
"އާސްކް ސްޕީކާ" މި ނަމުގައި ރޭ ގެނެސްދިން ޕްރޮގްރާމްގައި ރައީސް ނަޝީދު މިރޭ ވެސް ވިދާޅުވީ ވެރިކަން ކުރަން އޮތް "ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ނިޒާމު" ކަމަށެވެ. އަދި ރާއްޖޭގައި ގިނަ ދުވަހު ވެރިކަން ކޮށްފައިވަނީ ވެސް ބަރުލަމާނީ ނިޒާމަށެވެ. ރިޔާސީ ނިޒާމު މޮޅުވެގެން އެ ވާހަކަ ދައްކަން ފެށީ މިދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި ކަމަށްވެސް ނަޝީދު ވިދާޅު ވިއެވެ."ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަން ބަދަލުކުރަން ރަނގަޅު ވަގުތަކީ ކޮބާތޯ، އެއީ 2023 ވަނަ އަހަރުތޯ، އޭގެ ކުރިއަށް ކުޑަތަންކޮޅެއް ލައިފަތޯ އަޅުގަނޑު ހިތުން މި ވާހަކަތައް އަޅުގަނޑު ފުރަތަމަ މަޝްވަރާކުރައްވާނީ ސިޔާސީ ކަންކަމުގައި އަޅުގަނޑު އަބަދުވެސް މަޝްވަރާކުރާ ބޭފުޅާއާ ވަރަށް ދުވަސްވެއްޖެ. އެއީ މިހާރު ރައީސުލްޖުމްހޫރިއްޔާއަކަށް އެބޭފުޅާ ހުންނެވީ. އަޅުގަނޑުމެން އެވާހަކަ ދައްކާނަން. އަޅުގަނޑުމެން ދައްކާފައި އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ރަނގަޅު ގޮތަކަށް އެކަން ނިމިގެންދާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ. "އަޅުގަނޑު އަބަދުވެސް ގަބޫލުކުރަނީ، ދިވެހިރާއްޖެއަށް އަދި ކޮންމެ ގައުމަކަށް ވިޔަސް ވެރިކަން ކުރަން އެންމެ ރަނގަޅު، އޮތް ހަމައެކަނި، އެންމެ ރަނގަޅު އެކަންޏެއް ނޫން، އޮތް ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ނިޒާމޭ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.ނަޝީދު ވިދާޅުވި ވާހަކަފުޅަށް އިޝާރާތް ކުރައްވައި، ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ލިޔުއްވާފައިވަނީ "ރާއްޖޭގައި އޮތް ވެރިކަމުގެ ނިޒާމަކީ ދިވެހި ރައްޔިތުންގެ ވޯޓަކުން ނިންމާފައިވާ ނިޒާމެއް، ވީމާ ދެ ފަރާތަކުން މަޝްވަރާ ކޮށްލައިގެން މި ނިޒާމު ބަދަލު ނުކުރެވޭނެ،" ކަމަށެވެ.