ޚަބަރު
ފަނޑިޔާރު ޝުޖޫންގެ ބަދަލުގައި ޖޭއެސްސީ އަށް ހުސްނުއްސުއޫދު ހަމަޖައްސަވައިފި
ޖުޑީޝަލް ސަވިސް ކޮމިޝަން (ޖޭއެސްސީ)ގައި ސުޕްރީމް ކޯޓު ތަމްސީލު ކުރާ ފަނޑިޔާރަކަށް، މިހާރު އެ ކޮމިޝަނުގައި އިންނެވި ފަނޑިޔާރު އައިޝާ ޝުޖޫންގެ ބަދަލުގައި، ފަނޑިޔާރު ހުސްނުއްސުއޫދު މިއަދު ހަމަޖައްސަވައިފި އެވެ.

ޖޭއެސްސީގައި ތިއްބަވާ 10 މެމްބަރުންގެ ތެރެއިން، ސުޕްރީމް ކޯޓު ތަމްސީލުކުރާ ފަނޑިޔާރެއްގެ ގޮތުގައި އައިޝާ ޝުޖޫން ހަމަޖެއްސެވީ 2019 ވަަނަ އަހަރުގެ ޑިސެމްބަރުތެރޭގަ އެވެ. އޭނާގެ ދައުރު ހަމަވާނީ މިއަހަރު ފަހުކޮޅެވެ.

މިއަދު ސުޕްރީމް ކޯޓުން ބުނިގޮތުގައި، މިއަދުން ފެށިގެން ޖޭއެސްސީގައި އެ ކޯޓުގެ ތަމްސީލު ކުރައްވާނީ ފަނޑިޔާރު ސުއޫދު ކަމަށް އެ ކޯޓުން ހަމަޖައްސަވާފައިވާ ކަމަށެވެ.

ނަމަވެސް އެގޮތަށް ނިންމެވީ މަގާމުގައި ހުންނެވި ފަނޑިޔާރު ޝުޖޫން ޖޭއެސްސީގެ މެންބަރުކަމުން ވަކިވުމުންނެވެ. ސުޕްރީމް ކޯޓުން ވަނީ ޖޭއެސްސީގެ މެންބަރުކަމުގައި ފަނޑިޔާރު ޝުޖޫން ކޮށްދެއްވި މަސައްކަތްޕުޅަށް ޝުކުރު އަދާކުރައްވައިފައެވެ.

ޝުޖޫން ޖޭއެސްސީގެ މެންބަރުކަމުން ވަކިވެވަޑައިގެން ސަބަބެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ އިތުރުން ދެން ޖޭއެސްސީގައި ތިއްބަވާ މެންބަރުންނަކީ އެ ކޮމިޝަނުގެ ރައީސް އަލްއުސްތާޛާ ޙިސާން ޙުސައިނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމާއި، ހައި ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު މުޙައްމަދު ނިޔާޒާއި ލ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޒު ޢަލީ ޝަރީފާއި، ޢަންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައެޅި މެންބަރު ޑޮކްޓަރ އާމިނަތު އުއްމުކުލްޘޫމާއި، ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް އަލްފާޟިލް މުޙައްމަދު ނާޞިޙާއި، ބަންޑާރަނައިބު އަލްއުސްތާޒު އަޙްމަދު އުޝާމާއި، ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން އައްޔަންކުރާ މެންބަރު އަލްއުސްތާޒު މުޙައްމަދު ސަމީރާއި، ޤާނޫނީ ވަކީލުންގެ ތެރެއިން އިންތިޚާބުކޮށްފައިވާ މެންބަރު އަލްއުސްތާޒު ޢަލީ ޢަބްދުއްލަޠީފެވެ 



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު