެދި ހުށަހެޅި 35،930 ފޯމާއި ގޯއްޗަށް އެދި ހުށަހެޅި 22،575 ފޯމެވެ.

އާއިލީ ބޯހިޔާވަހިކަމުގެ ދަށުން ޖުމްލަ 15،000 ބިން އަދި 7،900 ފްލެޓު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެތެރެއިން ބިންތައް ރަސްމާލެއިން ދިނުމަށް ހަމަޖެހިފައިވާއިރު، ފްލެޓުތައް ދިނުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއިންނެނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު