އަނބިމީހާ ރޭޕް ކުރުމުގެ ކުށުގައި ޝާހު ތިން އަހަރަށް ޖަލަށްލާން ހައި ކޯޓުން ހުކުމްކޮށްފި
ޒިިޔާދާ ނައީމްގެ ކުރީގެ ފިރިމީހާ އިބްރާހިމް ޝާހު
ޖިންސީ އަނިޔާތަކަށް އައިޖީއެމްއެޗުގައި ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވި، ގދ. ތިނަދޫ ތޭންކު، ޒިޔާދާ ނައީމްގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާ އިބްރާހީމް ޝާހު ތިން އަހަރަށް ޖަލަށްލާން ހައިކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ޑިސެމްބަރު، 2015 ގައި ގދ. ތިނަދޫގައި ކުރި އަނިޔާތަކެއްގެ ސަބަބުން ޒިޔާދާ މަރުވި މައްސަލާގައި އޭނާގެ ކުރީގެ ފިރިމީހާ ޝާހުގެ މައްޗަށް ހަތަރު ދައުވާއެއް ދައުލަތުން ކުރި އެވެ. އެއީ ފިރިމީހާ އަނބިމީހާ ރޭޕް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ އިިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ދައުވާގެ އިތުރުން އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާ އެވެ. އެހެން ނަމަވެސް ކްރިމިނަލް ކޯޓުން ނިންމާފައި އޮތީ އެއިން އެއްވެސް ދައުވާއެއް ޝާހުގެ މައްޗަށް ސާބިތުނުވާ ކަމަށެވެ.

ޝާހުގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަތައް ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ނިންމީ ފިރިމީހާ އަނބިމީހާ ރޭޕް ކުރުމުގެ ދައުވާ ސާބިތުވާ ކަމަށާއި އެހެންވެ، އެ ކުށުގައި ޝާހު ތިން އަހަރަށް ޖަލަށްލުމަށެވެ.

މިމައްސަލައިގެ ޙުކުމް އަދި ހައިކޯޓުން އާއްމެއް ނުކުރެއެވެ.

ރޭޕްގެ ދައުވާގެ އިތުރުން ދެން ހުރި މައްސަލަތަކުގެ ހުކުމެއް ހައި ކޯޓުން އަދި ނީއްވަ އެވެ. އިހުމާލުގެ މަރުގެ ދައުވާ އާއި ފަރުވާކުޑަ އަމަލަކުން މަރުވުމުގެ ދައުުވާގެ އިތުރުން އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާ ސާބިތުނުވި މައްސަލަ ވެސް ހައި ކޯޓުގައި ދަނީ ހިނގަމުންނެވެ.

އެ ހުކުމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ކުރެއްވި ޓްވީޓެއްގައިވަނީ ހައި ކޯޓުގެ ހުކުމަކީ ލިބުނު ކާމިޔާބީއެއް ކަމަށާއި ޝާހުއާ ދެކޮޅަށް ދެން ހުރި މައްސަލަތައް ނިމި، އޭނާ ޖަލަށްލެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.



ޒިޔާދާގެ މަރާ ގުޅިގެން 2016ވަނަ އަހަރު ފުލުހުން ވިދާޅުވެފައިވަނީ ޑޮކްޓަރުގެ ފަރާތުން ލިބުނު މައުލޫމާތުން އެނގޭ ގޮތުގައި ޝާހު ޒިޔާދާއަށް ގަދަކަމުން ޖިންސީ އަދި ޖިސްމާނީ އަނިޔާކޮށްފައި ވަނީ ދެމަފިރިން ވަކިން ދިރިއުޅެނިކޮށް ކަމަށެވެ. އެ ހާދިސާއަށް ފަހު ޒިޔާދާގެ ސިއްޙީ ޙާލަތު ދަށަށް ދިޔަ ކަމަށެވެ. އެކަމާ ގުޅިގެން ދެ ފަހަރެއްގެ މަތިން ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޑޮކްޓަރަށް ޒިޔާދާ ދައްކާފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ޒިޔާދާގެ ޕޯސްޓްމޯޓަމް ރިޕޯޓުން އެނގޭ ގޮތުގައި ޒިޔާދާ ނައީމުގެ ހަށިގަނޑުގެ އެކި ބައިތަކަށް ވަނީ އަނިޔާ ލިބިފައެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު