ޚަބަރު
ޕާލަމެންޓަރީ އިންކުއައިރީއަށް ފުލުހުންގެ ޑިރެކްޓަރ ކައުންޓަރ ޓެރަރިޒަމް ހާޒިރުކޮށްފި
ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާޢީލް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން މަޖިލީހުން ކުރިއަށްގެންދާ ޕާލިމަންޓްރީ އިންކުއަރީއަށް ކައުންޓަ ޓެރަރިޒަމްގެ ޑިރެކްޓަރު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއީލްވެސް ހާޒިރުކޮށްފިއެވެ. މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީއަށް ފަރީދު ޙާޒިރުކުރި ނަމަވެސް އިތުރު ތަފްސީލެއް ނުލިބެއެވެ. ކޮމިޓީން ކުރިއަށްގެންދާ ބައްދަލުވުންތައް ވަނީ ސިއްރުކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާގައި އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބެލުމަށް މަޖިލީހުން ކުރިއަށްގެންދާ ޕާލިމެންޓަރީ އިންކުއަރީއަށް ޑިރެކްޓަރ ކައުންޓަރ ޓެރަރިޒަމް، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއިލް ހާޒިރުކޮށް ސުވާލު ކޮށްފައިވާއިރު މިއަދު ވަނީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުވެސް ހާޒިރުކޮށް ސުުވާލު ކޮށްފައެވެ. 

ރައީސް ނަޝީދަށް ދިންހަމަލާއާއި ގުޅޭ އިންކުއަރީއެއް ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީން ހަދަމުންދާއިރު، އެކޮމިޓީގެ މުގައްރިރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވީ، މި ހާދިސާގެ އެންމެ ފުނަށް ކޮމިޓީން ދާނެކަމަށެވެ. އަދި ކޮމިޓީއަށް ހާޒިރުކުރަންޖެހޭ ފަރާތްތައް ޙާޒިރުކުރަމުންދާނެކަމަށްވެސް އަސްލަމް ވިދާޅުވެފައިވެއެވެ.

އެ އިންކުއަރީގައި ފަސް ކަމަކަށް ބަލާނެ ކަމަށް 241 ކޮމެޓީ އިން ވަނީ ބުނެފަ އެވެ.

1. ހަމަލާ ދިނުމުގެ ކުރިން، ހަމަލާއާ ގުޅޭ އެއްވެސް މައުލޫމާތެއް ސަލާމަތީ ހިދުމަތްތަކާއި ދައުލަތުގެ އެއްވެސް އިދާރާއަކަށް ލިބިފައިވޭތޯ ދެނަގަތުން.

2. ސަލާމަތީ ބާރުތަކުން ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭ ފަރާތްތަކަށް އެ ހިދުމަތް ފޯރުކޮށްދިނުމުގައި ކަނޑައެޅިފައިވާ މިންގަނޑުތަކަކީ ކޮބާތޯ ދެނެގަތުން

3. ނަޝީދަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އަމަލު ކުރަމުންދިޔަ ގޮތް ދެނަގަތުން.

4. ފައިނޭންސް އިންޓެލިޖެންސް މައުލުމާތު އެއްކުރާ ގޮތާއި މައުލޫމާތު ލިބުމުން އަމަލުކުރާ ގޮތް ދެނަގަތުން

5. ގާނޫނީ އޮނިޑަނޑާ އެއްގޮތަށް އަމަލު ކުރަމުންދާ މިންވަރު ދެނަގަތުން.

އެ އިންކުއަރީ އަށް ސިފަައިން ވެސް ހާޒިރު ކުރަން ނިންމާފައި ވަނިކޮށް އެމްއެންޑީއެފް އިން ބުނެފައިވަނީ އެ މުވައްސަސާގެ ފަރާތުން ވަކިވަކި ސިފައިން ކޮމެޓީ އަށް ޖަވާބު ދާރީ ވުމުގެ ބަދަލުގައި، ޖަވާބުދާރީ ވާނީ މުޅި މުވައްސަސާ އިން ކަމަށެވެ.

ރައީސް ނަޝީދަށް ދިން ހަމަލާ އައި ގުޅުންހުރި ހަތަރު މީހަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފަ އެވެ. އެ ހަމަލާ ގައި ލިބިވަޑައިގެންނެވި ޒަހަމްތަކަށް ފަރުވާ ހޯެއްދެވުމަށް އެ މަނިކުފާނު މިވަގުތު ހުންނެވީ ޖަރުމަނުގަ އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށް މިއަދު 30 ދުވަސް ވާއިރު، އެ ހަމަލާއަށް ފަންޑު ކުރި ބަޔަކު ހޯދުމަށް ގޮވާލާ ރައީސް ނަޝީދަށް ތާއީދު ކުރާ ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިއާގައި ކެމްޕޭނެއްވެސް ކުރިއަށް ގެންދަމުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު