ޚަބަރު
އަމީން ގޭބަންދަށް ދޫކޮށްލުމުން އިސް ގާޒީ ޝަކީލްގެ މައްސަލަ ޖޭއެސްސީ އަށް
ރާއްޖޭގައި ފުޅާ ދާއިރާއެއެއްގައި ހަރުކަށި ފިކުރު ފަތުރަމުންދާ އަމީން،
ރާއްޖެއިން ބޭރުގައި ހިންގާ ޓެރަރިސްޓް ޖަމާއަތްތަކާއި، ހަނގުރާމަވެރި ޖަމާއަތްތަކުގައި ބައިވެރިވުމަށް ދިވެހިން ރެކްރޫޓްކޮށް، ހަނގުރާމަތަކަށް މީހުން ފޮނުވަމުންދިޔަ ކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ މުހައްމަދު އަމީންގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ބާތިލުކޮށް ގޭ ބަންދަށް ބަދަލު ކުރި މައްސަލައާ ގުޅިގެން އެ ނިންމުން ނިންމި ފަނޑިޔާރުގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށައަޅައިފި އެވެ.

މީގެ ދެ އަހަރު ކުރިން ހައްޔަރުކުރި އަމީނަކީ ޓެރަރިސްޓު ޖަމާއަތް، އައިއެސްގެ ރާއްޖޭގެ ލީޑަރު ކަމަށް ބުނާ މީހެކެވެ. އޭނާ ހައްޔަރުކޮށް ދައުވާކޮށްފައި ވަނީ، ޓެރަރިސްޓު ޖަމާއަތެއްގައި ބައިވެރިވުމާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގަ އެވެ.

ބަންދު މުރާޖައާ ކުރުމަށް ކްރިމިނަލް ކޯޓުގައި މި މަހުގެ 3 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި އިސް ގާޒީ ޝަކީލު ވަނީ، އެކަށީގެންވާ ބޭސް ފަރުވާ ލިބެން ނެތް ކަމަށް ވިދާޅުވެ އަމީން ދޫކޮށްލަން އަމުރު ކުރައްވައިފަ އެވެ. ނަމަވެސް ރާއްޖެ ބަލި ހުންނަ އަމީނަށް، އެކި ފަހަރު މަތިން ފަރުވާ ދީފައިވާ ކަމަށް ކަރެކްޝަންސްގެ އޮފިޝަލުން ކޯޓުގައި އެ ދުވަހު ބުނެފައި ވެ އެވެ.

ޓެރަރިސްޓެއްގެ ގޮތުގައި ބަލާ އަމީން ޝަރީއަތް ނިމެންދެން ޖަލުގައި ބަންދު ކުރަން އަމުރުކުރީ ޑިސެންބަރު 15، 2019 ގައެވެ.

އަމީންއަކީ ދުނިޔެއިންވެސް ޓެރަރިސްޓެއް ކަމަށް ކަނޑައަޅާފައިވާ މީހެއް ކަމަށާ އެފަދަ މީހަކަށް ލުއި ދިނުމަކީ ޓެރިޒަމްގެ އަމަލު ހިންގުމަށް ވާގިދިނުމެއް ކަމަށާ މިފަދަ ނިންމުމެއް ނިންމީ މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ބެލުމަށް ފަހު ނޫން ކަމަށެވެ.

ގާޒީ ޝަކީލުގެ އެ އަމަލަކީ އޭނާގެ ސުލޫކީ މައްސަލައެއް ބަލަން ޖެހޭ ފަދަ މައްސަލައެއް ކަމަށް ބުނެ ޝަކީލްގެ މައްސަލަ ޖޭއެސްސީން ބަލައިދިނުމަށް އެދިފައިވެއެވެ. 

"ފަނޑިޔާރުން އަމަލުކުރަންވާނީ ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ކަމަށް ވާއިރު، ގާނޫނުގައި ކަނޑައެޅި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް މުހައްމަދު އަމީން ގޭގެ ބަންދަށް ބަދަލުކުރުމަކީ އެ ނިންމުން ނިންމެވި ފަނޑިޔާރުންގެ ސުލޫކީ މައްސަލައެކެވެ،" މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅު އިސް ގާޒީކަމަށް އައްޔަން ކުރެއްވި ޝަކީލްއާ ގުޅޭގޮތުން ހުށަހެޅި މައްސަލައިގައި ވެ އެވެ.

އަމީނަކީ އެމެރިކާ އިން ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅާ ލިސްޓުގައި ހިމެނުނު ފުރަތަމަ ދިވެހި މީހާ އެވެ. އޭނާ އަކީ ޓެރަރިސްޓެއް ކަމަށް ކަނޑައަޅައި، އެމެރިކާގެ ޑިޕާޓްމަންޓް އޮފް ދަ ޓްރެޒަރީޒް އޮފީސް އޮފް ފޮރިން އެފެއާޒް ކޮންޓްރޯލް (އޯއެފްއޭސީ) އިން ވަނީ މާލީ ދަތިކުރުމުގެ ފިޔަވަޅު ވެސް އަޅައިފަ އެވެ.

އަމީނަކީ، ސަލްޓަން ޕާކް ބޮމުގެ ހަމަލާއާ ގުޅިގެން ވެސް ހައްޔަރުކުރަން އުޅުމުން ރާއްޖޭން ބޭރަށް ގޮސް ފިލައިގެން އުޅުނު މީހެކެވެ. އޭރު އަމީން ހޯދަން އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނުނެވެ. ނަމަވެސް 2011 ވަނަ އަހަރު ލަންކާ އިން ހައްޔަރުކޮށް ރާއްޖެ ގެނައުމަށް ފަހު ހުންނަނީ ދޫކޮށްލައިފަ އެވެ. އަމީން، އޭރު ލަންކާ އިން ހައްޔަރުކުރީ ވަގު ޕާސްޕޯޓެއް ގައި އެ ގައުމަށް އެތެރެވާން އުޅެނިކޮށެވެ. އޭނާ އަތުން ދިވެހި ޕާސްޕޯޓަކާއި ޕާކިސްތާންގެ ޕާސްޕޯޓެއް ފެނުނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު