ކުޑަފަރީގައި އެނދުމަތިވެފަ ތިބި މީހުންނަށް އެނދު ފޯރުވައިދީފި
މަރިޔަމް އަނާ
03 އޯގަސްޓް 2021 - 10:27
0 comments
ކުޑަފަރީގައި އެނދުމަތިވެފަ ތިބި މީހުނަށް ބޭނުންވާ ހޮސްޕިޓަލް އެނދުތައް ގޭގެއަށް ގެންދަނީ
ނ. ކުޑަފަރީގައި ދިރިއުޅޭ ރަށްވެހިންގެ ތެރެއިން އުމުރުން ދުވަސްވުމުގެ ސަބަބުން ތެދުވެ ނޫޅެވޭ ހާލުގައި ތިބި ފަރާތް ތަކަށް ސަރުކާރުން ހޮސްޕިޓަލް އެނދު ފޯރުވައިދީފިއެވެ.ކައުންސިލްގެ އުއްމީދަކީ މީގެ ސަބަބުން އެ ފަރާތްތައް، ލޯތްބާއި އަޅާލުމާއެކު ބެލެހެއްޓުމުގެ ޒިންމާ އަދާކުރަމުން ގެންދާ ފަރާތްތަކުގެ އާއިލާ ތަކަށް ލުއި ފަސޭހަ ކަމެއް ލިބުން ކަމަށް މިކަމާއި ގުޅިގެން ނ. ކުޑަފަރީ ކައުންސިލްގެ ރައީސް އަލީ ޝަމީމް މުހައްމަދު ވިދާޅުވިއެވެ. ކުޑަފަރީގައި އުމުރުން 65 އަހަރުން މަތީގެ 40 މީހުން ތިބިއިރު އޭގެ ތެރޭގައި މިފަހަރު ހޮސްޕިޓަލް އެނދު ލިބެނީ ޖުމުލަ 8 މީހަކަށެވެ."އެނދުމަތީގަ ތިބޭތާ ފަސް އަހަރު ހަ އަހަރު ވެފަ ތިބި ފަރާތްތައް ކުޑަފަރީގަ އެބަތިބި. އެ ފަރާތްތަކަށް ހޮސްޕިޓަލް ބެޑް ފޯރުކޮށްދިނީ. ފަސް ފަރާތަކާ މިއަދު މި ހަވާލު ކުރީ. ޖުމުލަ އަށް ފަރާތެއް ތިބީ މިފަހަރު ބެޑް ލިބޭ. އަދި އެއްބޭފުޅެއްގެ ބެޑް އަޅުގަނޑުމެންނާ ހިސާބަކަށް ނުލިބެ. އެ ފަރާތްތަކަށް ވަރަށް އަވަހަށް ބެޑް ލިބޭނެ. މިހާރު ވާނީ ޕާޗޭސް އޯޑަރ ފޮނުވާފަ. ނަމަވެސް ޑެލިވަރީގަ ކުޑަ ވަގުތުކޮޅެއް އަދި ނަގާނެ،" އަލީ ޝަމީމް ވިދާޅުވި އެވެ.އާބާދީގައި 860 މީހުން ދިރިއުޅޭ ކުޑަފަރީ ކައުންސިލްގެ ރައީސް ޝަމީމް ވިދާޅުވީ މިއީ ކައުންސިލުން ދާއިމީކޮށް ކުރިއަށް ގެންދާނެ ޕްރޮގްރާމެއް ކަމަށެވެ.ކައުސިލުން ގެންގުޅެނީ ކަމާ ގުޅުންހުރި ފަރާތްތަކާ އެކުގައި ގުޅިގެން މަސައްކަތް ކުރުމުގެ ވަރަށް ހަރުދަނާ ސިޔާސަތެއް ކަމަށާއި، ކުރާ ކޮންމެ ކަމެއްގައިވެސް ޖެންޑާ މިނިސްޓްރީ އާއި އެންސްޕާ އަދި އެނޫންވެސް ކަމާ ގުޅުން ހުރި އެކި ފަރާތް ތަކުގެ އެހީތެރިކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބެމުން އަންނަ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ޝުއޫރު