މި ސަރުކާރު ވެންޓިލޭޓަރަކަށް ލާން ޖެހޭ: ޑރ.ޝަހީދު
އިސްމާއިލް ރިޒާ
18 އޯގަސްޓް 2020 - 10:45
0 comments
ދީނީ އަދި ފިކުރީ މިނިވަންކަމާ ބެހޭ އދ.ގެ ހާއްސަ މަންދޫބު ޑރ. އަހްމަދު ޝަހީދު
މި ސަރުކާރު ވެންޓިލޭޓަރަކަށް ލާން ޖެހޭ ވަރު ވެއްޖެ ކަމަށާއި ސަރުކާރުގެ ފުއްޕާމޭގައި ކޮރަޕްޝަން ހިފާފައި އެބަހުރި ކަމަށް އދ.ގެ ދީނީ އަދި ފިކުރީ މިނިވަންކަމާ ބެހޭ ހާއްސަ މަންދޫބު ޑރ. އަހްމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
އދ. އިން އީރާނަށް ކަނޑައަޅާފައި ހުންނެވި ހާއްސަ މަންދޫބު، ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ މި ސަރުކާރުގައި މިހާރު ކޮރަޕްޝަން ހުރީ ފުޅާކޮށް ފެތުރި އަދި ފުއްޕާމޭގައި ހިފާފައި ކަމަށެވެ. "އަޅުގަނޑަށް ހީވަނީ މިސަރުކާރު ވެސް މިހާރު ދެން ވެންޓިލޭޓަރަކަށް ލާން ވެއްޖެހެން. ކޮރަޕްޝަން މިހާރު ހުރީ ވަރަށް ފުޅާކޮށް ފެތުރި އަދި ފުއްޕާ މޭގައި ހިފާފައި." ޑރ.ޝަހީދު ވިދާޅުވިއެވެ.ޑރ.ޝަހީދު ކުރެއްވި ޓްވީޓެއްގައި މިސަރުކާރު ވެންޓިލޭޓަރަށް ލާން ޖެހޭ ކަމަށް ވިދާޅުވިއިރު ފަހަކަށް އައިސް އޭނާ ގެންދަނީ މިސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީން އަމަލު ކޮށްފައިވާ ގޮތްތައް ދެނެގެންނަން އޮޑިޓާ ޖެނެރަލްގެ އޮފީހުން ކުރި އޮޑިޓު ރިޕޯޓުތަކުން ބޮޑެތި ގޯސްތަކެއް ފެންމަތިވުމުން ކޮރަޕްޝަން ހުއްޓުވަން ވައުދުވި ސަރުކާރު މިވަގުތު އޮތީ ހޫނުފެނުގައެވެ. ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން ސަރުކާރުން ބުނަމުން އަންނަނީ "ޒީރޯ ޓޮލަރެންސް" ކަމަށެވެ. ނަމަވެސް ސަރުކާރުގެ ތެރެއިން އެކަން ނުފެންނަކަމަށް ގިނަ އާންމުން އަންނަނީ ބުނަމުން ނެވެ. ގިނަ އޮޑިޓް ރިޕޯޓު ތަކުން ދައްކަނީ މާލިއްޔަތު ގަވާއިދާ ޚިލާފަށް އެތައް ކަމެއް ސަރުކާރުގެ ބޮޑީ ތަކުން ކުރާތަނެވެ. ކޮވިޑް-19 ފެތުރެން ފެށުމާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކާ ގުޅޭ ގޮތުން އޮޑިޓް އޮފީހުން އާންމުކުރި ރިޕޯޓުގައި ގިނަ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ.ޓޫރިޒަމް މިނިސްޓްރީން ކުރި ހަރަދުތަކާ ގުޅިގެން މިދިޔަ ހަފުތާގައި ނެރުނު ކޮމްޕްލަޔަންސް އޮޑިޓްގައި ބުނީ މިދިޔަ ޖެނުއަރީން ފެށިގެން ޖޫން މަހުގެ ނިޔަލަށް ޓޫރިޒަމް މިނިސްޓްރީގެ ޓްރަސްޓް ފަންޑުން އެ މި ނިސްޓްރީގެ މެންޑޭޓުގައި ނުހިމެނޭ ގިނަ ކަންތައްތަކަށް 26 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ.އެކަން ހިނގިއިރު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވީ އަލީ ވަހީދެވެ. ނަމަވެސް ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކާ ގުޅިގެން މިދިޔަ މަހު ރައީސް ވަނީ އޭނާ މަގާމުން ވަކިކޮށްފަ އެވެ.ހެލްތު މިނިސްޓްރީގެ ހަރަދުތަކާ ގުޅިގެން ކޮށްފައިވާ ކޮމްޕްލަޔަންސް އޮޑިޓްގައިވާ ގޮތުން ރާއްޖެ އަށް ބޭނުންވާ ވެންޓިލޭޓަރުތައް ގަތުމުގައި ދުބާއީގެ ކުންފުންޏަކާ 75 ވެންޓިލޭޓަރުގެ ގެންނަން ހަވާލުކުރީ ޑަބްލިއުއެޗްއޯގެ ލަފައާ އެކު ކަމަށް ހެލްތު މިނިސްޓްރީން ބުނެފައި ވިޔަސް އެ ކުންފުންޏާ އެކު ހިންގާފައިވާ މުއާމަލާތަކީ މުޅިން ވެސް މަކަރާއި ހީލަތްކަން އޮޑިޓުން ވަނީ ހާމަވެފަ އެވެ.
ކިޔުންތެރިންގެ ޝުއޫރު