ވާހަކަ
ކުރަމޭ ބަޔާން... 16

ރަށުގެ ވަށައިގެން ލެވިފައި އޮތް ހުދު ފަސްގަނޑު އޮތީ ދިއްލައިލާފައެވެ. މަލަމަތި ފެހި ރަށެކެވެ. ބިއްލޫރިކޮޅެއްފަދަ ސާފު މޫދެކެވެ. އެހެން ރަށްތަކާއި ޚިލާފަށް ރަށަށް ފައިބާނެ ޖެޓީއެއް ނެތެވެ. ލޯންޗު ގާތްކޮށްލީ، ފާލަމެއްގެ ކައިރިއަށެވެ. އަހަރެންގެ އިޝާރާތަކަށް ކަންނޭނގެއެވެ. އާހިލް އާއި މުޙައްމަދުވެސް ފާލަމުގެ މަތީގައި މަޑުކޮށްލައިގެން ތިއްބެވެ. އަހަރެން ފޭބީ ފަޅުވެރިއެއްގެ އަތުގައި ހިފައިގެންނެވެ. ދަތުރުކުރުމުގެ ސަބަބުން، އަހަރެން ހުރީ ހޮޑުލަވާގޮތް ވެފައެވެ.

ހޫނުގަދަ ދުވަހެކެވެ. އަވި އައިނު ނަގައި ލޮލަށް ހެޔޮވަރުކޮށްލީމެވެ. ކުރިއަށް ނެގި ފުރަތަމަ ފިޔަވަޅާއިއެކު، އަހަރެންގެ ހަރަކާތް ހުއްޓިއްޖެއެވެ. ފެނުނު ސޫރައަކުން އަހަރެންގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. އެމީހަކު ފާލަމަށް އަރައިގެން އައީ، ސީދާ އަހަރެމެން ތިބި ދިމާއަށެވެ.

********

މަރުވެފައި ތިބޭ މީހުން އަލުން ދިރިގެން ނާންނާނެއެވެ. ކިރިޔާވެސް އެބަސް ތެދުނަމަ، އެކަން ގަބޫލު ކުރަން އަހަރެން ބޭނުމެވެ. ހިތް އެދުނީ ދެލޮލަށް ފެނުނު މަންޒަރު ދޮގަކަށް ވުމަށެވެ. ސަބަބެއް ނެތިއެއް ނޫނެވެ. މުޅި ދުނިޔެއިން އެންމެ ލޯބިވި މީހާއަށްޓަކައެވެ. އެމީހާއަށް އިތުބާރު ކުރަން ބޭނުންވާތީއެވެ. ކުރިމަތީގައި އެ ހުރީ، މަރުވިކަމަށް ބުނި ނަހީކުގެ މަންމައެވެ. ދިރިހުރި އިންސާނަކު މަރުވެއްޖެކަމަށް ބުނެ، އެވަރުގެ ބޮޑު ދޮގެއް ނަހީކު ހެދީ ކީއްވެ ހެއްޔެވެ؟ އަމުދުން ބަނޑުއަޅައި ވިހޭ މައިމީހާ ދިރިހުއްޓާ، މަރައިލާނީ، ކޮންފަދަ ނުބައި ދަރިއެއް ހެއްޔެވެ؟ ފަރުދާގެ ފުރަގަހުގައި ރޭވިފައިވަނީ ކޮން ކަންތައްގަނޑެއް ހެއްޔެވެ؟ އަހަންނަށް ފޮރުވިފައިވާ ސިއްރެއް ވަނީ ހެއްޔެވެ؟

"އާލް!..." އަންހެންމީހާ ދުރުގައި ހުރެ، ހަނާ އަޅައިލިއެވެ.

އޭނާއަށް އަހަރެން ފެނުމުގެ ކުރިން، އަހަރެން އަވަހަށް ފުރަގަސްދިނީމެވެ. އެނބުރި އައިކޮޅަށް ހިނގައިގަތީމެވެ. އޭރު، ހިތުގެ ތެޅުން ވަނީ އިތުރުވެފައެވެ. އޭނާއަށް އަހަރެން ފެނުމުން ވާނީ ކިހިނެއް ހެއްޔެވެ؟ ކުރިން އަހަންނާއި ދޭތެރޭގައި ކަންތައް ކުރިގޮތް އަދިވެސް ހިތުން ފިލައިގެން ނުދެއެވެ.

"ދަރިފުޅާ!..." މަންމަ ގޮވައިލިއެވެ. "ކޮންތާކަށް ތި ދަނީ؟..."

މަންމަ އައިސް އަހަރެންގެ އަތުގައި ހިފިއެވެ. ގަދަހަދާލާފައިވެސް މީހުން ބަލާހެން ހީވެ، މަންމަ އާއި އެކުގައި ކުރިއަށް ހިނގައިގަތީމެވެ. އާހިލްގެ އަތުގައި ހިފާލައިގެން ނަހީކުގެ މަންމަ ހުއްޓެވެ. ދެ މީހުން ކޮންމެވެސް ވާހަކައެއް ދައްކަނީއެވެ. ވަށައިގެންވި މާހައުލަށް ނަޒަރެއް ދެވޭ ވަރަށްވުރެ، އާހިލް ފެނުމުން، އޭނާއަށް ލިބިފައިވާ އުފާވެރިކަން މާ ބޮޑު ކަހަލައެވެ. އާހިލްގެ މޫނުން އޭނާގެ ނަޒަރު ވަކިނުވެއެވެ. ކޮންމެ ގޮތެއް ވިޔަސް، އެއީ މިހާރު އަހަރެންގެ މައިދައިތައެވެ. އެކަން ބަދަލެއް ނުކުރެވޭނެއެވެ. އެހެން ހުރެފައި، އާހިލް އަހަންނަށް ބަލައިލިއެވެ. ހިތަށް އެރިއެވެ. ދެ މީހުން އެ ދައްކަނީ އަހަރެންގެ ވާހަކައެވެ. އަވަހަށް މޫނު ފޮރުވަމުން އެމީހުންނަށް ފަސްދީ ކުރިއަށް ހިނގަމުން ދިޔައީމެވެ. އަހަންނާއި އެއްވަރަށް ނާދެވިގެން މަންމަ ޝަކުވާ ކުރާ އަޑު އިވުނު ނަމަވެސް، ފަރުވާލެއް ނުބަހައްޓަމެވެ. އަހަރެން ހުއްޓުނީ، ރަށުގެ ހޭޅިފަށުގައި ހުރި ގަސްތަކާއި ހަމައަށް ގޮސްފައެވެ.

"މާވަރަކަށް ކާކަށް ތި ފިލަނީ؟..." މުޙައްމަދުގެ އަޑު އައީ އަހަންނާއި ދާދި ގާތުންނެވެ.

އަހަރެން ބަލައިލިއިރު، ވަރަށް ހިނިއައިސްފައި އޭނާ ހުއްޓެވެ. ދާދި ގާތުގައެވެ. އަހަރެން ކުޑަކޮށް ދުރަށްޖެހިލީމެވެ.

"އަވިކަމުން މިއައީ..." އަހަރެން ދޮގެއް ހަދައިލީމެވެ.

"ކަޅުވެދާނެތީ ދޯ؟..." މުޙައްމަދު ހީގަތެވެ.

ކައިރީގައި ހުރީ ގާތިލެކެވެ. ކުރިމަތިން އެ އަންނަނީ މަރުވެފައި ހުރި ކަމަށް ބުނާ މީހެކެވެ. އަހަރެން ފިލަންވީ، އެތަނުން ކާކަށް ހެއްޔެވެ؟ ބިރުގަންނަންވީ ކާކުދެކެ ހެއްޔެވެ؟ ކޮންމެގޮތަކުންވިޔަސް، ނަހީކުގެ މަންމައަށް ފެނުމަށްވުރެ، އެވަގުތު ގާތިލެއްގެ ކައިރީ ހުރުންވެސް މާ ރައްކާތެރިކަމުގައި އަހަންނަށް ގަބޫލު ކުރެވުނެވެ.

"އެއީ ރިވާގެ މަންމަތަ؟..." ދެ އަތުން ދެ ފޮށި ދަމަމުން އައި މަންމަ ދައްކައިލަމުން މުޙައްމަދު އަހައިލިއެވެ.

އަހަރެން ބޯ ޖަހައިލުމުން، މުޙައްމަދު ދުވެލާފައި ގޮސް މަންމަގެ އަތުން ފޮށިތައް އަތުލި ތަން ފެނުނެވެ. މަންމަ ވަރަށް ހިނި އައިސްފައި މުޙައްމަދާއި ވާހަކަ ދެއްކިއެވެ. ދެކެފަރިތަ ރައްޓެހިންތަކެއް ފަދައިންނެވެ.

"ދަރިފުޅު ކިހިނެއްތަ ތި އުޅެނީ؟... މަންމައަށް ހުރިހާ ފޮށިތަކެއް ހަވާލުކޮށްފަ، ކޮއްކޮވެސް ދޫކޮށްލާފަ ތި އައީ..." މަންމަ އައިސް ޝަކުވާ ކުރިއެވެ.

އަހަރެން އަވަހަށް ކޮއްކޮގެ އަތުގައި ހިފައިލީމެވެ.

"މީ މުޙައްމަދު... މަންމަ މިހާރު މި މަސައްކަތްކުރާ ފިލްމުގަ، މުޙައްމަދަކީ މަންމަގެ ދަރިއެއް..." މުޙައްމަދު ކޮނޑުމަތީގައި އަތް ބާއްވައިލަމުން މަންމަ ބުންޏެވެ.

އަހަރެންގެ ނަޒަރު މަންމަގެ އަތަށް ހުއްޓުނުތަން މަންމައަށް ފެނުނީ ކަންނޭނގެއެވެ. އަވަހަށް މުޙައްމަދުގެ ކޮނޑުމަތީން އަތް ނަގައިފިއެވެ. މަންމަ ރާއްޖެތެރޭގެ ރަށަކަށް އަންނަން ބުންޏަސް، އެއީ ފިލްމުގެ މަންޒަރުތަކެއް ނަގަން ކަމެއް އަހަންނަކަށް ނޭނގެއެވެ. އެކަން އެނގޭނަމަ، އަހަރެން އެދަތުރުގައި ބައިވެރިއެއް ނުވީމުހެވެ. އަނެއްކޮޅުން މުޙައްމަދަކީ، ފިލްމު ކުޅޭ މީހެއް ކަން އެނގުމުން، އަހަރެން ހުރީ ހައިރާންވެފައެވެ. އާހިލްވެސް އަދި ދައްތަވެސް އެކަހަލަ ވާހަކައެއް ކުރިން ބުނެފައި ނުވާތީއެވެ.  ފިލްމީ ދާއިރާގައި މަންމަ ގެންގުޅޭ އެކުވެރިންނާއި ގުޅުން ބަދަހިކުރާކަށް އަހަރެން އެއްއިރެއްގައިވެސް ބޭނުމެއް ނުވެއެވެ. އެއިން މީހަކު ގެއަށް އަންނަކަން އެނގުނަސް، އަހަރެން އެ ދުވަހަކު ކޮޓަރިން ނުވެސް ނުކުންނަމެވެ.

ބަރޯއެއް ހިފައިގެން އައި ފިރިހެނަކު، އަހަރެމެންގެ ފޮށިތައް އެއަށް އަރުވައިގެން އެއްގަމާއި ދިމާއަށް ހިނގައިގަތެވެ. އެމީހާގެ ފަހަތުން އަހަރެމެން ހިނގައިގަތްއިރު، އާއިލް އާއި ނަހީކުގެ މަންމަވެސް އެއްގަމަށް އަރައިގެން ދާތަން ފެނުނެވެ. ނަސީބު ދިމާކުރިގޮތުން، އަހަރެމެން ތިބެން ހަމަޖެހުނީ އަތިރިމަތީގައި ހުރި ގެއެއްގައެވެ. އަހަންނާއި މަންމަ އަދި ކޮއްކޮއަށް އެއް ކޮޓަރި ހަމަޖައްސާފައި ހުއްޓެވެ. މުޙައްމަދާއި އިތުރު ދެ މީހަކު ތިބުމުގެ އިންތިޒާމްވެސް ހަމަޖެހިފައިވީވެސް ހަމަ އެ ގެއިންނެވެ. އަހަރެން އޮތީ ކޮޓަރިން ނުކުންނަންވެސް ފޫހިވެފައެވެ. މުޙައްމަދާއި އެއްފުރާޅެއްގެ ދަށުގައި އުޅެންޖެހުމުން، ކަންބޮޑުވިއެވެ. އެއްކޮޅުން ނަހީކުގެ މަންމަ އާއި އާހިލް އެވެ. އަނެއްކޮޅުން މުޙައްމަދެވެ. އަހަރެން އެ ދަތުރު އަންނަން ނިންމީ ސިކުނޑިއަށް ލުޔެއް ހޯދުމަށެވެ. އެކަމަކު އެއްގޮތަކުންވެސް ސަލާމަތެއް ނެތެވެ.

ހަވީރުގެ ވަގުތެވެ. ކޮއްކޮ ކުރުނުކޮށް ކިޔަން ފެށުމުން ބޭރަށް ނުކުމެލީމެވެ. ރަށްފުށުގެ ދިރިއުޅުން ފެނި އަހަރެން ހުރީ، އަޖައިބުވެފައެވެ. ހިތްފަސޭހައެވެ. ފެހިކަން ގަދަ ގަސްތައް ގިނައެވެ. ދުއްވާ އެއްޗެހި މަދެވެ. މަގުމަތީގައި ބޭނުން ގޮތަކަށް އުޅެންވީއެވެ. ކާޅާއި ކޮވެލިތައް މިނިވަންކަމާއިއެކު އުދުހިއުދުހި އުޅެއެވެ. ކުޑަކުދިންގެ ހުނުމާއި ސަކަރާތުގެ އަޑުން މާހައުލަށް ދިރުން ގެނެސްދީފައި ވިއެވެ. މަގުތައް މަތީގައި ހުސްފަޔާއި ކުދިން ކުޅެން އުޅޭތަން ފެނުމުން، ބަލަހައްޓައިގެން ހުރެވުނެވެ. އެފަދަ މިނިވަންކަމެއް އަހަންނަށްވެސް ލިބުނު ނަމައެވެ.

"އާދޭ ކުޅެން..." އަތިރިމައްޗަށް ދިޔުމާއިއެކު، ކުޑަކުދިންތަކެއް އައިސް ކޮއްކޮގެ އަތުގައި ހިފައިލިއެވެ.

ހުއްދައަކަށް އެދޭފަދައިން ކޮއްކޮ އަހަންނަށް ބަލައިލިއެވެ. އަހަރެން ބޯ ޖަހައިލުމުން، ކޮއްކޮ އެކުދިންނާއިއެކު ދުވެފައި ދިޔައެވެ. އަހަރެން އޮތީ، އަތިރިމަތީގައި ހުރި ކާނި ގަހެއްގައި އެލުވާފައިވާ އުނދޯއްޔެއްގައި އޮށޯވެލައިގެންނެވެ. ކެމެރާއެއް ހިފައިގެން އަހަންނާއި ދިމާއަށް އައި އާހިލް ފެނުމުން، ފުންމައިގެން ތެދުވެވުނެވެ. އޭރު އޭނާ ހުރީ ކެމެރާ އަހަންނާއި ދިމާއަށް ދިއްކޮށްލައިގެންނެވެ.

"ދަނީތަ؟..." އާހިލް ކުޑަކޮށް ދުވެލާފައި ކަހަލަ ގޮތަކަށް އައިސް އަހަރެންގެ ކައިރިއަށް ހުއްޓުނެވެ.

"ކީއްކުރަން މީހުން ކައިރީ ނާހާ ފޮޓޯ ނަގަނީ؟..." އަހަރެން ލޯ އަޅައިލީމެވެ.

"ނުކުރަންވީ ކަންތަކުގެ ޝަރުތުތަކުގެތެރޭ ނުބުނަމެއްނު ފޮޓޯ ނުނެގޭނެއެކޭ..." އާހިލް ސަމާސާ ރާގެއްގައި ބުންޏެވެ. "ވަރަށް ލޯބިކޮށް ލޯ މަރާލައިގެން އޮތީމަ، ފޮޓޯއެއް ނަގާނުލާ ހަމަ ކެތްނުވީ... މި ފޮޓޯ ހައްދާފަ ރިވާއަށް ދޭނަން... އެންމެ ރަނގަޅުތަ؟..."

"ޑިލީޓްކޮށްލާ..." ކުޑަކޮށް ހަރުކަށި ރާގަކަށް އަހަރެން ބުނީމެވެ.

އާހިލް އެއްޗެއް ނުބުންޏެވެ. އެކަމަކު، އަހަންނާއި އެއްވަރަށް ރާޅުފަށުން ހިނގަމުން އައެވެ.

"މިދިމާލުގަ އޮންނާނެ ވަރަށް ބައިވަރު އެނބޫ ގަސްތަކެއް..." ވަލުތެރެއަށް އިޝާރާތްކޮށްލަމުން އާހިލް ބުންޏެވެ. "ދާނަންތަ ބަލާލަން؟... ދޮންއެނބޫ އޮންނާނެ ބައިވަރު..."

އަހަންނަށް ބަލައިލެވުނީ ކޮއްކޮ އާއި ދިމާއަށެވެ. ކުދިންތަކާއިއެކު ބޯޅައެއް ހިފައިގެން ކޮއްކޮ ދުވެދުވެފައި އުޅުނެވެ. އެކުއްޖާ އެހާ މަޖާކުރަނިކޮށް، ހުއްޓުވާފައި ގެންނަން ހިތް އެއްބަހެއް ނުވިއެވެ.

"ކޮއްކޮއާ ދޭތެރޭ ހާސްނުވޭ... އޭނީނު އަންހެންކުއްޖެއް..." އާހިލް އަތުން އިޝާރާތް ކޮށްލިއެވެ. އޭނާ ދައްކައިލި ދިމާގައި ޒުވާން އަންހެން ކުއްޖަކު އިނެވެ. "އެއީ އަހަރެންގެ ފެމެލީ ކުއްޖެއް... އޭނަ ކައިރީ ބުނިން ހުރިހާ ކުދިން ބަލާލައްޗޭ... ޚާއްސަކޮށް، ސްލީޕިން ބިއުޓީގެ ކޮއްކޮ..."

އަހަރެން ހުރީ ނަހީކުގެ މަންމަ އާއި ބެހޭގޮތުން އާހިލް އާއި ސުވާލުކުރަން ބޭނުންވެފައެވެ. އެފަދަ ފުރުސަތެއް ފަހިވާނީ، އާހިލް އާއިއެކުގައި ގޮސްގެން ކަމަށް ގަބޫލު ކުރީމެވެ. އާހިލް ހިނގައިގަތުމުން، އަހަރެންވެސް އެކުގައި ހިނގައިގަތީމެވެ. އެކަމަކު، ނަހީކުގެ މަންމަގެ ވާހަކަ ފަށާނޭގޮތެއް ނުވިސްނުނެވެ.

"އަދި ކިރިޔާއޭ އަހަންނަށް މި އެނގުނީ، ސްލީޕިންގް ބިއުޓީ މަންމައަކީ، އެކްޓްރެސްއެއް ކަން... ރިވާ ނުވެސް ބުނަމެއްނު..." އާހިލް މަޑުމަޑުން ހީލިއެވެ.

މަންމަ ފިލްމު ކުޅޭތީ އަހަރެން ފަޙުރުވެރިއެއް ނުވެއެވެ. އުފަލެއްވެސް ނުވެއެވެ. އެތައް ދުވަހަކު މަންމަ ކައިރީ ބުނެގެންވެސް މަންމަ އެކަން ހުއްޓައިނުލުމުން އަހަރެން ފަހުން އެއްޗެއް ނުބުނެ ހުންނަން ފެށީއެވެ.

"ނިކްގެ މަންމައާ މީޓެއް ނުކުރާނަންތަ؟..." އާހިލް އަހައިލިއެވެ.

އަހަރެން ބޭނުންވި މިސްރާބަށް އާހިލް އޭނާގެ ވާހަކަ އަނބުރައިލީ، ހީވެސް ނުކޮށް ހުއްޓައެވެ. ލިބުނު ފުރުސަތުގެ ބޭނުން ހިފަން ކެތްމަދުވެފައި ހުއްޓަސް، އިރުކޮޅަކަށް ހުއްޓުން އަރާގޮތް ވިއެވެ.

"ކިހިނެއްވީ؟... ގޯސް އެއްޗެއްތަ މި ބުނެވުނީ؟..." އާހިލް ކުޑަކޮށް ނުތަނަވަސްވެފައިވާ ރާގަކަށް އަހައިލިއެވެ. "ރިވާ ހިތްހަމަނުޖެހޭ ވާހަކައެއް އަހަރެން ނުދައްކާނަން..."

"ނޫން ނޫން..." އާހިލް އެ ވާހަކަ ހުއްޓާކަށް އަހަރެން ބޭނުމެއް ނުވިއެވެ.

އާހިލް ހީގަތެވެ. އަހަރެން އެ ވާހަކަ ދައްކަން ބޭނުންވެފައި ހުރިކަން އޭނާއަށް އެނގުނީއެވެ. އުޅެވުނު ގޮތް އެނގުމުން، ކުޑަކޮށް ލަދުގަންނަގޮތް ވިއެވެ.

"މައިޓު ރުއްސަން ފަންޑިތަ ހަދަންވީނު..." އާހިލް އަނެއްކާވެސް ހީގަތެވެ.

"ނިކްގެ މަންމަ އެކްސިޑެންޓެއްވިތަ؟..." އަހަރެން ސުވާލު ކުރީމެވެ.

"އެކްސިޑެންޓެކޭ؟..." އާހިލްގެ މޫނުން ފެނުނީ ހައިރާންކަމެވެ. "ކޮންއިރަކު؟..."

(ނުނިމޭ)

ގުޅުންހުރި ލިޔުންތައް
3 އަހަރު ކުރިން
1
3 އަހަރު ކުރިން
1
3 އަހަރު ކުރިން
3
ކިޔުންތެރިންގެ ޝުއޫރު
68%
12%
16%
4%
3 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު