ހިތް ތެޅެމުންދިޔަ ހާލު، އަހަރެން ގޮސް ދޮރުގައި ޓަކި ޖަހައިލީމެވެ. ދޮރު ހުޅުވައިލީ، ފިރިހެނެކެވެ. އެއީ ދައްތަގެ ފިރިމީހާ މުޙައްމަދުކަން އެނގުނީ އާހިލް އޭނާގެ ތަސްވީރެއް ކުރިން ދައްކާފައި އޮތުމުންނެވެ. އަހަރެން ފެނުމުން މުޙައްމަދުގެ މޫނުން ފެނުނީ ހައިރާން ކަމެވެ. އޭނާ ފުރަތަމަވެސް ބަލައިލީ އަތުކުރީގައި އަޅާފައި އޮތް ގަޑިއަށެވެ. އޭގެ ފަހުގައި، އަނެއްކާ އަހަރެންގެ މޫނަށް ނަޒަރު ހުއްޓައިލިއެވެ.
"ރިވާ!..." އޭނާ އަހަންނަށް ގޮވައިލިއެވެ.
********
އަހަރެން ހައިރާންވީ، ދުވަހަކު އަހަންނާއި ބައްދަލުވެފައިނުވާ މީހަކަށް އަހަރެންގެ ނަން އެނގުމުންނެވެ. ޝައިބާ އާއި މުޙައްމަދާއި ގުޅޭގޮތުން އާހިލް ދެއްކި ވާހަކަ ގަބޫލު ކުރަން މަޖުބޫރު ވިއެވެ.
"އެކަނި؟...." ކުޑަކޮށް ބޭރަށް ބޯ ދިއްކޮށްލައި، ވަށައިގެން ބަލައިލަމުން މުޙައްމަދު ސުވާލު ކުރި އެވެ. "ކަމަކުތަ؟... އެތެރެއަށް ވަންނަންވީނު..."
މުޙައްމަދަކީ ޒުވާނެކެވެ. ރީތި ހަށިގަނޑެއްގެ ވެރިއެކެވެ. އަންހެންކުދިން ހިތްކިޔާކަހަލަ ތޫނު ދެލޮލެއް އޭނާއަށް ލިބިފައި ވިއެވެ. ބޮލުގެ އިސްތަށިގަނޑު ކަޅުވެފައި ވަރުގަދައެވެ. ތުނިކޮށް ބަހައްޓާފައިވާ ތުނބުޅިން އޭނާގެ ފިރިހެންވަންތަކަން އިތުރު ކުރުވާފައި ވިއެވެ. ގާތިލެއްގެ ކިބައިގައި ހުންނާނޭފަދަ އެއްވެސް ސިފައެއް އޭނާގެ މޫނުން ފެންނާކަށް ނެތެވެ.
"ހޭއި..." އަހަރެންގެ މޫނުމަތީގައި އަތް ހޫރައިލަމުން މުޙައްމަދު ބުންޏެވެ.
ހުރެވުނީ އޭނާއަށް ބަލަން ކަން އެނގުމުން އަހަންނަށް ތެޅިގަނެވުނެވެ. އެ ތަން ފެނުމުން، މުޙައްމަދުގެ ތުންފަތަށް ވެރިވީ، މާނަފުން ހިނިތުންވުމެކެވެ.
އެތެރެއަށް ވަނުމުގެ ކުރިން ފަސްއެނބުރި ބަލައިލެވުނެވެ. އާހިލް ފެންނާކަށް ނެތެވެ. ހިތަށް އެރިއެވެ. ކުރެވެން މިއުޅެނީ ރަނގަޅު ކަމެއް ބާއެވެ. ކެކިކެކި ހުރި ފެން އެއްޗެއްގެ ތެރެއަށް އަމިއްލަ ނަފުސު ވައްޓައިލެވެނީ ހެއްޔެވެ؟ އެ ފެންއެތީގެ ތެރެއިން އެރުމުގެ ބާރު އަހަރެންގެ ހަށިގަނޑުގައި ހުރެދާނެ ހެއްޔެވެ؟ މުޙައްމަދަކީ ޝައިބާގެ ގާތިލުކަމަށް ޝައްކުކުރެވޭ މީހާއެވެ. ވީއިރު، ކޮންމެ މީހަކު މަރައިލާކަށްވެސް އެފަދަ މީހަކު ފަހެއް ނުޖެހޭނެއެވެ. ދެފިކުރެއްގައި ހުރެފައި އެތެރެއަށް ވަނީމެވެ. އޭރު ހާސްވެގެން، ކޮންމެވެސް ވަރަކަށް ނިތްކުރިމަތީން ދާހިއްލާލައިފިއެވެ. ހިނިތުންވާން އުޅުނަސް، އަހަންނަށް އެކަމެއް ނުކުރެވުނެވެ.
"އިށީނދޭ... ހާދަ ބީރަށްޓެހިކޮށޭ ތިއުޅެނީ....." މުޙައްމަދު ވާހަކަ ދެއްކީ ހިތްހެޔޮ ރާގަކަށެވެ.
އަހަރެން ގޮސް ސޯފާގައި އިށީނީމެވެ. މުޙައްމަދު ހުރީ ކޮޅަށެވެ.
"ދައްތަ ހޯދަންތަ ތިއައީ؟..." އޭނާ ސުވާލު ކުރިއެވެ.
"ހޫމްމް..." އަހަރެން ބޯ ޖަހައިލީމެވެ. "ވަރަށް ބޮޑު ކަމަކު..."
"އެނގިއްޖެއޭ މިހާ ހެނދުނާ އައީމަވެސް ބޮޑު ކަމަކު ކަން..." މުޙައްމަދުގެ މޫނުން ފެނުނީ، އާހިލް ބުނިފަދަ ޝައުގުވެރިކަމެކެވެ. "ދައްތައަށް ގޮވާލަން މިދަނީ..."
މުޙައްމަދު ހިނިތުންވެލާފައި އެ ތަނުން ދިޔައީ އެވެ. އަހަންނަށް އިނދެވުނީ ގުޑިލަންވެސް ނުކެރިފައެވެ. މުޙައްމަދުގެ ހިނިތުންވުން، އަހަންނަށް ސިފަވީ ބިރުވެރި އެއްޗެއް ގޮތަށެވެ. ދިޔަތާ ގިނައިރުތަކެއްނުވެ މުޙައްމަދު އައެވެ. ދައްތަ ނުފެނުމުން ވީގޮތް އެނގިއްޖެ އެވެ. އެއީ ކުރިންވެސް އެކަން ރޭވިފައި އޮތް ގޮތެވެ.
"ދައްތަ އަދިވެސް ނިދާފަ އޮތީ..." މުޙައްމަދު ވަރަށް ހަމަޖެހިލާފައި ބުންޏެވެ.
"ދައްތަ ހޭލީމަ ބުނައްޗޭ، އަހަރެން އައި ވާހަކަ..." އަހަރެން ތެދުވީމެވެ.
"ރިވާ!..." މުޙައްމަދު ގޮވައިލި އެވެ. "އަހަރެން މީ މިހާރު ދުރު މީހެއް ނޫން... ކަމެއް ބޭނުންވެއްޖެއްޔާ، އަހަރެން ކައިރީވެސް ބުނަންވާނެ..."
އަހަރެން ބޯ ޖަހައިލީމެވެ. ދާން ހިނގައިގަތުމުން މުޙައްމަދު އަނެއްކާވެސް ގޮވައިލިއެވެ.
"އެއްޗެއް ނުވެސް ކައި ދަނީތަ؟... ހިނގާ އެއްޗެއް ކާލަން... މިތާ ކައިރީ ހުންނާނެ ރެސްޓޯރެންޓެއްވެސް... މިގަޑީ ހުޅުވާފަ ހުންނާނީ..." މުޙައްމަދު ބުންޏެވެ.
އަހަރެން ހާސްވިއެވެ. އެއީ ކުޑަކޮށްވެސް އަހަރެން ތައްޔާރުވެގެން ހުރި ކަމެއް ނޫނެވެ. ހަދަންވީގޮތެއް ނޭނގިފައި ހުއްޓައި، ކަންފަތަށް ގުޅާފައިވާ ހެޑްސެޓުން އާހިލް ގޮވައިލި އަޑު އިވުނެވެ.
"އެހެން ފަހަރަކުންނޭ ބުނޭ..." އާހިލް ބުންޏެވެ.
"އެހެން ފަހަރަކުން..." އަހަންނަށް ބުނެވުނީ އެހިސާބަށެވެ.
"ރިވާއަށް އަހަރެން މީ ކާކު ކަން ނޭނގޭތަ؟..." މުޙައްމަދު ސުވާލު ކުރިއެވެ.
އަހަރެން ބޯ ޖަހައިލުމުން، އޭނާ ހީލި އެވެ.
"ހަނދާންނެތުން އެއީ މައްސަލައެއް ނޫން..." މުޙައްމަދު ބުންޏެވެ.
ދެން ފާއިތުވެގެންދިޔަ ހިމޭންކަމުގެ ވަގުތުކޮޅު ނިމުނީ އަހަރެންގެ ފޯނު ރިންގްވާންފެށި އަޑު އިވުމުންނެވެ. ގުޅީ އާހިލް އެވެ. ނުރައްކާތެރި ދަނޑިވަޅު އަހަރެން ސަލާމަތްކޮށްދިނުމަށް އޭނާ ފުރުސަތުގެ ބޭނުން ހިފީއެވެ. ފޯނު ކަންފަތުގައި ޖަހަމުން އަހަރެން އަވަސް އަވަހަށް ބޭރަށް ނުކުތީމެވެ. އަހަރެން ހީކުރީ ފަހަތުން މުޙައްމަދުވެސް ނުކުންނާނެ ކަމަށެވެ. އޭނާ ނައުމުން އަހަންނަށް ދޫކޮށްލެވުނީ ފުން ނޭވާ އެކެވެ.
"ކީއްވެގެންތަ އެހާ ލަހުން ގުޅީ؟..." އަހަރެން ހިތްހަމަނުޖެހިފައި އަހައިލީމެވެ. "ފެންނަ ހިސާބުގައޭ ހުންނާނީ ކިޔާފަ، އެއިން ހިސާބެއްގަވެސް ނެތް... އަހަންނަށް ކަމެއްވީނަމަޔޯ..."
"ބުނީމެއްނު ތިންފޫޓު ދުރުގަ ހުންނާށޭ..." ފޯނުގެ އަނެއްކޮޅުން އާހިލް ބުނި އަޑު އިވުނެވެ.
"މަޖަލެއް ނޫނޭ..." އަހަރެން ފޯނު ކަނޑައިލީ އެވެ.
"ހާދަ ރުޅިވެސް ގަދަ ކުއްޖެކޭ..." އާހިލްގެ އަޑު އައީ އަހަރެންގެ ފަހަތުންނެވެ.
އަހަރެން ސިހިފައި ފަސްއެނބުރި ބަލައިލީމެވެ. ތިންފޫޓެއްހައި ދުރުގައި އާހިލް ހުއްޓެވެ.
"ފުރަތަމަ ބައްދަލުވުން ވަރަށް ކާމިޔާބު.... އެވޯޑެއް ދޭވަރުވޭ..." އާހިލް ލާނެތް ރާގަކަށް ބުންޏެވެ.
"އަބަދު އެނގެނީ މީހުންނާ ދިމާކުރަންތަ؟..." އަހަރެން ދެލޯ އަޅައިލީމެވެ.
"ސްލީޕިންގް ބިއުޓީއާ ޖެހުނީމަ ނޭނގެ ވާގޮތެއްވެސް... ރުޅިއައީމަ ތިކުއްޖާގެ މޫނުކޮޅު މާ ރީތިވީމަ ކަންނޭނގެ އަބަދު ދިމާކުރެވެނީ..." އާހިލް ހީލިއެވެ. "ނިކް ހާދަ ނަސީބު ރަނގަޅޭ... އަހަރެންނަމަ، ތިކަހަލަ ލޯބި ކުއްޖަކު އެކަނި ބަހައްޓާފަ، އެއްތާކަށްވެސް ނުދާނަން... ކިހިނެއް އެނގޭނީ، ކާޅު އައިސް، ތެޔޮނާށި ޖަހައިގަނެގެން ގެންދާނީ ކޮންއިރަކު ކަމެއް..."
"ބުނީމެއްނު ޕާސަނަލް ވާހަކަ ނުދެއްކޭނެއޭ..." އަހަރެން ހަނދާންކޮށްދިނީމެވެ.
"އޯކޭ އޯކޭ... ކަމަނާ ވިދާޅުވި ގޮތެއް..." އާހިލް ބުންޏެވެ.
ފެރީޓާމިނަލް އާއި ހަމައަށް ދިޔައިރު، ފުރަން ތައްޔާރުވެފައި އޮތް ފެރީ ނައްޓާލައިފިއެވެ. އިރުކޮޅަކު މަޑުކުރަން ޖެހުމުން އަހަރެން އިނީ ފޫހިވެފައެވެ. އާހިލް އާއި އެކުގައި ބޭކާރު ވަގުތު ގިނަކުރާކަށް އަހަރެން ބޭނުމެއް ނޫނެވެ.
"ރިވާއަށް ހަމަ އެއްވެސް ވަރަކަށް އެއީ ކާކު ކަމެއް ނޭނގޭތަ؟...." އާހިލް ސުވާލު ކުރިއެވެ. "އޭނަ ވާހަކަ ދެއްކި ގޮތުން ހީވި، ތި ދެ މީހުން ކުރިން ބައްދަލުވެފައޭވެސް..."
"އެއްވެސް ވަރަކަށް ހަނދާނެއް ނުވޭ..." އަހަރެން ބުނީމެވެ.
"ވެދާނެ އޭނަގެ ސްޓަންޓަކަށްވެސް... ރިވާއާ ގުޅުންބަދަހިކުރަން..." އާހިލް ބުންޏެވެ.
********
ގެއަށް އާދެވުނުއިރު އަހަރެން ހުރީ ބަނޑުހައިވެގެން ހަލާކުވާވަރު ވެފައެވެ. އެވަރުންވެސް ނަހީކުއަށް ގުޅާފައި ނޫނީ ކާއެއްޗެއް ކާކަށް ހިތް އެއްބަހެއް ނުވިއެވެ. އާހިލްގެ ވާހަކަ އާއިމެދު ނުވިސްނަން އުޅުނަސް، ވިސްނެނީ އެވެ. އަހަރެން އެކަނި ބަހައްޓާފައި ނަހީކު ދިޔުމުން، ހިތުގައި ޝަކުވާ އުފެދުނެވެ. އަހަރެން ގެންދަން ބޭނުންނަމަ، ނަހީކަށް ކޮންމެވެސް ގޮތެއް އޮންނާނެއެވެ. ކަންތައް ދިމާވެފައި އޮތްގޮތުން، ނަހީކު އަހަރެން މަތީން ފޫހިވީއެވެ. ނޫނީ ދުވަސްކޮޅަކަށް އަހަންނާއި ދުރަށްދާން ބޭނުން ވީއެވެ. ހިތަށް އަންނަމުން ދިޔައީ މުޅީންވެސް މާޔޫސްވާފަދަ ސަބަބުތަކެވެ.
ނަހީކުގެ ފޯނަށް ތަކުރާރުކޮށް ގުޅަމުން ދިޔައީމެވެ. އޭނާ ފޯނު ނެގީ އަހަރެން ހަވަނަ ފަހަރަށް ގުޅުމުންނެވެ. އެއީ އޭގެ ކުރިން އަހަރެން ދުވަހަކުވެސް ކަންތައްކުރި ގޮތެއް ނޫނެވެ. އަދި ނަހީކުވެސް އެހާ ލަހުން ފޯނު ނެގި އެއީ ފުރަތަމަ ފަހަރެވެ.
"ކިހިނެއްވީ؟..." ފޯނު ނެގިގޮތަށް ނަހީކު ހާސްވެފައި އަހައިލިއެވެ. އޭނާގެ އަޑުން ހުރީ ވަރަށް ވަރުބަލިވެފައިކަން އަހަންނަށް އެނގުނެވެ.
އަހަންނަށް އެއްޗެއް ނުބުނެވުނެވެ. ފެށުނީ ރޯށެވެ. ރޮވުނީ ކީއްވެ ކަމެއް ހުދު އަހަންނަކަށްވެސް ނޭނގުނެވެ. އެނގުނުހާވެސް އެއްޗަކީ ނަހީކު ގެއްލެން އަހަރެން ބޭނުން ނުވާކަމެވެ.
"ލަވް!... ކަމެއްވީތަ؟..." ނަހީކު ވަރަށް ލޯބިން އަހައިލިއެވެ.
"އަހަރެން ބޭނުމެއް ނޫން ނިކް ގެއްލޭކަށް..." ރޮމުން ރޮމުން އަހަންނަށް ބުނެވުނެވެ.
"އަހަނ!..... މިހާރު ކިހިނެއްވީ؟..." ނަހީކު ހީލި އަޑު އިވުނެވެ. "މާބޮޑަށް މިސްވީތަ؟... މަގޭ ކްރައި ބޭބީ އަބަދު ރޯލަ ރޯލާ...."
ނަހީކުގެ ސަމާސާކުރުންތަކުން، މިއަދު އަހަރެން ހެއްވައެއް ނުލެވުނެވެ.
"ނިކް!... ކޮން ދުވަހަކުން އަންނާނީ؟..." ޝަކުވާގެ ރާގެއްގައި އަހައިލެވުނެވެ.
ނަހީކުގެ ހިމޭންކަމުން އަހަރެންގެ ހިތުގައި ބިރުވެރިކަމުގެ ރާޅެއް ދަތުރުކޮށްލިއެވެ. އެއްޗެއް ނުބުނެ ހުރެފައި، އިވުނީ ނަހީކު ފުން ނޭވާއެއް ދޫކޮށްލި އަޑެވެ.
(ނުނިމޭ)