ދުނިޔެ
ކޮވިޑް19: ފާއިތުވި ހަފްތާތަކުގައި ޔޫރަޕުން ބަލިމީހުން ރެކޯޑް އަދަދަކަށް
ފާއިތުވި ހަފްތާތަކުގައި ނުރައްކާތެރި ވައިރަސް (ކޮވިޑް-19) ފެތުރި ބަލީގެ ބިރު ޔޫރަޕުގެ ގައުމުތަކުގައި އިންތިހާއަށް ބޮޑުވެފައި ވާކަމަށް ޑަބްލިޔުއެޗުއޯ އިން ބުނެފިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ޔޫރަޕަށް ކަނޑައަޅާފައި ހުންނަވާ ޑައިރެކްޓަރު ހެންސް ކުލޫޖް ވިދާޅުވީ މިދިއަ ދެ ހަފުތާގައި ޔޫރަޕްގެ ދެބައި ކުޅަ އެއްބައި ގައުމުތަކުގައި ކޮވިޑް-19ގެ ކޭސްތައް ވަނީ ދެ ގުނައަށް އަރައިފައި ކަމަށެވެ. 

"މިދިޔަ ދުވަސްތަކުގައި ފެނިގެން މި ދަނީ ފުރަތަމަ ބައެއް ޤައުމުތައް ޕީކަށް ދިޔައިރުވެސް ބަލި ފެތުރުނު މިންވަރަށްވުރެ އެތައް ގުނައެއް ހަލުވިކަމާއެކު ފައްސިވާ މީހުންގެ އަދަދުތައް އިތުރުވަމުން އަންނަތަން. މިގޮތުން ފާއިތުވެދިޔަ ހަފްތާތަކުގައި ޔޫރަޕުން ފައްސިވި މިންވަރު ރެކޯޑް އަދަދަކަށް އަރާ،" ކްލޫގް ވިދާޅުވިއެވެ. 

މިހާތަނަށް ޔޫރަޕުގެ ޤައުމުތަކުން އެކަނިވެސް 4.9 މިލިއަނަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް ރެކޯޑްތަކުން ދައްކައެވެ. އަދި އެ ސަރަޙައްދުގެ ޤައުމުތަކުން މިހާތަނަށް މި ބަލީގައި 226,000 އަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ.

ޔޫރަޕުގެ ޤައުމުތަކުގެ ތެރެއިން މިވަގުތު ކޮވިޑް-19 ގެ ވޭދަނަތައް (ކޭސް) ތައް އެންމެ ބޮޑަށް އިތުރުވަމުން އަންނަ ޤައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތާއި ޖަރުމަންވިލާތާއި އިޓަލީއާއި ސްޕެއިންގެ  އިތުރުން  ފްރާންސު ހިމެނެއެވެ. އިއްޔެ ފްރާންސުން އެކަނި 10،593 ކޭސް ފެނުނެވެ. 

ކުލޫޖް ވިދާޅުވި ގޮތުގައި ލޮކްޑައުން ތެރޭގައި އެޅި ފިޔަވަޅުތަކުގެ ރަނގަޅު އަސަރު ކުރިން ފެނުނެވެ.

"އެންމެ ބޮޑަށް ދަށަށް ދިޔައީ ޖޫން މަހު، ސެޕްޓެމްބަރު މި ފެންނަނީ ހޭލަން ޖެހޭ މިންވަރަކަށް ކޭސްތައް އިތުރުވާތަން،" އޭނާ ވިދާޅުވި އެވެ.

ކުލޫޖް ވިދާޅުވި ގޮތުގައި ބަލިން ރައްކާތެރިވާނެ ގޮތްތައް އެނގުމާއި ފިޔަވަޅުތައް ވެސް އެޅެން އޮތުމުން، މިކަން އަދިވެސް ކޮންޓްރޯލްކުރެވިދާނެ އެވެ.

ދުނިޔޭގައި މިހާތަނަށް 30.3 މިލިއަނަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 950,965 މީހަކު ވަނީ މަރުވެފަ އެވެ. އަދި ބަލިން ރަނގަޅުވެފައި ވަނީ 22.2 މިލިއަން މީހުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު