ޚަބަރު
ސުޕްރީމް ކޯޓުގެ ހުކުމާ އެކު އަދުނާން ފުލުހުންގެ ވަޒީފާއަށް
މޯލްޑިވްސް ޕޮލިސް ސާވިސްގެ މެރިން ޕޮލިހުގެ ކުރީގެ ވެރިޔާ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަދުނާން
މެރިން ޕޮލިސްގެ ކުރީގެ ވެރިޔާ އިބްރާހިމް އަދުނާން އަނީސް ފުލުހުންގެ ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން ވަޒީފާ އަލުން ހޯދަން ސިވިލް ކޯޓުގައި ކުރި ދައުވާގައި ދައުލަތުން އެއްބަސްވެ ވަޒީފާ ހަމަޖައްސައިދީފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ސުޕްރިޓެންޑެންޓުގެ ރޭންކާ އެކު، އަދުނާން މިދިޔަ ހަފުތާގައި މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ.

އޭނާއަކީ، 2012 ވަނަ އަހަރު ތުހުމަތުތަކެއްކޮށް ފުލުހުންގެ މަގާމުން ވަކިކުރި ބޭފުޅެކެވެ. އެގޮތުން އޭނާއަށް ކޮށްފައިވަނީ "ފުލުހުންނާއި ސިފައިން ހިންގި ބަގާވާތު"ގެ ނަމުގައި އެމްޑީޕީން ނެރުނު ރިޕޯޓެއްގައި އެކުލަވާލުމުގައި ބައިވެރިކަމުގެ ތުހުމަތެވެ.

އެ މައްސަލާގައި އޭނާ ވަޒީފާއިން ވަކިކުރީ ގަވައިދާ ހިލާފަށް ކަމަށް ބުނެ، ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން އެ ކޯޓުން ނިންމީ، ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށެވެ. ނަމަވެސް، ހައިކޯޓުން އެ ހުކުމް ބާތިލްކުރި އެވެ.

އެ މައްސަލާގައި އަދުނާން އަނީސް، ސުޕްރީމް ކޯޓަށް ދިޔުމުން އޭނާއަށް ކާމިޔާބުވި އެވެ. ސަރުކާރު ބަދަލުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި، ދައުލަތުން ވެސް ވަނީ އަދުނާން ވަޒީފާއިން ވަކިކޮށްފައިވަނީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުގައި އެއްބަސްވެފަ އެވެ.

ސުޕްރީމް ކޯޓުން މައްސަލާގައި ކުރި ހުކުމްގައި ބުނެފައިވަނީ، އަދުނާން އަނީސް ވަޒީފާއިން ވަކިކުރުމުގައި ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ރިއާޔަތްކުރި ހެކިތައް އެނގެން ނެތް ކަމަށެވެ. ފުލުހަކު ވަޒީފާއިން ވަކި ކުރެވޭނީ ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކުރިކަން ތަހުގީގަކަށް ސާބިތުވެ، އެއީ އެމީހަކު ވަކިކުރަން އެކަށީގެންވާ ސަބަބެއް އޮތް ހާލަތުގައި ކަމަށް ހުކުމްގައިވެ އެވެ.

އަދުނާންގެ އިތުރުން ފުލުހުންގެ ވަޒީފާއިން ވަކިކުރި ގިނަ އޮފިސަރުންތަކަކަށް އަލުން ވަޒީފާ ދިނުމަށް މި ސަރުކާރު އައި ފަހުން ކޯޓުތަކުން ހުކުމްކޮށްފައި ވެ އެވެ. 

މިހާރު ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަކީ ވެސް 2012 ވަނަ އަހަރު އަދުނާން އަނީސްއެކޭ އެއްގޮތަށް އެ މައްސަލައިގެ ތެރެއިން ވަޒީފާއިން ވަކިކުރި ބޭފުޅެކެވެ. ނަމަވެސް އާ ސަރުކާރު ވެރިކަމަށް އައުމާއެކު، ހަމީދުގެ ވަޒީފާ އަލުން ދިނުމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވެ އެވެ.  

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު