ޚަބަރު
ތަރުކާރީ އާއި މޭވާ އެތެރެކޮށް، ފައިސާ ނުދައްކާ މައްސަލަތަކެއް ބަލަނީ
ހީލަތް ހަދައިގެން ރާއްޖެއަށް ތަރުކާރީ އާއި މޭވާ އެތެރެކޮށް، ބޭރުގެ އެކި ކުންފުނިތަކަށް ދަންކަން ޖެހޭ ފައިސާ ނުދައްކާ މައްސަލަތަކެއް ފުލުހަށް ހުށަހަޅަމުން ދާތީ އެފަދަ ފަރާތްތައް ހޯދަން ފުލުސް އިދާރާއިން މަސައްކަތް ފަށައިފި އެވެ.

ފުލުހުން ބުނީ އެފަދަ މައްސަލައަކެއް ރިޕޯޓުކޮށްފައިވާ ކަމަށާއި އެފަދަ ކަންކަން ކުރަމުންދާ ފަރާތްތައް ހޯދުމަށް އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓާއި އިންޓެލިޖެންސް ގުޅިގެން ހާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.

އެގޮތުން މި މަހުގެ 16 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ދެ ގެއަކާއި ތިން އެޕާޓްމަންޓަކާއި އޮފީހެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި އެ އޮޕަރޭޝަނުގައި ބަލައި ފާސްކުރި ތަންތަނުން، ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅުންހުރި ގިނަ ހެކިތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން މައުލޫމާތުދެއްވި ގޮތުގައި މަކަރާއި ހީލަތުން ރާއްޖެއަށް ތަރުކާރީއާއި މޭވާ ތަކުރާރުކޮށް އެތެރެކޮށް، ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކާ 10 މައްސަލައެއް ފާއިތުވި އަހަރު ހުށައަޅާފައިވެއެވެ އަދި މިމަހު މިފަދަ އެއް މައްސަލަ ހުށައަޅާފައިވެއެވެ.

ފުލުހުން ބުނީ އެހެން އެތެރެކުރާ ތަރުކާރީއާއި މޭވާ ރާއްޖޭގެ ބާޒާރުގެ އަގަށްވުރެ އާދަޔާ ހިލާފަށް ހެޔޮކޮށް ވިއްކާ ކަމަށް ތަހްގީގަށް ފާހަގަވާ ކަމަށާއި، މަދުބަޔަކު ކުރާ މިފަދަ ޢަމަލުތަކުގެ ސަބަބުން ބޭރުގެ ވިޔަފާރިވެރިންގެ އިތުބާރު ގެއްލި، މިކަމުގެ ގޮންޖެހުން ރާއްޖެއަށް ކުރިމަތިވެދާނެތީ އެކަމަށް ހުރިހާ ފަރާތްތަކުން ސަމާލްވުމަށް ފުލުހުންވަނީ އިލްތިމާސްކުރައްވާފައެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު