ޚަބަރު
ބަދަލުގެ ގޮތުގައި މަންދު ކޮލެޖަށް ދޭން ޖެހޭނީ 1.5 މިލިއަން ރުފިޔާ: އޮޑިޓް އޮފީސް
މަންދު ކޮލެޖުގެ ޗެއާމަން އިބްރާހިމް އިސްމާއިލް (އިބްރާ) -
އެމްއީއެސް ކުރިން ހިންގި އިމާރާތް މަންދު ކޮލެޖަށް ދޫކުރި އެއްބަސްވުުން ބާތިލްކޮށް، ސަރުކާރުން އެތަން އަތުލި މައްސަލާގައި ގެއްލުމުގެ ބަދަލަށް އެންމެ ގިނަ ވެގެން ވެސް ދޭންޖެހޭނީ 1.5 މިލިއަން ރުފިޔާ ކަމަށް އޮޑިޓް އޮފީހުން ހެދި އެސެސްމަންޓުން ދައްކައިފި އެވެ.

މި އެސެސްމެންޓް ރިޕޯޓް އޮޑިޓަރ ޖެނެރަލް ހައްދަވާފައިވަނީ މާލެ ހައި ޕްރައިވެޓް ލިމިޓެޑަށް ދޭންޖެހިދާނެ ގެއްލުމުގެ ބަދަލެއް ކަނޑައަޅައި ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސިޓީއަކުން އެދިވަޑައިތުމާއި ގުޅިގެންނެވެ.

އެގޮތުން އެޑިޓަރ ޖެނެރަލް ތައްޔާރުކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގައި ބުނެފައިވަނީ އެމްއީއެސް ހިންގި ބިމާއި އިމާރާތުގައި އިންޓަރނޭޝަނަލް ސްކޫލެއް ހިިންގުމަށް ހެދި އެއްބަސްވުން އުވާލެއްވުމާ ގުޅިގެން، މާލެ ހައި ޕްރައިވެޓް ލިމިޓެޑްއިން ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހަޅާފައިވާ ކަންކަމަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި އެންމެ ގިނަ ވެގެން ދޭންޖެހޭނީ 1،279،621 ރުފިޔާއާއި 1،581،475 ރުފިޔާއާއި ދެމެދުގެ މާލީ ބަދަލެއްކަމަށް ބެލެވޭކަމަށެވެ.

އެމްއީއެސް އިމާރާތުން ބައެއް ބައިތައް އަރަބިއްޔާ ސްކޫލު ވަގުތީގޮތުން ހިންގަން ދޫކުރުމާ ގުޅުންހުރި އެކި ކަންކަމަށް 2010 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށް މަންދު ކޮލެޖާއި މާލެ ހައި ޕްރައިވެޓަށް މުޅި ޖުމްލަ 4.6 މިލިއަން ރުފިޔާ ދީފައި ވެ އެވެ. 

މަންދު ކޮލެޖުން ހުށަހެޅީ ކުންފުނިން ބަދަލުގެ ގޮތުގައި 18 މިލިއަން ރުފިޔާ ދައުލަތުން ނަގައިދިނުމަށް އެދި އެވެ. އެ އަދަދު، އެ ކުންފުނިން ކަނޑައަޅާފައިވަނީ ބޭރުގެ ފާމަކުން ކުރި އޮޑިޓަކަށް ފަހު އެވެ.

މި މައްސަލާގައި ޝަރީއަތުގެ މަރުހަލާއާ ހަމައަށް ނުގޮސް، ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ދައުލަތާއި ކުންފުންޏާ ދެމެދު ވަނީ އެއްބަސްވުމަކަށް ދިޔަ އެވެ.

އެގޮތުން ދައުލަތުން އެއްބަސްވީ އެގްރިމެންޓު އުވާލުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށެވެ. އެގޮތަށް މަންދު ކޮލެޖް ހިންގާ ކުންފުނިން ވެސް އެއްބަސްވާތީ، ކޯޓުން ވަނީ މައްސަލަ އެ އެގޮތަށް ނިންމައިފަ އެވެ.

މަންދު ކޮލެޖު ހިންގާ ކުންފުންޏަށް މި ސަރުކާރުން 15 މިލިއަން ރުފިޔާ ދޭން އެއްބަސްވެފައިވާއިރު، މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަކީ އިބްރާހިމް އިސްމާއިލްގެ ކޮއްކޮ އެވެ. މީގެ ކުރިން އެ އާއިލާގެ ބޭފުޅުންގެ މަސްލަހަތު އޮންނަ ބިގް ކުންފުންޏަށް ވެސް މި ސަރުކާރުގައި ބަދަލު ނަގައިދީފައިވެ އެވެ.

މަންދު ކޮލެޖަށް ބޮޑު ބަދަލެއް ދޭން ސަރުކާރުން އެއްބަސްވުމުން އެކަމާ ގުޅިގެން އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން އެކަމަށް ގެންދަނީ ފާޑުވެސް ކިޔަމުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު