ޚަބަރު
އައްޑޫގެ 250 މީހުންނަށް އޮތް ވަޒީފާ ގެއްލުމުގެ ބިރު ނައްތާލަން އުމަރު ގޮވާލައްވައިފި
ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު

އައްޑޫ ސިޓީގެ އެތައް ރައްޔިތެއްގެ ވަޒީފާ އާ ގުޅިފައިވާ، ޝެންގިރިއްލާ ރިސޯޓް ދާއިމީ ކޮށް ބަންދު ކުރަންޖެހިދާނެ ކަމަށް އެފަރާތުން ސަރުކާރަށް އަންގާފައިވާތީ، އެކަން އެހެންވެއްޖެނަމަ އައްޑޫ ސިޓީގެ އެތައް ޒުވާނުންގެ ވަޒީފާ ގެއްލި ރައްޔިތުން ހާލުގައި ޖެހޭނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ޝެންގްރިއްލާ ރިސޯޓްގައި ބަންދުކުރާ މައްސަލައާ ގުޅިގެން "ހޯރަ" އަށް ދެއްވި އިންޓަވިއުއެއްގައި އުމަރު ވިދާޅުވީ ސަރުކާރުގެ ހިއްސާ ޝެންގިރިއްލާ ގައި އޮތަސް ސަރުކާރުން ގެއްލުމުގެ ޒިންމާއެއް ނުނަގާ ކަމަށެވެ. އެހެން އެކަން އޮއްވާ ސަރުކާރުން ފުރަތަމަ އެތަނަށް ކަނޑައެޅި އެނދުކުލި، ޓޫރިޒަމް ގާނޫނަށް ގެނެވުނު އިސްލާހާ އެކުގައި ބޮޑުވުމުގެ ސަބަބުން އިތުރަށް ޝެންގިރިއްލާ އަށް ގެއްލުން ވަމުންގޮސްފައިވާ ކަމަށާއި އެ ރިސޯޓު ބަންދުކުރަން ޖެހިދާނެކަން ރިސޯޓް ހިންގާ ކުންފުނިން ސަރުކާރަށް އެންގީ އެހެންވެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހެން މިކަން ވެއްޖެނަމަ، ކޮވިޑް 19 ގެ ސަބަބުން އެންމެބޮޑު ހީނަރު ކަމެއް ލިބިގެންދާނީ އައްޑޫއަށެވެ. އެހެނީ ރާއްޖޭގެ ރިސޯޓް ތަކުގައި ވަޒީފާ އަދާކުރާ އާބާދީގެ ތެރެއިން ބޮޑުބަޔަކީ އައްޑޫ ރައްޔިތުން ކަމަށްވުމާ، ޝެންގިރިއްލާގައި 250 އައްޑޫ ރައްޔިތުން ވަޒީފާ އަދާ ކުރާތީއެވެ. އަދި މި ރިސޯޓް އިން ކުރާ ވިޔަފާރިން، މަހަކު 80،000 ޑޮލަރު އައްޑޫ ގެ އިޤްތިސާދުގެ ތެރޭގައި ދައުރުކުރާތީއެވެ. މިހާރުވެސް ހެރެތެރެ ރިސޯޓް ވަނީ ބަންދުކޮށްފައެވެ،" އުމަރު ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ އެތަކެއް ޒުވާނުންގެ ވަޒީފާ ގެއްލުމަށް އޮތް ހުރަސްތައް ނައްތާލުމަށް އުމަރު ވަނީ ސަރުކާރަށް ގޮވާލައްވައިފައެވެ.

"އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ އައްޑޫގެ 250 މީހުންގެ ވަޒީފާ ގެއްލުނީމަ، އެމީހުންގެ އަނބިދަރިންނާއި މައިންބަފައިންނާއި އާއިލާގެ ބޭފުޅުން އުޅޭނެ ހާލު. އަޅުގަނޑުމެންނަށް އިހްސާސެއް ނުކުރެވޭނެ އެކަންތައްތަކެއް. އެހެންވީމަ އައްޑޫ ސިޓީގެ ރައްޔިތުންގެ ހައްގުގައި މިކަމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ކަމާބެހޭ އެންމެހައި ފަރާތްތަކަށް އަޅުގަނޑު ގޮވާލަން،" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ އައްޑޫ ސިޓީގައި އިޤްތިސާދީ ހަރަކާތްތައް އަވަސް ނުކޮށްފިއްޔާ ރާއްޖޭގެ އާބާދީ އެންމެ ބޮޑު ދެވަނަ އަތޮޅުގެ ރައްޔިތުން ހާލުގައި ޖެހޭނެ ކަމަށެވެ. އަދި މިހާރުވެސް ވަޒީފާނެތް ޒުވާނުން ރާއްޖޭގައި އެންމެގިނައީ އައްޑޫގައިކަން އޭނާ ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ޝުއޫރު
50%
0%
33%
17%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު