
ފޮރިން މިނިސްޓްރީން ބުނީ، ރާއްޖޭގެ އެހީތެރިކަމަށް ލަންކާ ސަރުކާރުން އެދިފައި ވަނީ އިސްލާމީ އުސޫލުތަކާ އެއްގޮތަށް ލަންކާ މުސްލިމުންގެ ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް އެގައުމުގެ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާތީ ކަމަށެވެ."އިސްލާމީ އުހުއްވަތްތެރިކަން ދެމެހެއްޓުމުގެ މަތިވެރި ނިޔަތާއި މަގުސަދުގައި އަދި ދިވެހިރާއްޖެއާ ސްރީ ލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ރިއާޔަތްކުރައްވައި، ސްރީލަންކާގެ މުސްލިމުންނަށް ފޯރުކޮށްދެވޭ ހާއްސަ އެހީތެރިކަމެއްގެ ގޮތުގައި ސްރީލަންކާގެ ރައީސްގެ މި ހުށަހެޅުއްވުމުގައި އެދިވަޑައިގެންފައިވާ ކަންކަން އިންތިޒާމް ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާކުރައްވަމުންނެވެ،" ބަޔާނުގައިވެ އެވެ.ކޮރޯނާވައިރަހަށް ޕޮޒިޓިވްވެގެން ސްރީލަންކާއިން މަރުވާ މީހުން ވަޅުލުމުގެ ބަދަލުގައި އަންދަން ޖެހޭ ކަމަށް އެގައުމުން ވަނީ ކަނޑައަޅައިފަ އެވެ.އެގައުމުގެ މުސްލިމުން ދެކޮޅު ހެދުމުން ވެސް ސަރުކާރުން އަންނަނީ މުސްލިމުންގެ ހަށިތައް އަންދަމުންނެވެ. އެ މައްސަލައިގައި އެ ގައުމުގެ މުސްލިމުންނާ ސަރުކާރާ ދެމެދު ވަނީ ނުތަނަވަސްކަން އުފެދިފައެވެ.ލަންކާ ސަރުކާރުން ބުނީ ރާއްޖޭގެ ވަކި ރަށެއްގައި ލަންކާ މުސްލިމުން ވަޅުލައިދޭނެ ކަމަށް ފޮރިން މިނިސްޓްރިން އަންގާފައިވާ ކަމަށާއި އަދި އެކަމާ ގުޅިގެން، އެއީ ކިހާ ފީސިބަލް ކަމެއްތޯ ބަލައި ގައިޑްލައިންތައް އެކުލަވާލުމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީއަށް މިހާރު އަންގާފައިވާ ކަމަށެވެ.ޑރ. ހެމަންތަ ވިދާޅުވީ ލަންކާގެ ހެލްތު މިނިސްޓްރީން ގައިޑްލައިންތައް ތައްޔާރުކުރުމަށް ފަހު ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ފޮނުވާނެ ކަމަށެވެ.ދުނިޔޭގައި ކޯވިޑް އެންމެ ހަލުވިކޮށް ފެތުރު ދުވަސްވަރު ލަންކާގައި އޮތީ އެ ބަލި ކޮންޓްރޯލްކޮށްފައެވެ. އެހެންނަމަވެސް މިދިޔަ މަހުގެ ކުރީކޮޅުން ފެށިގެން އެ ޤައުމުގައި ކޯވިޑް އަންނަނީ ހަލުވިކަމާއިއެކު ފެތުރެމުންނެވެ. ލަންކާއިން މިހާތަނަށް 32,790 މީހުންނަށް މި ބަލި ޖެހި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 152 އަރާފައެވެ.