ޚަބަރު
ގެއްލިގެން ހޯދާ މިސްބާހު ހުރީ ޕާކިސްތާނުގައި ރަހީނުކޮށްފައި: ޕޮލިސް
ހދ. ނޮޅިވަރަންފަރު، މޯނިންގސަން، މިސްބާހް މުހައްމަދު
ގެއްލިގެން ހޯދަމުންދާ ހދ. ނޮޅިވަރަންފަރު، މޯނިންގސަން، މިސްބާހް މުހައްމަދު ޕާކިސްތާނަށް ގެންދިޔައީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށްގެން އަތުލައިގެން ނެޓްވޯކުގައި އިސްކޮށްހުރި އިރުފާން ތަގިއްޔުގެ އެތެރެކުރި ޑްރަގްސްގެ އަގު އަދާކުރާނެ ކަމުގެ "ގެރެންޓާ"ގެ ގޮތުގައިކަމަށް ބެލެވޭކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިސްބާހު ގެއްލިގެން އޭނާގެ އާއިލާއިން ފުލުހުންނަށް ހުށަހެޅުމުން އޭނާ ހޯދަން ފުލުހުން އިއުލާންކުރީ ނިމުނު މަހުގެ 14 ވަނަ ދުވަހު އެވެ.

އެ މައްސަލައިގެ އިތުރު ތަފްސީލު ހިމަނާ ފުލުހުން ރޭ ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ ނޮވެމްބަރު 11، 2020 ވަނަ ދުވަހުގެ ރޭ 22:13 ގައި ފްލައި ދުބާއީގެ EZ1570 ނަންބަރު ފްލައިޓުން ދުބާއީއަށް މިސްބާހް މުހައްމަދު ފުރާފައިވާކަން އިމިގްރޭޝަންގެ ރެކޯޑްތަކުން ދައްކާ ކަމަށާ އޭނާ ދުބާއީއަށް ގޮސްފައިވަނީ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކްތައް ރާއްޖޭގައި ހިންގި، ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަގިއްޔުއާ އެކު ކަމަށެވެ. އިރުފާން ތަގިއްޔު ވަނީ ޑިސެމްބަރު 8، 2020 ވަނަ ދުވަހު "މަސްޖަރީ-2" ނަމަކަށް ކިޔާ ދޯނީގައި ކަންޑުމަގުން ރާއްޖެއަށް 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައެވެ.

އިރުފާން ތަގިއްޔު އާއި މިސްބާހް މުހައްމަދު ދުބާއީއަށް ފުރުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސްފައިވަނީ، 72 ކިލޯގެ މަސްތުވާތަކެތި ފެނުނު، އިރުފާން ތަގިއްޔު ދުއްވާ ކާރުގައިކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ފުލުހުން ވަނީ މި ކާރު އަތުލައިގެންފައެވެ. ފުލުހުން މި ކާރު އަތުލައިގެންފައިވަނީ ކަނޑުމަގުން އެތެރެކުރުި މަސްތުވާތަކެތި ލޯންޗެއްގައި މާލެ ގެނެސް އެ ކާރަށް އަރުވައިގެން ދަނިކޮށެވެ. މި ކާރުގެ ޑިކީ ތެރެއިން މަސްތުވާތަކެތި އަޅާފައި ހުރި ގޯނިތަކެއް ފުލުހުންވަނީ އަތުލައިގެންފައެވެ. 

އަދި މިސްބާހު އާއެކު ދުބާއީއަށް ދިޔަ އިރުފާން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު އެމިރޭޓްސްގެ ފްލައިޓަކުން ރާއްޖެ އައިސްފައިވާ ކަމަށާއި އަދި އޭގެ އެއް ދުވަސްފަހުން އޭރު ދުބާއީގެ ހުރި މިސްބާހު ފްލައި ދުބާއީގެ ފްލައިޓަކުން ޕާކިސްތާނަށް ފުރާފައިވާކަން މައުލޫމާތުތަކުން އެނގޭ ކަމަށް ފުލުހުން ބުނެއެވެ.

އެހެންކަމުން، މިސްބާހް މުހައްމަދު ޕާކިސްތާނަށް ގޮސްފައިވަނީ، ރާއްޖެ އެތެރެކޮށްފައިވާ މަސްތުވާތަކެތީގެ ފައިސާގެ ކަންކަން ނިމެންދެން، އިރުފާންއަށް މަސްތުވާތަކެތި ފޮނުވާފައިވާ ރާއްޖެއިން ބޭރުގެ މަސްތުވާތަކެތީގެ ނެޓްވޯކްގެ ބެލުމުގެ ދަށުގައި "ގެރެންޓަރ" އެއްގެ ގޮތުގައި ހުރުމަށް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.

".. އެހެންކަމުން މިސްބާހް މުހައްމަދު ޕާކިސްތާނަށް ގޮސްފައިވަނީ ރާއްޖެ އެތެރެކޮށްފައިވާ މަސްތުވާތަކެތީގެ ފައިސާގެ ކަންކަން ނިމެންދެން އިރުފާން ތަގިއްޔުއަށް މަސްތުވާތަކެތި ފޮނުވާފައިވާ ރާއްޖެއިން ބޭރުގެ މަސްތުވާތަކެތީގެ ނެޓްވޯކްގެ ބެލުމުގެ ދަށުގައި 'ގެރެންޓަރާ' އެއްގެ ގޮތުގައި ހުރުމަށް ކަމަށް ބެލެވޭ،"

އިރުފާން ތަގިއްޔުގެ މައްޗަށް ތުހުމަތުކުރެވޭ މަސްތުވާތަކެތި އެތެރެ ކުރުމުގެ މައްސަލައިގެ ތަހުގީގު ނިންމައި ފެބްރިއަރީ ތިން ވަނަ ދުވަހު ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް ފޮނުވާ ފެބްރުއަރީ 14 ގައި ވަނީ ދައުވާ އުފުލާފައެވެ. މި މައްސަލާގައި އިރުފާން ތަގިއްޔުއާއެކު ޖުމުލަ 10 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ.

ފުލުހުން ބުނީ މިސްބާހް މުހައްމަދު ފުރާފައިވާ ތާރީހަކީ ނޮވެމްބަރު 19، 2020 ކަމަށް މީގެ ކުރިން ބުނެފައިވަނީ އޭރު ލިބުނު މައުލޫމާތުގެ ކުށަކުން ކަމަށެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު