ޚަބަރު
ނޮވެމްބަރ3 ގައި މައުމޫނު ފިލި، ރާއްޖެ ސަލާމަތް ކުރީ އިންޑިއާއިން: ދޮންބިލެތް
1988 ނޮވެމްބަރު-3 ގައި ރާއްޖެ އަށް އުދުވާނީ ހަމަލާ ދިން އިރު އޭރުގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް އާއި ބައެއް ސިފައިން ތިބީ ފިލައިކަމަށާއި ރާއްޖެ ސަލާމަތްކޮށްދިނީ އިންޑިއާއިން ކަމަށް ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެއްޖެއެވެ.

މާލޭގައި ޓެކްސީގެ ހިދުމަތްދިނުމުގައި ހަރަކާތްތެރިވާ އަންހެން ޓެކްސީ ޑްރައިވަރު އައިމިނަތު ވަހީދާގެ (އައިންތު) ކާރަށް ތަކުރާރުކޮށް ގެއްލުން ދެމުންދާތީ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ހަލީމް ވިދާޅުވީ އެ ދުވަހުގެ ނާމާންކަމާއި ބިރުވެރިކަން ފެނިވަޑައިގެންނެވި ކަމަށާއި އޭރުގެ ދިފާއީ ބާރުގެ ތެރޭގައި ވަރަށް ހިތްވަރުގަދަ ޒުވާނުން ވެސް ތިބި ކަމަށެވެ. 

"ސިފައިންގެ ތެރޭގައި އެންމެ ގިނައިން ފައިސާ ނަގައިގެން ޖެނެރަލުންނަށްވެފައި ތިބި މީހުން ތިބި ސައިފަތް ފޮށިގަނޑު ތެރެއަށް އެރި. ދޮންނަ މެޝިނުގެ ފޮށިގަނޑު ތެރެއަށް އެރި ތިބި މީހުންވެސް. އޭރު ތިން ފަށް ޖަހާފައި ތިބި މީހުން ފަށް ވެސް ނައްޓާލައިގެން ތިބި، އެއީ ފަހަރެއްގައިވެސް ފެނިއްޖެއްޔާ އޭނާ ބޮޑު މީހެއް ކަމަށްވީމާ އަނިޔާކޮށްފާނެތީ. އެވަރުގެ ސިފައިންވެސް ތިބި އެނގޭތޯ،" ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ރާއްޖެ ސަލާމަތްކޮށް ދިނީ އިންޑިއާ އިން ކަން ތަކުރާރުކުރައްވަމުން އަހުމަދު ސަލީމް ވިދާޅުވި އެވެ.

އޭނާގެ ތުހުމަތުތަކާ ގުޅިގެން އިދިކޮޅު މެމްބަރުން ވަނީ ނިޒާމީ ނުކުތާ ނަގައިގެން، ނޮވެމްބަރު 3 ގެ ހަމަލައިން ރާއްޖެ ސަލާމަތްކުރުމުގައި ދިވެހި ސިފައިންވި ގުރުބާނީ ކުޑައިމިސްކޮށް، އަގުވެއްޓޭ ވާހަކަދައްކާތީ ކަންބޮޑުވުން ފާޅުކޮށްފައި އެވެ.

އިތުރަށް ވާހަކަދައްކަވަމުން ހަލީމް ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެ އައިސް ފޮށިގަނޑުން ސިފައިންގެ ތިން އޮފިސަރަކު ނެރުނު ކަމަށެވެ. އަދި އެ ހާދިސާ ހިނގި ގޮތް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށާއި އެ ދުވަހުގެ ޑިފެންސް މިނިސްޓަރ އޮތީ ފާރެއް މަތިން ފުންމާލައިގެން އަތް ބިިންދައިގެން ގޮސްފައި އަދި ރައީސުލްޖުމްހޫރިއްޔާ ވެސް އޮތީ ގެއެއްގެ ގޮށްޓެއްގެ ދަށަށް ވަދެ ފިލައި ކަމަށްވެސް ހަލީމް ވިދާޅުވިއެވެ. 

ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ދިވެހިންގެ ބަޔަކު އިސްވެތިބެ ލަންކާގެ ޕްލޮޓް ޖަމާއަތާ ގުޅިގެން ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު މަރައި ޝަހީދުކޮށްލި އެވެ.

ނޮވެމްބަރު 3 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އާއްމުންގެ 11 މީހަކާއި އަށް ސިފައިންގެ މީހުން ޝަހީދުވި އެވެ. އަދި އިންޑިއާ ސިފައިން ރާއްޖެ އެހީތެރިވެދޭނެ އައިއިރު ރާއްޖެ އެރި ތަމަޅައިގެން ގްރޫޕުގެ ބޮޑުން މަރުވެ، އެ މީހުންގެ ތިބީ ބަލިވެ ފިލަންދާ ހާލަތުގަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު