ނަހީކުގެ ސަމާސާކުރުންތަކުން، މިއަދު އަހަރެން ހެއްވައެއް ނުލެވުނެވެ.
"ނިކް!... ކޮން ދުވަހަކުން އަންނާނީ؟..." ޝަކުވާގެ ރާގެއްގައި އަހައިލެވުނެވެ.
ނަހީކުގެ ހިމޭންކަމުން އަހަރެންގެ ހިތުގައި ބިރުވެރިކަމުގެ ރާޅެއް ދަތުރުކޮށްލިއެވެ. އެއްޗެއް ނުބުނެ ހުރެފައި، އިވުނީ ނަހީކު ފުން ނޭވާއެއް ދޫކޮށްލި އަޑެވެ.
********
"ކުރަން އައި ކަންތައް ނުނިންމާ ދާންވީތަ؟..." ނަހީކު އަހައިލިއެވެ.
"ނޫން..." އަހަރެން ދެކޮޅު ހެދީމެވެ.
"ރިވް!... ދުވަސްކޮޅަކަށް މަންމަ ކައިރިއަށް ގޮސްލަންވީނު..." އޯގާތެރި ރާގަކަށް ނަހީކު ބުންޏެވެ. "ތިހެން އެކަނި ހުންނާތީއޭ ތިހެން ތި ވަނީ... ލަވްއަށް ކަމެއް ވެދާނެތީ، އަހަރެން ވަރަށް ހާސްވޭ..."
"ނޭނގެ ކީއްވެކަމެއް އަހަރެންގެ ހިތް ބިރުގަންނަނީ..." ނުބުނަން ހުރި ވާހަކަތައް މަޑުމަޑުން އަހަރެންގެ ދުލާއި ހަމައަށް އަންނަން ފެށިއެވެ. "ހީޥަނީ ލޯބިވާ އެންމެން ގެއްލެން އުޅޭހެން..."
ދުރުދުރުން ބުނި ނަމަވެސް، އަހަރެން ބުނި އެއްޗެއް ނަހީކަށް އެނގުނުފަދަ އެވެ.
"އެހެންވެއޭ މިބުނީ، މަންމަ ކައިރިއަށް ދުވަސްކޮޅަކަށް ގޮސްލާށޭ..." ނަހީކު އެދުނެވެ. "ބޭކާރު ފިކުރުތަކުން ދުރުވާނެ އޭރުން..."
ނަހީކުގެ ވާހަކަ އެހިސާބަށް ދިޔަތަނައި އަންހެން ކުއްޖަކު ވަރަށް ބާރަށް ހީގަތް އަޑު އިވުނެވެ. އަޑު އައީ ނަހީކާއި ދާދި ގާތުންނެވެ.
"ނީކް!... އެންމެން ދަނީއޭ... އަވަހަށް އާދޭ....." އިވުނީ އަންހެން ކުއްޖެއްގެ އަޑެވެ. އެ ކުއްޖާ ވާހަކަ ދެއްކީ އިނގިރޭސި ބަހުންނެވެ.
ނަހީކު ސިއްރުން އެއްޗެއް ބުނެލިހެން ހީވިއެވެ. ދެން އިވުނީ ފޯނުގައި އެއްޗެހިތަކެއް ކޭއްތުމުން ގޮވާ ކަހަލަ އަޑެކެވެ. އަހަރެން ހުރީ ކަނުލައި އަޑުއަހާށެވެ. ގިނަ އިރެއްނުވެ، ނަހީކު ހަލޯއޭ ބުނި އަޑު އިވުނެވެ.
"އަހަރެން ދާންޖެހިއްޖެ..." ފުން ނޭވާއެއް ދޫކޮށްލަމުން ނަހީކު ބުންޏެވެ. "ލަވް!.... އަހަރެންވެސް ބޭނުންވޭ ލަވް ކައިރީ ހުންނަން... އެކަމަކު، މީ ދެ މީހުންގެވެސް ދިރިއުޅުން... އަބަދު އެކަކު އަނެކަކު ކައިރީއެއްވެސް ނުތިބެވޭނެ... ދިރިއުޅުމަށް އެކި މަސައްކަތް ކުރަންވެސް ޖެހޭނެ... އެކަން ވާނެ ލަވް ވެސް ގަބޫލު ކުރަން..."
"ހޫމްމް..." ހިތުގައި ޖެހުނު ވަރުން އަހަންނަށް އިތުރު އެއްޗެއް ނުބުނެވުނެވެ.
އަހަރެންގެ ހިތުގައި އިންދުނު ޝައްކުގެ އޮށުގައި ކުރި ފަޅައި، ޔަގީނުންވެސް ހެދެން ފަށައިފިއެވެ. ޝައްކާއި ވަހުމުތަކުން އަހަރެންގެ ހިތް ކިލަނބުކުރަމުން ދިޔައެވެ. އެއީ ކޮން އަންހެން ކުއްޖެއް ހެއްޔެވެ؟ ނަހީކު އެ ކުއްޖަކާއި ސިއްރުން ވާހަކަ ދެއްކީ ކީއްވެ ހެއްޔެވެ؟ ނަހީކު އެ އުޅެނީ އެ ކުއްޖާ އާއިއެކީ ކޮންތާކަށް ދާން ހެއްޔެވެ؟ އަހަންނަށް ސިއްރުން ނަހީކު ކަމެއް ކުރަނީ އެވެ. އެ ކުއްޖާ އާއި ގުޅުމެއް ބާއްވަނީ އެވެ. އަންހެނެއްގެ ރީތިކަމުގެ ދަޅައަށް ފިރިހެނަކު ލަންބައިލުމަކީ އުނދަގޫ ކަމެއް ނޫނެވެ. ފިލުމުތަކާއި ސިލްސިލާތަކުން އެފަދަ ކިތަންމެ މަންޒަރެއް އަހަންނަށް ވަނީ ފެނިފައެވެ. ޚާއްސަކޮށް އަހަރެން ކަހަލަ މީހަކު ޙަޔާތުގެ ބައިވެރިއެއްގެ ގޮތުގައި ގެންގުޅެން ބޭނުންވާނީ ކާކު ހެއްޔެވެ؟
"ރުޅި އައީތަ؟..." ނަހީކު އަހައިލިއެވެ.
"ކޮންކަމަކާ؟..." އަހަންނަށް އަހައިލެވުނީ އާދައިގެ މަތިން އަހަރެން ވާހަކަ ދައްކާ ލޯބި ރާގަކަށް ނޫނެވެ. އެކަން ނަހީކަށް އެނގުނަސް، އަހަރެންގެ ފަރުވާލެއް ނެތެވެ.
"ތިހުރީ ރުޅި އައިއްސައޭ ލަވް..." ނަހީކު ބުންޏެވެ. "ދެން ތިހެން ހުންނަންޏާ، އަހަރެން ދާނީވެސް ކިހިނެއް؟..."
"އަހަރެން ރުޅި އަޔަސް، ނިކް ބޭނުންވާ ކަމެއް ނިކްއަށް ކުރެވޭނެ... ހުރަސްއަޅާ މީހަކަށް ވާކަށް ނެތިން..." އަހަންނަށް ރޮވޭގޮތް ވިއެވެ.
"ލަވް!... މިއަދު އަދި ނުކައި ދޯ ތިހުރީ؟..." އިރުކޮޅެއްގެ ހިމޭންކަމަށްފަހު، ނަހީކު ވާހަކަ ދައްކަން ފެށިއެވެ. "އަހަންނަށް ހީވަނީ، އަބަދު މާ ލޯބިން ވާހަކަ ދެއްކޭތީ، ލަވް މާ ބޮޑަށް ފިނޑިވަނީހެން... ތަންކޮޅެއް ހަރުދަނާވާން ދަސްކުރަންވާނެ... އަބަދު ކްރައި ބޭބީއެއްހެން އުޅުނީމަ ދިރިއުޅުން ކުރިއަށް ގެންދާނީ ކިހިނެއް؟..."
ނަހީކުގެ ވާހަކަތަކުން އަހަރެން އިނީ ބަސްހުއްޓި، އާގަމަ ވެފައެވެ. ބުނާނެ އެއްވެސް އެއްޗެއް ނޭނގުނެވެ. އެއީ ނަހީކުގެ ވާހަކަތަކުން ގޯސް މާނައެއް ނެގި، އަހަރެންގެ ހިތުގައި ޖެހުނު ފުރަތަމަ ފަހަރެވެ. ނުބައި ފިކުރުތަކުން ޒަހަމުކުރަމުންދިޔަ އަހަރެންގެ ހިތް، އިތުރަށް ޒަހަމުވެއްޖެއެވެ. އަހަންނަށް ކުރެވުނީ، އަހަރެންގެ ސަބަބުން ނަހީކަށް އުނދަގޫވެފައިވާ ކަމުގެ އިހުސާސެވެ.
"ލަވް... ހެލޯ!... ހެލޯ!..." ނަހީކު އަހަންނަށް ގޮވިއެވެ.
އަހަންނަށް ވާހަކައެއް ނުދެއްކުނެވެ. ބުނާނޭ އެއްޗެއް ދުލަށް ނުވެސް އައީއެވެ. ފޯނު ކަނޑާލިއިރު އަހަރެންގެ ދެލޮލުން ކަރުނަ އޮހެނީއެވެ. އަހަރެން ފޯނު ކަނޑައިލީ، ނަހީކު ގުޅާތޯއެއް ނޫނެވެ. އެކަމަކު، ނަހީކުގެ ކޯލަކަށް އިންތިޒާރު ކުރެވުނެވެ. ހިތް ޒަހަމުވުން ނޫން އިތުރު ކަމެއް ނުވިއެވެ. ނަހީކު ނުގުޅިއެވެ. އަހަރެން ދެރަވުމުން މިއަދު ނަހީކުގެ ހިތަށް އަސަރުވެސް ނުކުރަނީ ހެއްޔެވެ؟
އެތައް އިރަކު ރޮއެފައި އަހަންނަށް ނިދުނީ އެވެ. ހޭލެވުނުއިރު، ގައިގައި އެއްވެސް ވަރެއް ނެތެވެ. ނުކައި ހުރުމުގެ ސަބަބުން، ތެދުވާނެ ހިއްވަރެއް ނުލިބުނެވެ. ބޯ އަނބުރައި ހޮޑުލަވާހެންވެސް ހީވިއެވެ. ގަދަކަމުން ކަހަލަ ގޮތަކަށް ތެދުވެގެން ގޮސް ނޫޑުލްސް ބޮނޑިއެއް ފެނަށް ކައްކަން ފެށީމެވެ. ގޭގެ ބެލް އަޅައިލި އަޑު އިވުނީ، އުނދުން މައްޗަށް އުދި ފެންގަނޑު ކެކިގަތްތަނާއެވެ. ދޮރު ހުޅުވަންވެސް އަހަންނަށް ވީ ބޮޑު ކަމަކަށެވެ.
"ކިހިނެއްވެފަ ތިހުރީ؟..." އަހަރެން ފެނުމާއިއެކު، ދޮރުމަތީގައި ހުރި މަންމަ ދެލޯ ބޮޑުކޮށްލިއެވެ. "މިގަޑީގަވެސް ދަރިފުޅު ނިދަނީތަ؟...."
އަހަރެން ދޮރުމަތިން ދުރަށްޖެހިލުމުން، މަންމަ އާއި ކޮއްކޮ އެތެރެއަށް ވަނެވެ. މަންމަގެ އަތުގައި ކޮތަޅެއް އޮތެވެ. އެ ހިފައިގެން މަންމަ ހިނގައިގަތީ، ކާމޭޒާއި ދިމާއަށެވެ. ބޮލުގެ އިސްތަށިގަނޑު ވޫލުކޮޅުން އައްސަމުން އަހަރެން މަންމަގެ ފަހަތުން ހިނގައިގަތީމެވެ.
"އެކަމަކު ދަރިފުޅާ!..." އުނދުން ނިވައިލަމުން މަންމަ ބުންޏެވެ. "މީތަ ކާ އެއްޗެއްސަކީ؟... ދަރިފުޅު ބޮޑުވާނީ ކޮން ދުވަހަކުންތަ؟..."
މަންމަ ގެނައި ތަށިތައް މޭޒުމަތީގައި އަތުރާފައި، އަހަރެން ގެންގޮސް ގޮނޑީގައި ބޭންދިއެވެ.
"ދަރިފުޅާ!... ތިހެން އެކަނި މިތާ ނުހުރެ، ހިނގާ މަންމަ ކައިރިއަށް..." މަންމަ އެދުނެވެ. "މަންމަ ދަރިފުޅު ބަލާނަން..."
"މަންމާ!... އަހަރެން މިހުރީ ބޮޑުވެފައޭ... މީހަކާ އިނދެގެނޭ މިހާރު މިއުޅޭނީ... އަހަންނަށް އެކަނި އުޅެވޭނެ..." އަހަރެން ދެކޮޅުހެދީމެވެ.
"ދަރިފުޅު ކޮންއިރަކުތަ ތިހާ ގޮތްދޫނުކުރަން ފެށީ؟..." މަންމަގެ މޫނު މިލައިގެން ދިޔައެވެ. "ނަހީކު ބުނާ އެއްޗެއްވެސް މިހާރު އަޑެއް އަހަނީކީ ނޫން... މަންމަ މިއައީ ނަހީކު ގުޅާފަ ބުނީމަ... ތިހެން ނަހަދާ ދަރިފުޅާ... ނަހީކު ދުރުގަ ހުންނައިރު، އޭނަ ހާސްވާ ކަންތައް ނުކުރޭ..."
އަހަރެންގެ ހިތުގައި އެތައް ޝަކުވާއެއް އުފެދުނެވެ. ދެމަފިރިންގެ މައްސަލަތައް ނަހީކު އަހަރެންގެ މަންމަގެ ކަންފަތާއި ހަމައަށް ގެންދަން ފެށީ ހެއްޔެވެ؟ އެއީ އެއްގޮތަކަށްވެސް އަހަރެން ހިތްހަމަޖެހޭ ކަމެއް ނޫނެވެ. އަހަރެން ނުކައި އިންނަން ފެށުމުން، ކާން އެދެފައި، މަންމަ ދުރަށް ދިޔައެވެ. ކުޑަދޮރުތަކުގެ ފޮތިތައް ކަހާލާފައި، ބައެއް ދޮރުތައް ހުޅުވައިލިއެވެ. އަނދިރިކަން ވެރިވެފައިވާ ގޭތެރެ އަލިވުމުން، އަހަންނަށް ވީ އުނދަގުލެވެ.
މަންމަ ގެނެސްފައި ހުރީ، ކުޅިމަހާއި ރޮއްޓެވެ. ކުޅު ދިޔާވިއެވެ. ނުކައި މާ ގިނައިރަކު ނީނދެވުނެވެ. ކިތަންމެ މީރަސް، އަހަންނަށް ކެވުނީ ދެ ރޮއްޓެވެ. އެވެސް ގަދަކަމުންނެވެ. ބަނޑު ފުރުމުން ކެއުން ހުއްޓައިލާފައި ގޮސް ބާލު ހާނާއަށް ނުކުމެލީމެވެ. އޭރު ކޮއްކޮ ގޮވައިގެން މަންމަ އިނީ، ބާލުހާނާގައި ބަހައްޓާފައިވާ އުނދޯލީގައި އިށީނދެލައިގެންނެވެ. މަންމަ ފޯނެއްގައި އިނުމުން، އަހަރެން ގޮސް ހުއްޓިލީ ތަންކޮޅެއް ދުރުގައެވެ.
"ދަރިފުޅާ!... މަންމަ މިއުޅެނީ، ދެތިން ދުވަހަށް ރާއްޖެތެރޭގެ ރަށަކަށް ދާންވެގެން..." ފޯނު ނިންމައިލިގޮތަށް މަންމަ ބުންޏެވެ. "ދަރިފުޅު ދާނަންތަ؟... ދަރިފުޅު ނުދަންޏާ،..."
"ދާނަން..." އަހަރެން ވަގުތުން އެއްބަސްވީމެވެ.
ނަހީކުގެ ސަބަބުން މިލާފައިވާ އަހަރެންގެ ހިތަށް އާރޯކަމެއް ގެނުވަން ބޭނުންވިއެވެ. އެއީ އެފަދަ ކަމަކަށް އަހަރެންގެ ހިތް އެދުނު ފުރަތަމަ ފަހަރެވެ.
"އޯކޭ..." މަންމަގެ މޫނުން އުފާވެރިކަމުގެ އަސަރު ފެނުނެވެ. "މާދަމާ މެންދުރު ބާރަ ޖަހާއިރު މަންމަ އަންނާނަން ދަރިފުޅު ބަލާ..."
ރޭގަނޑު އަށެއް ޖެހިތަނާ އާހިލް ގުޅިއެވެ. ފިލްމެއްގެ މަސައްކަތަށް، މުޙައްމަދު ރާއްޖެތެރޭގެ ރަށަކަށް ދާ ވާހަކަ ބުންޏެވެ. އޭރުވެސް އޭނާ ދަނީ އަހަރެން ދާން އުޅޭ ރަށަށް ކަމެއް ނޭނގެއެވެ. އަހަންނަށް އެނގުނީ ފުރަން ލޯންޗަށް އެރުމުންނެވެ. އަހަރެން ފެނުމުން މުޙައްމަދުގެ ތުންފަތަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ.
މަންމަ އާއި ކޮއްކޮ އެއް ޝީޓެއްގައި އިށީނުމުން، އަހަރެން ހުރީ ދާންވީ ދިމާއެއް ނޭނގިފައެވެ. ހުސްކޮށް ހުރީ އަހަރެން އިށީންނަން ބޭނުންވާފަދަ ޝީޓެއް ނޫނެވެ. މުޙައްމަދުގެ ކައިރީގައި އިށީންނާކަށް އަހަރެން ބޭނުމެއް ނޫނެވެ. އަހަންނަށް އާހިލް ފެނުނީ، އަތުން ހަނާ އަޅައިލުމުންނެވެ. އާހިލް ފެނުމުން އަހަންނަށް މާ ބޮޑު ހައިރާންކަމެއް ލިބުނެވެ.
އާހިލް ތެދުވެގެން އައިސް، އޭނާ އިން ޝީޓުގައި އިށީނުމަށް އެދުނެވެ. އަހަރެން ބުނާނޭ އެއްޗަކަށް މަޑުކޮށްލުމެއްނެތި، އޭނާ ގޮސް މުޙައްމަދުގެ ކައިރީގައި އިށީނެވެ.
ތިންގަޑިއިރުގެ ދިގު ދަތުރަކަށްފަހު، މަންޒިލާއި ހަމައަށް ވާސިލު ވިއެވެ. ފޯނަށް މެސެޖެއް އައުމުން ބަލައިލިއިރު، އާހިލްގެ މެސެޖެކެވެ.
"ވެލްކަމް ޓު މައި ހޯމް ލޭންޑް... ރީތި ދޯ؟..." އާހިލްގެ މެސެޖު ކިޔައިލުމުން، އަހަންނަށް ލިބުނީ ހައިރާން ކަމެކެވެ. އަހަރެން ހީކުރީ އާހިލް އަކީ މާލޭ މީހެއް ކަމަށެވެ. ހައިރާންވެފައި، ވަށައިގެން ބަލައިލީމެވެ.
ރަށުގެ ވަށައިގެން ލެވިފައި އޮތް ހުދު ފަސްގަނޑު އޮތީ ދިއްލައިލާފައެވެ. މަލަމަތި ފެހި ރަށެކެވެ. ބިއްލޫރިކޮޅެއްފަދަ ސާފު މޫދެކެވެ. އެހެން ރަށްތަކާއި ޚިލާފަށް ރަށަށް ފައިބާނެ ޖެޓީއެއް ނެތެވެ. ލޯންޗު ގާތްކޮށްލީ، ފާލަމެއްގެ ކައިރިއަށެވެ. އަހަރެންގެ އިޝާރާތަކަށް ކަންނޭނގެއެވެ. އާހިލް އާއި މުޙައްމަދުވެސް ފާލަމުގެ މަތީގައި މަޑުކޮށްލައިގެން ތިއްބެވެ. އަހަރެން ފޭބީ ފަޅުވެރިއެއްގެ އަތުގައި ހިފައިގެންނެވެ. ދަތުރުކުރުމުގެ ސަބަބުން، އަހަރެން ހުރީ ހޮޑުލަވާގޮތް ވެފައެވެ.
ހޫނުގަދަ ދުވަހެކެވެ. އަވި އައިނު ނަގައި ލޮލަށް ހެޔޮވަރުކޮށްލީމެވެ. ކުރިއަށް ނެގި ފުރަތަމަ ފިޔަވަޅާއިއެކު، އަހަރެންގެ ހަރަކާތް ހުއްޓިއްޖެއެވެ. ފެނުނު ސޫރައަކުން އަހަރެންގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. އެމީހަކު ފާލަމަށް އަރައިގެން އައީ، ސީދާ އަހަރެމެން ތިބި ދިމާއަށެވެ.
(ނުނިމޭ)