ޚަބަރު
މެޖިސްޓްރޭޓް މައުސޫމް ވަކިކުރަން ޖުޑިޝިއަރީ ކޮމިޓީން ފާސްކޮށްފި
މުހައްމަދު މައުސޫމް / ފޮޓޯ: ކުޅުދުއްފުށީ އޮންލައިން
ރިޝްވަތު ނެގުމާއި ޖިންސީ ގޯނާގެ މައްސަލަތަކެއް ސާބިތުވެ ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝިއަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައި ވަނީ ރަނގަޅަށް ކަމަށް ޖުޑިޝިއަރީ ކޮމެޓީން ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ހދ.ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުޙައްމަދު މައުސޫމް ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ޖޭއެސްސީން ނިންމާފައިވާގޮތަށް ތަޅުމަށް ފޮނުވަން ފާސްކޮށްފައިވަނީ ވޯޓުދިން 8 މެންބަރުންގެ އިއްތިފާޤުންނެވެ. 

މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން އެ މައްސަލަ ބެލުމަށްފަހު ނިންމާފައިވަނީ، މައުސޫމު ވަކިކުރުމަށް މަޖިލީހަށް ފޮނުވާފައިވަނީ އިޖުރާއަތްތައް ފުރިހަމަ ކުރުމަށްފަހުގައި ކަމަށެވެ.

އެހެން ކަމުން ދެން އެ މައްސަލަ ފޮނުވާނީ މަޖިލީހުގެ ތަޅުމަށެވެ. މަގާމުން ވަކިކުރުމާއި ގުޅޭ ގޮތުން މަޖިލީހުގައި ވޯޓު ނަގާނެ އެވެ.

ޖޭއެސްސީން ބުނީ މައުސޫމްއާ ގުޅޭގޮތުން އެ ކޮމިޝަނުން ތަހުގީގު ކުރަމުންދިޔަ މައްސަލަތަކުގެ ތެރެއިން، ހދ.ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ގަޟިއްޔާއެއް ނިންމުމުގައި މައުސޫމް ރިޝްވަތު ނަގާފައިވާ ކަމާއި، ރިޝްވަތުގެ އެހެން މުއާމަލާތްތައް ވެސް ކޮށްފައިވާކަން ސާބިތުވެފައިވާ ކަމަށެވެ.

އަދި މައުސޫމަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބޭ ފައިސާގެ އިތުރަށް، މައުސޫމްގެ ބޭންކު އެކައުންޓަށް ވަދެފައިވާ ގިނަ އަދަދެއްގެ ފައިސާއަކީ ނާޖާއިޒު ގޮތުގައި ހޯދާފައިވާކަން ފައިސާކަން ސާބިތުވާ ކަމަށްވެސް ބުނެފައިވެއެވެ.

މީގެއިތުރުން ވަޒީފާގެ މާހައުލާ އެކަށީގެން ނުވާ ގޮތަށް އަމަލުކޮށް އެކަށީގެން ނުވާ ބަހުރުވައިން މުވައްޒަފަކާ މެދު ހިތާވެފައިވާ ކަމާއި، މައުސޫމްގެ ފަރާތުން އެ މުވައްޒަފަށް ކުރިމަތިވި ބައެއް ކަންކަމަކީ ޖިންސީ ފުރައްސާރައިގެ ސިފަ އެކުލެވިގެންވާ އަމަލުތަކެއްކަން ތަހުގީގަށް ސާބިތުވާ ކަމަށްވެސް ޖޭއެސްސީން ބުނެއެވެ.

މެޖިސްޓްރޭޓް މައުސޫމް ފަނޑިޔާރުންގެ ގާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފަށް އަމަލުކޮށްފައިވާތީ ޖޭއެސްސީގެ ގާނޫނުގެ ދަށުން މައުސޫމް ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމަށް ނިންމީ ކަމަށްވެސް ޖޭއެސްސީން ބުނެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު