ވާހަކަ
ކުރަމޭ ބަޔާން... 13

"ހެޕީ ނިއުސްއެއް؟...." އަހަރެންގެ ހިތް ތެޅިގަތެވެ.

"އާނ... މި ހިތަށް އަރަނީ ލަވް ކައިރީ މިހާރު މި ވާހަކަ ބުނަންވީ ބާއޭ... ނޫނީ އަދި އިހަށް ނުބުނެ މަޑުކޮށްލަންވީ ބާއޭ..." ނަހީކު ބުންޏެވެ.

"ކީއްވެ މަޑުކުރަނީ؟..." އަހަރެންގެ ހިތް ކުރިއަށްވުރެ ބާރަށް ތެޅިގަތެވެ.

********

"ހާދަ ހާސްވީ؟..." ނަހީކު ލާނެތްގޮތަކަށް ހީލި އަޑު އިވުނެވެ. "އަދި ފަހުން ބުނާނީ... ހުރިހާ ކަމެއް ހަމަޖެހުނީމަ ބުނާނަން... އޯކޭތަ؟..."

"ދެން ނިކް..." އަހަރެންގެ ތަބީއަތު ބަދަލުވިއެވެ. ކުޑަކުއްޖެއް ބޮޑާހާކައިލާ ގޮތަށް އަޑެއް ލައްވައިލެވުނެވެ. "ނުބުނަންޏާ، ކީއްކުރަންތަ ހިތް ތަޅުވަން އެ ވާހަކަ ދެއްކީ؟..."

"ވީޑިޔޯ ކޯލެއް ކުރަންތަ؟..." ނަހީކު އަހައިލިއެވެ.

"ނޫޅެން..." އަހަރެން ވަގުތުން ދެކޮޅުހެދީމެވެ.

"ލަވް މިހާރު ހުންނާނީ، މިގޮތަށް ތުންކޮޅު ދަމާލައިގެން..." ނަހީކު މަޑުމަޑުން ހީލަމުން ބުންޏެވެ. "އިނގޭތަ؟... ތިހެން ހުންނައިރު ލޯބިން ބައްދާލާހިއްވަނީ...... ލަވްއާ ނުލާ ދުރުގަ މިހެން ހުރެވޭ ވަރެއްވެސް ނޫން..."   

އަހަންނަށް ހެވުނެވެ. ނަހީކުދެކެ އަހަރެން އިންތިހާއަށް ލޯބިވަމެވެ. ހަމަ އެފަދައިން އޭނާވެސް އަހަރެންދެކެ ލޯބިވާކަން އަހަންނަށް އެނގެ އެވެ. ދަރިން ނުލިބޭކަމަށް ބުނެ ބޮޑު އޮޅުވާލުމެއް ނަހީކު އަހަންނަށް އޮޅުވައިލަންޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަކަށް އަހަރެން ގަބޫލެއް ނުކުރަމެވެ. އާހިލް ދެއްކީ ދޮގު ވާހަކައެކެވެ. ހަމަޖެހިގެން އުޅޭ ދެމަފިރިން ދުރުކުރަން މީހުން މަސައްކަތް ކުރެއެވެ. އަހަރެން ގަބޫލުކުރީ އާހިލްއަކީ އޭގެ މީހެއް ކަމަށެވެ.

އެތައް ވާހަކައެއް ދައްކާފައި ފޯނު ބޭއްވިއިރު، އަހަރެންގެ ނުތަނަވަސްކަމަށް ލުޔެއް ލިބިއްޖެ އެވެ. އާހިލްގެ ވާހަކަ ހަނދާންނެތި، ނަހީކުގެ އުފާވެރި ޚަބަރު އަޑުއަހާ ހިތުން ކެތްތެރިކަން ކުޑަވެފައި ވިއެވެ. އެކަމަކު، ނަހީކު އެދުނު ފަދައިން، އޭނާ ބުނަންދެން އަހަރެން އެ ޚަބަރަކަށް އިންތިޒާރު ކުރާނަމެވެ.

އަހަރެން އޮތީ ނަހީކު ފޮނުވި ތަސްވީރުތައް ބަލާށެވެ. އެވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ނަހީކުގެ ހަށިގަނޑު ކުރިއަށްވުރެ ރޫފަ ރަނގަޅުވެލާފައި ހުރިހެން ހީވިއެވެ. ރީތި ތަންތަނުގައި ނަގާފައިވާ ތަސްވީރުތަކާއި، ނަހީކު އޭނާގެ ރައްޓެހިންނާއި އެކުގައި ނަގާފައިވާ ތަސްވީރުތައް ފޮނުވާފައި ހުއްޓެވެ. ހުރިހާ ތަސްވީރެއްގެ ތެރެއިންވެސް އަހަރެންގެ ލޮލުގައި އަޅައިގަތީ، ޒުވާން އަންހެން ކުއްޖަކު އަރާނޭހެން ނަހީކު ނަގާފައިވާ ތަސްވީރެކެވެ. ރީތި ދޮން އަންހެން ކުއްޖެކެވެ. އެ ކުއްޖާ ހުރީ ނަހީކާއި ތަންކޮޅެއް ދުރުގަ އެވެ. ހިނިތުންވެލައިގެން ހުރިއިރު، އެ ނަޒަރު ހުއްޓިފައިވީ ސީދާ ނަހީކަށެވެ. ނަހީކު އެ ތަސްވީރު ނެގީ އެ ކުއްޖާ އަރާނޭހެން ކަން އޭނާއަށް އެނގޭ ކަހަލަ އެވެ. އެއީ ނަހީކު އެ ކުއްޖާ އާއިއެކުގައި ނަގާފައިވާ ތަސްވީރެއް ކަން ދޭހަ ނުވި ނަމަވެސް، އަހަރެންގެ ހިތުގައި ބިރުވެރިކަމުގެ ރާޅެއް ދަތުރުކޮށްލިއެވެ. އަނެއްކާ ނަހީކު ދޭން އުޅޭ އުފާވެރި ޚަބަރަކީ އެއީ ހެއްޔެވެ؟

އަހަންނަށް ނިދުނީ ފިކުރުތަކުގެ ތެރޭގައި އޮއްވައެވެ. ނިދުނުތާ މާ ގިނައިރެއްނުވެ، މުޅި ކޮޓަރިތެރޭގައި އެއް އަޑަކަށް ގުގުމައިލީ ފޯނުގެ ރަނގަބީލުގެ އަޑެވެ. ހޭލެވުމާއިއެކު، ކަންފަތް މަތީގައި ބާލީސްއަޅައި، ވީހާވެސް ބޮޑަށް ރަޖާގަނޑުގެ ތެރެއަށް ވަދެ، ނިވާވެލީމެވެ. ވަރުބަލިވެފައިވާ އެސްފިޔަތައް ހުޅުވައިލާނޭ ހިއްވަރެއް ނެތެވެ.

ތިންވަނަ ފަހަރަށް ފޯނު ރިންގްވާން ފެށުމުން އަހަރެން ރުޅި ގަދަވިއެވެ. ފުންމައިގެން ތެދުވީމެވެ. ގުޅި މީހަކާ ދިމާއަށް އެތައް އެއްޗެއް ކިޔަމުން އިސްކްރީނަށް ބަލައިލީމެވެ. އިސްކްރީނަށް އަރާފައި އޮތީ، ނުދަންނަ ނަންބަރެކެވެ. ފޯނު ނަގައި ކަންފަތުގައި ޖައްސައިލީ އެ މީހަކާއި ދިމާއަށް އެއްޗެހި ކިޔަން ތައްޔާރުވެގެންނެވެ.

"އަދިވެސް ނިދަނީދޯ..." އަހަންނަށްވުރެ ކުރިން ފޯނުގެ އަނެއްކޮޅުން ވާހަކަ ދައްކަން ފެށިއެވެ. "މިހުރީ ރިވާ ބަލާ އައިސް... ދޮރުމަތީ މިހުރީ..."

އިވުނީ އާހިލްގެ އަޑެވެ. ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ހުއްޓުން އަރާފައި އިނދެވުނެވެ. ދެން ބަލައިލެވުނީ ގަޑިއެވެ. ގަޑިން ފަތިހު ފަސްގަޑި ބައިވީ އެވެ. ރޭގެ ހާދިސާ ހަނދާނަށް އައުމުން، އަހަރެންގެ މޫޑު ޚަރާބު ވިއެވެ. އަހަރެން ރުޅި އަރުވާފައި، އާހިލްއަށް އަހަރެން ހޯދަން އަންނަ ކެރުނީތީ، އިތުރަށް ރުޅިގަދަވާގޮތް ވިއެވެ.

"ކީއްކުރަން މިގެއަށް ތި އައީ؟..." އަހަރެން ގަޔާނުވެފައި އަހައިލީމެވެ.

"އެހާ އަވަހަށް ހަނދާންނެތުނީ؟...." އާހިލް ޗޮކެއް ކަނޑައިލި އެވެ. "ޝައިބާގެ ކަންތަކުގަ ހެލްޕްވާން ރިވާ އެއްބަސްވީމެއްނު...."

އަހަރެން ވިސްނައިލީމެވެ. އެކުވެރިޔާގެ މަރަށް އިންސާފު ހޯދުމުގައި އެހީވާ މީހަކަށް ވާން އަހަރެން ބޭނުމެވެ. އެކަން ވާން އޮތީ، އާހިލްގެ އެހީގައެވެ. އާހިލް އަކީ ފުލުހެކެވެ. އެއީ ޝައިބާގެ މަރު ތަހުގީގު ކުރުމާއި ހަވާލުވެހުރި މީހާވެސް މެއެވެ. އެކަމަކު އަމިއްލަ ދިރިއުޅުމުގެ އެއްވެސް ކަމެއްގައި އާހިލްއަށް އިތުބާރު ކުރާކަށް އަހަރެން ބޭނުމެއް ނޫނެވެ. ވިސްނާ ވިސްނާ އަހަރެންގެ ސިކުނޑި ސުމަކަށް ދިޔަ އެވެ. އާހިލް އާއި ބައްދަލުކުރަންވީ ހެއްޔެވެ؟ އޭނާއަށް އިތުބާރު ކުރަންވީ ހެއްޔެވެ؟ ޝައިބާގެ މަރަށް އިންސާފު ހޯދެން އޮތް ހަމަ އެކަނި މަގަކީ އާހިލް އެވެ. ހިތުގައި އުފެދުނު ސުވާލުތަކަށް އާނއެކޭ ބުނަން އަހަންނަށް މަޖުބޫރު ވިއެވެ. ބައެއްފަހަރު ދިރިއުޅުމުގެ ކަންކަން ހާސިލުކުރުމަށް ހިތް ނޭދޭ އެތައް ކަމެއް ކުރަން ޖެހެއެވެ. އަހަންނަށް ކުރިމަތިމިވީ އެފަދަ ހާލަތެކެވެ.

އަހަރެން ތައްޔާރުވެލައިގެން ނުކުތީ، ފަތިސްނަމާދުވެސް ކޮށްލައިގެންނެވެ. އޭރުވެސް މާހައުލު އޮތީ، ކޮންމެވެސް ވަރަކަށް އަނދިރިކޮށެވެ. ތެތްފިނި ހެނދުނަކަށް މަރުހަބާ ކީ، ގައިގައި އައިސް ބީހިލި ވައިރޯޅި އެވެ. ފިނިކަމުން ރޫރޫއަޅައިގަތެވެ. އެއީ އޭގެ ކުރިން އަހަރެން ބޭރަށް ނުކުންނަ ގަޑިއެއް ނޫނެވެ. އެގަޑީގައި ބޭރަށް ނުކުތުމުން ސިކުނޑި ތާޒާވި ކަމުގެ އިހުސާސް ކުރެވުނެވެ.

އާހިލް ހުރީ ގޭގެ ބޭރުގައެވެ. ފާރުގައި ލެނގިލައިގެން ހުރިއިރު، އެއްފައި ފާރުގައި ޖައްސާލައިގެންނެވެ. އަހަރެން ފެނުމުން ފުޅާ ހިނިތުންވުމެއް ހަދިޔާކޮށްލި އެވެ.

"ހިނގާ އަވަހަށް... ލަސްވެއްޖެއްޔާ ކަމަކުނުދާނެ..." އާހިލް އެދުނެވެ.

ދާން ގޮސްފައިވެސް އަހަރެންގެ ޚިޔާލު ބަދަލު ވިއެވެ. އާހިލް ދިޔައީ އޭނާގެ ސައިކަލާއި ދިމާއަށެވެ. ހިލޭ ފިރިހެނުންގެ ސައިކަލު ފަހަތަށް އެރުމަކީ އަހަރެން ކުރާކަމެއް ނޫނެވެ. ވަގުތުން ހުއްޓުނީމެވެ. އާހިލް ހީކުރަނީ އޭނާ އާއިއެކު މަސައްކަތް ކުރަން އަހަރެން އެއްބަސްވީ، އޭނާ ރުހޭ ގޮތަށް ހުރިހާ ކަމެއް ކުރަން ފުރުސަތު ދޭގޮތަށް ކަމަށް ހެއްޔެވެ؟ އެއީ އާހިލްގެ ކުށްހީއެއްކަމަށް ވިސްނައިދޭން އަހަރެން ބޭނުން ވިއެވެ. ސައިކަލަށް އަރާފައި އަހަރެން ނައުމުން އާހިލް ބަލައިލި އެވެ. އޭނާ ސައިކަލުން ފޭބީ އަހަރެން ހުރިތަނުން ގުޑައި ނުލުމުންނެވެ. އެނބުރި އައިސް އަހަރެންގެ ކުރިމަތީގައި ހުއްޓުނުއިރު، އެ މޫނުން ފެންނަމުން ދިޔައީ ކަންބޮޑުވުމުގެ އަސަރެވެ.

"ކިހިނެއްވީ؟... އެއްޗެއް ނުލާ އާދެވުނީތަ؟..." އާހިލް އަހައިލީ އޯގާތެރި ރާގަކަށެވެ.

"ޝަރުތެއްގެމަތިން ދާނީ..." އަހަރެން ބުނީމެވެ.

އާހިލްގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ.

"ކޮބާތޯ ކަމަނާގެ ޝަރުތަކީ؟..." ލާނެތް ރާގަކަށް އާހިލް އަހައިލި އެވެ.

"އަހަރެންގެ ޒާތީ ދިރިއުޅުމުގެ އެއްވެސް ކަމަކާ އެއްޗެއް ބުނެގެން ނުވާނެ... އަހަންނަށް އަމުރުކޮށްގެން ނުވާނެ.... އަހަރެން ކަމެއް ބުނެފިއްޔާ، ވަގުތުން އެކަމެއް ކޮށްދޭންޖެހޭނެ... އެއް ސައިކަލަކަށް ނޭރޭނެ... އަބަދުވެސް ހުންނަންޖެހޭނީ އަހަންނާ ތިންފޫޓު ދުރުގަ...." އަހަރެން އެއްފައްޗަކަށް ހުރިހާ ވާހަކައެއް އަމުނައިލީމެވެ.

އަހަރެންގެ ވާހަކަ ނިމުމާއިއެކު، އާހިލް ފެށީ ހޭށެވެ. ބަނޑުގައި އަތް އަޅައިގެން އޮވެ ހީހީފައި، އަހަންނަށް ބަލައިލި އެވެ. އަހަރެން ރުޅި އައިސްފައި ހުރިތަން ފެނުމުން ކަންނޭނގެ އެވެ. އާހިލް ހުނުން ހުއްޓައިލިއެވެ. ވަގުތުން ތެދުވެ، ހަށިގަނޑު ސީދާކޮށްލައިފި އެވެ.

"އޯކޭ!.... ކަމަނާގެ އިތުރު ޝަރުތެއް އެބައޮތްތޯ؟..." އާހިލް އަހައިލިއެވެ.

"އަހަރެން ކުރިމަތީ ހީގެންވެސް ނުވާނެ..." އާހިލް އާއި ދުރަށް ހިނގައިގަންނަމުން ބުނީމެވެ.

"ލައްބަ ލައްބަ..." އަހަރެންގެ ފަހަތުން އަންނަމުން އާހިލް ބުންޏެވެ. އޭރުވެސް އޭނާ ހެމުންދިޔަ ކަން އަހަންނަށް އެނގެއެވެ.

ފެރީއަށް އަރާފައިވެސް އާހިލް އިނީ ދުރުގަ އެވެ. ފެރީގިމަތައިން ނުކުމެ، ކާރެއް ހޯދާފައި އަހަރެންގެ ކައިރީ ކާރަށް އެރުމަށް އޭނާ އެދުނެވެ. އާހިލް އެރީ ސައިކަލަށެވެ. ދާންވީ މިސްރާބު އޭނާ ދިޔައީ ޑްރައިވަރަށް ކިޔައިދެމުންނެވެ. މަންޒިލާއި ހަމައަށް ދެވުނުއިރު އަހަރެން ހުރީ ފިނިވެފައެވެ.

"އެއީ ދައްތަމެން އުޅޭ ގެ... ގޮސް ޓަކި ޖަހާލާ..." އާހިލް އެދުނެވެ. "އިނގެއެއްނުދޯ ހަދަންވީގޮތް..."

އަހަރެންގެ ހިތް ތެޅިގަތެވެ. ކުރިއަށް ހިނގައިގަތްއިރު ދެފައި ތުރުތުރުއަޅައިގަތްހެން ހީވިއެވެ.

"ރިވާ!..." އާހިލް ގޮވައިލި އެވެ. "ކަންފަތަށް ޖަހާފަ ތި އިން އެތި ނައްޓާނުލައްޗޭ.... ކިރިޔާ ކަމެއް ގޯސްވިޔަސް އަހަރެން އެތެރެއަށް ވަންނާނަން... ގުޑް ލަކް..."

ހިތް ތެޅެމުންދިޔަ ހާލު، އަހަރެން ގޮސް ދޮރުގައި ޓަކި ޖަހައިލީމެވެ. ދޮރު ހުޅުވައިލީ،  ފިރިހެނެކެވެ. އެއީ ދައްތަގެ ފިރިމީހާ މުޙައްމަދުކަން އެނގުނީ އާހިލް އޭނާގެ ތަސްވީރެއް ދައްކާފައި އޮތުމުންނެވެ. އަހަރެން ފެނުމުން މުޙައްމަދުގެ މޫނުން ފެނުނީ ހައިރާން ކަމެވެ. އޭނާ ފުރަތަމަވެސް ބަލައިލީ އަތުކުރީގައި އަޅާފައި އޮތް ގަޑިއަށެވެ. އޭގެ ފަހުގައި، އަނެއްކާ އަހަރެންގެ މޫނަށް ނަޒަރު ހުއްޓައިލި އެވެ.

"ރިވާ!..." އޭނާ އަހަންނަށް ގޮވައިލިއެވެ.

(ނުނިމޭ)

ގުޅުންހުރި ލިޔުންތައް
3 އަހަރު ކުރިން
1
3 އަހަރު ކުރިން
1
3 އަހަރު ކުރިން
3
ކިޔުންތެރިންގެ ޝުއޫރު
54%
23%
11%
11%
1 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު