ފީފާ ވޯލްޑް ކަޕް 2026 ގެ ދެވަނަ ބުރުގެ މެޗުގައި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯ އަތުން ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން މޮޅުވެ، މުބާރާތުގެ ގަދަ 16 އަށް އިންގްލެންޑް ދަތުރުކޮށްފި އެވެ.
އެމެރިކާގެ ނިއުޔޯކްގެ މެޓްލައިފް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ވަރަށް ކުރީކޮޅު، ކޮންގޯގެ ފޯވާޑް ބްރިއަން ސިޕެންގާ ވަނީ ލަނޑެއް ޖަހައި ތޯމަސް ޓޫހުލްގެ ޓީމު ސިއްސުވާލާފާ އެވެ.މިއީ، ކޮންގޯގެ ޑިފެންޑަރު، ޗާންސެލް އެމްބެމްބާ ދިން ބޯޅައެއް ކޮންޓްރޯލްކޮށް އޭރިއާތެރެއަށް ވަދެ، ހަނި އޭންގަލުން ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން، ބްރިއަން ކިބަމްބޭ ސިޕެންގާ ޖެހި ގޯލެކެވެ. މިއީ، ގައުމީ ޓީމަށް އޭނާ ޖަހައިދިން ފުރަތަމަ ގޯލެވެ. ފުރަތަމަ ހާފު ފަހު ވަގުތު ކޮންގޯގެ ޔޮއާން ވިސާ ފޮނުވާލި ބޯޅަ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވި އެވެ. އަދި ހާފު ނިމުމުގެ ކުރިން، އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭންއަށް ކޮންގޯގެ ކީޕަރު ކުރި ޗެލެންޖަކަށް ޕެނަލްޓީއެއް ދިނުމަށް އިންގްލެންޑުން ޑިމާންޑް ކުރި އެވެ.
އެ ޕެނަލްޓީ ރެފްރީ ނުދިނުމުން އެ ޓީމުގެ ކުޅުންތެރިން ވަނީ ދަނޑުމަތީގައި ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.ދެ ވަނަ ހާފުގެ ހައިޑްރޭޝަން ބްރޭކަށް ފަހު، ކޮންގޯ ފަހަތުން ފަސޭހަކޮށްލައިގެން ތިބި ވަގުތެއްގައި ކޭން ވަނީ ލަނޑު ޖަހައި އެއްވަރުކޮށްފަ އެވެ. މިއީ، މެޗުގެ 75 ވަނަ މިނިޓްގައި، އެންތަނީ ގޯޑަން ނެގި ހުރަހަކުން ކޭން ބޮލުން ޖެހި ގޯލެކެވެ. އެ ބޯޅަ ގޯލަށް ވަނީ ކީޕަރު އެމްޕާސީ އަތުގައި ޖެހިފަ އެވެ. ނަތީޖާ ހަމަހަމަ ކުރުމަށް ފަހު، އިންގްލެންޑުން އިތުރު ލަނޑެއް ޖަހައި ކުރި ހޯދަން ކުރި މަސައްކަތް ކާމިޔާބުކޮށްދިނީ ވެސް ކޭން އެވެ. ކޭން، މި ލަނޑު ޖެހީ ވެސް ދެ ވަނަ ހާފުގައި ބަދަލަކަށް އެރި ގޯޑަން ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ގަދަ 16 ގެ ބުރުގައި އަންނަ އާދިއްތަ ދުވަހު އިންގްލެންޑުން ނުކުންނާނީ މުބާރާތް ބާއްވާ ތިން ގައުމުގެ ތެރެއިން އެއް ގައުމު މެކްސިކޯއާ ދެކޮޅަށެވެ.