ޚަބަރު
ގާޒީ ރިޒްމީނާ އަދި ގާޒީ ހަސަން ސައީދުގެ ސުލޫކީ މައްސަލައެއް ބަލަނީ
ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދުގެ އިތުރު މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަހުގީގު ކުރަން ފަށައިިފި އެވެ.

ޖޭއެސްސީން ބުނެފައިވަނީ ސިވިލް ކޯޓުގެ ގާޒީ ރިޒްމީނާ، ދައުވާކުރާ ފަރާތް ތަމްސީލުކުރުމަށް ކޯޓަށް ވަކީލަކު ހާޒިރުވެ ހުރިއިރު ވަކީލުގެ ޣައިރު ހާޒިރުގައި ޝަރީއަތް ކުރިއަށް ގެންގޮސްފައިވާކަމަށް ބުނެ މައްސަލައެއް ހުށަހަޅާފައިވާކަމަށެވެ. އެހެންކަމުން އެ މައްސަލަ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބެލުމަށް ނިންމާފައިވާކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.

މީގެއިތުރުން ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދާއި ގުޅޭގޮތުން ބެލުމަށް ނިންމާފައިވަނީ 2018 ވަނަ އަހަރު ފެމިލީ ކޯޓުގެ ފަރާތުން، އެކޯޓުގެ މުވައްޒަފުން ރާއްޖެއިން ބޭރަށް ފޮނުވައިގެން ކައިވެންޏެއް ކޮށްދިންކަމަށް ބުނާ މައްސަލައެކެވެ.

އެ މައްސަލައިގައި ހަސަން ސައީދުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމާފައިވަނީ އޭނާއަކީ ފެމިލީ ކޯޓުގެ އޭރުގެ އިސްގާޒީ ކަމަށްވީތީއެވެ.

މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތުހުމަތުކޮށް ހަތް ދައުވާ އުފުލާފައިވާ އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރަން ނެރުނު އަމުރާ ގުޅިގެން ވެސް ހަސަން ސައީދުގެ ސުލޫކީ މައްސަލައެއް ވެސް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ. ގާޒީ ހަސަނަށް ތުހުމަތުކުރަނީ ދައުވާ ލިބޭ ފަރާތް ފުރުން މަނާކުރުމަށް ނެރެފައިވާ އަމުރު ބާތިލުކުރުމުގައި ގާނޫނުއަސާސީއާއި ގާނޫނުތަކާ ހިލާފަށް އަމަލުކޮށްފައިވާ މައްސަލަ އެވެ.

އަލީ ވަހީދުގެ ނަން ނުޖަަހައި ޖޭއެސްސީން ކުރިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެ އަމުރު ނެރުމުގައި ދައުވާ ލިބޭ ފަރާތުގެ މައްޗަށް ގާނޫނު ހިންގަން ހުރަސް އެޅޭ ގޮތަށް އަމަލުކޮށްްފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

އެ މައްސަލަ ޖޭއެސްސީއަށް ހުށަހެޅީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުންނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
100%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު