ޚަބަރު
ހިބަޅިދޫ ސަރުކާރުން އަތުލި މައްސަލަ ސުޕްރީމް ކޯޓުން ފަށަނީ
ބ. ހިބަޅިދޫ --
ބިޒްނަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ބ. ހިބަޅިދޫ ކުއްޔަށް ދިން އެއްބަސްވުން ބާތިލުކުރުމަށްފަހު، އެރަށް ސަރުކާރުން އަތުލި މައްސަލަ އެކުންފުނީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް 50 އަހަރަށް ބިޒްނަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދިން ހިބަޅިދޫ ސަރުކާރުން އަތުލީ 2016 ގަ އެވެ. އިކުއިޒިޝަން ކޮސްޓް ނުދައްކާ ކަމަށް ބުނެ އެ ތަން އަތުލީ ނޮވެމްބަރު، 2015 ގައި ހިބަޅިދޫން ހަތިޔާރުތަކެއް ފެނިފައި ވަނިކޮށެވެ.

އެއްބަސްވުން ބާތިލުކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް ބިޒްނަސް މޯލްޑިވްސްއިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން އެ ކޯޓުން ޑިސެމްބަރު 29، 2016ގައި ކުރި ހުކުމުގައި ބުނެފައިވަނީ، އެއްބަސްވުން ބާތިލު ކުރީ ގާނޫނާ ހިލާފަށް ކަމަށެވެ.

ނަމަވެސް ސިވިލް ކޯޓުގެ ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މިދިޔަ އަހަރު ހައިކޯޓުން ނިންމާފައި ވަނީ އެއްބަސްވުން ބާތިލު ކުރީ ރަނގަޅަށް ކަމަށެވެ.

އެ މައްސަލަ ބިޒްނަސް މޯލްޑިވްސްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލައިގެ އަޑުއެހުމެއް އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް އެކޯޓުގައި ވަނީ ތާވަލުކޮށްފަ އެވެ. އެއީ އެ ދުވަހުގެ 10:00 އަށެވެ.

ހިބަޅިދޫން ހަތިޔާރު ފެނުނު މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ސިފައިންގެ ބަޑިގުދަނުގެ ކުރީގެ ވެރިޔާ އަހުމަދު ފަޔާޒު އަލީ ރިޒާ އާއި މުހައްމަދު ހުސައިން (އޮއިއްޓޭ) އާއި މުހައްމަދު އައްލާމް ލަތީފް އަދި އަހުމަދު އިޝްފާހު އަލީއަށް ދައުވާ ކުރި އެވެ. އެ ދައުވާތައް ފަހުން ކޯޓުން ވަނީ ބޭރުކޮށްލައިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު