ޚަބަރު
ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ބާރު އޮތީ ރައްޔިތުންގެ އަތުގައި: މަވޯޓާ ޝަރީފް
ވެރިކަމުގެ ނިޒާމް ބަދަލުކުރުމުގެ ބާރު އޮތީ ރައްޔިތުންގެ އަތުގައި ކަމަށާއި، ނިޒާމު ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަށް ކަނޑައެޅޭނެ ކަމެއް ނޫންކަމަށް، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެ އެވެ.

ޝަރީފް މިހެން ވިދާޅުވީ ސަރުކާރު އުވާލާ ރާއްޖޭގެ ހިންގުން ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަން ބޭނުންފުޅުވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވެވި މެސެޖެއްގަ އެވެ.

ނަޝީދުގެ އެ ވާހަކަތަކަށް ރައްދު ދެއްވާ ޝަރީފް ވިދާޅުވީ ވެރިކަމުގެ ނިޒާމު އުވާލާ އެހެން ނިޒާމަކަށް ފުރޮޅާލުމުގެ ބާރު އޮތީ ހަމައެކަނި ރައްޔިތުންނަށް ކަމަށެވެ. އެއީ ރައްޔިތުންގެ ވޯޓަކުން ނިންމާފައިވާ އޮތް ނިންމުމެއް ކަމަށާ އެ ނިންމުން ރައްޔިތުންގެ ވޯޓަކަށް ނުގޮސް ބަދަލު ނުކުރެވޭނެ ކަމަށެވެ.

"އެއީ ރައްޔިތުންގެ ވޯޓަކުން ނިންމާފައި އޮތް [ގޮތް]. ވީމާ ނިޒާމު ބަދަލު ކުރެވޭނީ ރައްޔިތުންގެ ވޯޓަކަށް ގޮސްގެން. އެއީ ރައީސަކަށް، ރައްޔިތުންގެ މަޖިލިސް އަކަށް ވެސް ނިންމޭނެ ކަމެއް ނޫން،" އަބަދުވެސް ބަރުލަމާނީ ނިޒާމާ ދެކޮޅަށް ވާހަކަދައްކަވާ ޝަރީފް ވިދާޅުވިއެވެ. 


ރައީސް ނަޝީދު ވަނީ ރާއްޖޭގައި ވެރިކަމުގެ ނިޒާމް، ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ޤައުމުގެ ބޮޑުވަޒީރަކަށް ވެވަޑައިގަންނަން ބޭނުންފުޅުވާކަން ރައީސް ސޯލިހަށް އިއްޔެ އަންގަވާފައެވެ. އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ނުބޭއްވުމަށްވެސް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

ރައީސް ނަޝީދު ވިދާޅުވީ ބޮޑުވަޒީރުކަން ކުރައްވަން ބޭނުންފުޅުވަނީ، އެއްފަރާތްވެވަޑައިގެން ނުހުންނަވައި ޤައުމު ހިންގަވަން ބޭނުންފުޅުވާތީ ކަމަށެވެ.

ވެރިކަން ހިންގުމުގެ އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށް ރައީސް ނަޝީދު އަބަދުވެސް ވިދާޅުވެ އެވެ. އަދި ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ ނަމަވެސް ނިޒާމު ބަދަލު ކުރައްވާނީ ރައީސް ސޯލިހާ މަޝްވަރާ ކުރައްވާފައި ކަމަށް ވިދާޅުވެފައިވެ އެވެ.

ރައީސް އޮފީހުގައި މިދިޔަ އަހަރުގެ ޖޫން މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރައްވަންތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން، ރައީސް ސޯލިހު ވިދާޅުވީ ވެރިކަމުގެ ނިޒާމާ މެދު ވިސްނަވައި، ރައީސްގެ މަގާމުގައި ހުންނަވައިގެން ވަގުތު ހޭދަކުރައްވަން ބޭނުންފުޅު ނުވާ ކަމަށެވެ.

"އަޅުގަނޑު މި މަގާމަށް އައިސް މި ހުރީ ވަރަށް ގިނަ ވައުދުތަކެއް ވެގެން. އަޅުގަނޑު ހުރިހާ ވަގުތެއް ހުސްކުރަން ބޭނުން ވަނީ އެ ވައުދުތައް ފުއްދުމަށް. އަޅުގަނޑުގެ ސިކުނޑި އާއި އެހެން ކަންކަން މި ނޫން ކަމަކަށް ހުސްކުރާކަށް ބޭޭނުމެއް ނޫން،" ރައީސް ވިދާޅުވި އެވެ. 

ރައީސް ނަޝީދު މަޖިލިސް ހިންގަވަނީ ގާނޫނުއަސާސީއާ ހިލާފަށް މަޖިލީހަށް ލިބިގެންވާ ބާރުގެ ބޭރުން، ބަރުލަމާނީ ނިޒާމެއްގައި މަޖިލިސް ހިންގާ ގޮތަށް ކަމަށް ބުނެ އިދިކޮޅުން ފާޑުކިޔަ އެވެ.

މިހާރު އަމަލުކުރަން ފަށައިފައިވާ ގާނޫނުއަސާސީގައި ވެރިކަމުގެ ނިޒާމެއްގެ ގޮތުގައި ރިޔާސީ ނިޒާމު ކަނޑައަޅާފައި ވަނީ އާންމު ވޯޓަކަށް ގޮސްގެންނެވެ. ދެހާސް ހަތް ވަނަ އަހަރު ބޭއްވި އާންމު ވޯޓުގައި ރިޔާސީ ނުވަތަ ޕްރެޒިޑެންޝަލް ސިސްޓަމްް ބާއްވަން، 62 ޕަސެންޓް މީހުން ވޯޓު ދިނެވެ. އެއީ 95،619 މީހުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު