ޚަބަރު
އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި
އިސްރާއީލުގެ އިސްތިއްމާރީ ބާރުތަކުން ރޭ މަސްޖިދުލްއަގްސާއަށް ދިން ހަމަލާގެ ތެރެއިން
އިރުމަތީ ގުދުސްގައި އިޒްރޭލުން ފަލަސްތީނުގެ އެތައް ބަޔަކަށް ދެމުންދާ ހަމަލާތައް ރާއްޖެއިން މިއަދު ކުށްވެރިކޮށްފިއެވެ.

އިޒްރޭލާއި ފަލަސްތީނުގެ މަޝްރަހު ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހު ގޯސްވެ އެވެ. މި ފަހަރު މައްސަލަ ގޯސްވީ ފަލަސްތީނު މީހުންނަށް އަޅުކަން ކުރުމަށް ހުރަސް އަޅާތީ އެވެ. ނަމަވެސް އިޒްރޭލުން ބުނީ ހުރަސް ނާޅާ ކަމަށާއި، ފިޔަވަޅުތައް އަޅާފައިވަނީ ކޮވިޑާ ގުޅިގެން ކަމަށެވެ.

އިޒްރޭލުން ވެރިވެގަނެފައިވާ ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން އާބާދު ކުރުމުގެ ގޮތުން އެ ތަންތަނުގައި ހުރި ގެތަކުން ފަލަސްތީނު މީހުން ނެރެން ތައްޔާރު ވާތީ ވެސް މައްސަލަ އޮތީ ގޯސްވެފަ އެވެ.

މިސްކިތުގެ ބޭރުގައި ފަލަސްތީނުގެ މީހުން ވަނީ އިޒްރޭލު ފުލުހުންނަށް އަމާޒުކޮށް ހިލަ އާއި ބިއްލޫރި ފުޅި އުކާފަ އެވެ. އިޒްރޭލު ފުލުހުން ރައްދު ދިނީ ރަބަރު ބުލެޓާއި ސްޓަން ގްރެނޭޑުންނެވެ.

ރޭގެ ހަމަނުޖެހުމުގައި އަނިޔާވި މީހުންނަށް ފަރުވާ ކުރަން ރެޑް ކްރެސެންޓުން ވަނީ ފީލްޑް ހޮސްޕިޓަލެއް ހުޅުވާފަ އެވެ. އެ ހަމަނުޖެހުންތަކުގައި ފަލަސްތީނުގެ 205 މީހަކަށް އަނިޔާވިއިރު އިޒްރޭލްގެ 17 އޮފިސަރަކަށް ވެސް ވަނީ އަނިޔާވެފައެވެ.

ރޭގެ ހަމަނުޖެހުން ހިނގީ މި ރޯދަ މަހުގެ އެންމެ ފަހު ހުކުރާ ދިމާކޮށް އަޅުކަން ކުރަން އެތައް ހާސް މުސްލިމުންނެއް ޖަމާވެފައި ވަނިކޮށެވެ.

ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އިޒްރޭލުން އިރުމަތީ ގުދުސްގެ ޝެއިހް ޖައްރާ ޑިސްޓްރިކްޓުގައި އުޅޭ ފަލަސްތީނު މީހުން ގެތަކުން ބޭރު ކުރަން އުޅޭ އުޅުމާއި އަދި އަގްސާ މިސްކިތުގައި ނަމާދަށް ތިބި މީހުންނަށް ހަމަލާ ދިނުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ހިލާފު ކަމެއް ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށެވެ.

އަދި މިފަދަ ކަންކަމަކީ ސަރަހައްދުގެ ހަމަޖެހުން ގާއިމުކުރުމަށް ކުރަމުން އަންނަ މަސައްކަތަށް ހިޔަނި އެޅޭ ކަމެއް ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

މީގެއިތުރުން މެދުއިރުމަތީގެ ހަމަޖެހުމަށް އޮތް ހަމައެކަނި ހައްލަކީ ފަލަސްތީނަށް މިނިވަން ދައުލަތެއް އުފެއްދުމުގެ ޖާގަދިނުމާއެކު އެގައުމުގެ ވެރިރަށުގެ ގޮތުގައި އިރުމަތީ ގުދުސް ކަނޑައެޅުން ކަމަށްވެސް ރާއްޖޭގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި ރާއްޖެއިން އަބަދުވެސް އޮންނާނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން މަސްޖިދުލްއަގްސާއަށާއި އެތަނުގައި އަޅުކަންކުރާ ފަލަސްތީނު ރައްޔިތުންނަށާ އަދި ފަލަސްތީނުގެ ޣައްޒާއަށް ޙަމަލާދިނުން މިފަހަކަށް އައިސްވަނީ އާންމު ވެފައެވެ. ޚާއްސަކޮށް ކޮންމެ ރަމަޟާން މަހެއްގައި އިސްރާއީލުން ޣައްޒާއަށް ވައިގެ މަގުން ހަމަލާތައްދީ އުދުވާން ހިންގުމަކީ ރާވައިގެން ކުރާކަމެކެވެ.

މި ރަމަޟާން މަހުގެ ކުރީކޮޅުވެސް އިސްރާއީލުންވަނީ ޣައްޒާގެ އެތަށް ސަރަހައްދަކަށް ބޮން އަޅައި އުދުޥާން ހިންގާފައެވެ. އަދި ރަމަޟާންމަހު މާތްވެގެންވާ މަސްޖިދުލްއަގްސާއަށް ހަމަލާދީ އެމިސްކިތުގައި އަޅުކަންކުރާ މީހުންނަށް ހުރަސްއަޅައި ބިރު ދައްކައި ކަރުނަ ގޭހާއި ރަބަރު އުންޑައާއި ގޭސް ބޮމުން ހަމަލާދިނުންވަނީ އާންމު ކަމަކަށްވެފައެވެ. އަދި ފަލަސްތީނުގެ ކުށެއްނެތް އާންމުންގެ ލާއޮހޮރުވުމަކީ އިސްރާއީލުން ސިލްސިލާގޮތެއްގައި ހިންގާ ޖަރީމާތަކެއްކަމަށްވަނީ ވެފައެވެ.

ފަލަސްތީނުގެ ބައެއްގެ ގޮތުގައި އޮތް އިރުމަތީ ގުދުސްއަށް އިޒްރޭލުން ވެރިވެގަތީ 1967 ގައި ހިންގި ހަނގުރާމައަކަށް ފަހު އެވެ. ގިނަ ގައުމުތަކާއި އދ. އިން ވެސް އިޒްރޭލުން އެތަނަށް ވެރިވެގަނެފައި އޮތް އޮތުން ބަލައެއް ނުގަނެ އެވެ.

އިޒްރޭލުން ދެކޭ ގޮތުގައި މުޅި ގުދުސްއަކީ ޔަހޫދީންގެ ވެރިރަށެވެ. ނަމަވެސް ފަލަސްތީނުން ބޭނުންވަނީ އިރުމަތީ ގުދުސްއަކީ ފަލަސްތީނު ދައުލަތުގެ ވެރިރަށުގެ ގޮތަށް ހެދުމަށެވެ.

މިހާރު ޔަހޫދީން އާބާދު ކުރަމުންދާ އިރުމަތީ ގުދުސްގެ ޝެއިހް ޖައްރާގައި 3،000 އަށް ވުރެ ގިނަ ފަލަސްތީނު ރައްޔިތުން ދިރިއުޅެ އެވެ. ނަމަވެސް އިޒްރޭލުގެ ކޯޓުތަކުން އަންނަނީ އެ މީހުން ގެތަކުން ނިކުތުމަށް އަންގަމުންނެވެ.

އެ ތަނުގައި ޔަހޫދީން އާބާދު ކުރުމުގެ މަސައްކަތް ފެށީ 2001 ގައެވެ. އިޒްރޭލުން ބޭނުންވަނީ ގުދުސްގެ އާބާދީގެ 70 ޕަސަންޓަކީ ޔަހޫދީންނަށް ހެދުމަށެވެ. އަދި އާބާދީގައި ފަލަސްތީނު ރައްޔިތުންގެ ނިސްބަތް އެންމެ ގިނަވެގެން 30 ޕަސަންޓަށް ކުޑަ ކުރުމަށެވެ.


ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު