ވާހަކަ
ކުރަމޭ ބަޔާން... 18

"ކިހިނެއް ނަންބަރު ހޯދީ؟..." އަހަންނަށް އަހައިލެވުނެވެ.

"ޝައިބާ ރިވާގެ ނަންބަރު ނުދިނަސް، އަހަންނަށްވެސް ރިވާގެ ނަންބަރު ހޯދިދާނެ ކިތަންމެ ގޮތެއް އޮންނާނެ ދޯ؟..." މުޙައްމަދު ބުންޏެވެ. "ރިވާއާ ބެހޭގޮތުން ޝައިބާ ދިނީ ހުސް ދޮގު މައުލޫމާތު..."

"އޭނ؟..." އަހަރެން ސިހުނެވެ.

********

އަހަރެން އަވަހަށް ފޯނު ރިކޯޑުކުރަން ފެށީމެވެ. މުޙައްމަދު ބުނާ ކޮންމެ ވާހަކައަކީ ތަހުގީގަށް މުހިއްމު ވާނެ ވާހަކައެއްކަން އެނގޭތީއެވެ.

"ނޭނގެ ކީއްވެކަމެއް ޝައިބާ އަހަންނަށް ދޮގުހެދީ..." މުޙައްމަދު ބުންޏެވެ. "ރިވާގެ ވާހަކަ އަހައިފިއްޔާ، އޭނަ މުޅީންވެސް ހަދާނީ ދޮގު.."

"ކޮންއިރަކު ޝައިބާއާ ދިމާވީ؟..." އަހަރެން އަހައިލީމެވެ.

"އެއީ ވަރަށް ކުރިން...." މުޙައްމަދުގެ ޖަވާބު އަވަހެވެ. "ޝައިބާއާ އެއްދުވަހަކު ދިމާވެގެން އަހާލީމަ އެހެން ބުނީ..."

"ކޮންއިރަކު ދިމާވީ؟..." އަހަރެން އަނެއްކާވެސް އަހައިލީމެވެ.

އަހަރެން މާ ގިނައިން ސުވާލުކުރުމުން ކަންނޭނގެއެވެ. މުޙައްމަދު އެއްޗެއް ނުބުނެ އިރުކޮޅަކު މަޑުކޮށްލިއެވެ.

"އެންމެ ފަހަރަކު އަހަރެމެން ދިމާވީ... އެއީ ޝައިބާ ކޮލެޖުގަ އުޅުނުއިރު ކޮލެޖުން..." މުޙައްމަދު ބުންޏެވެ.

އެއީ ކަނޑައެޅިގެން ދޮގެއްކަން އަހަންނަށް ޔަގީންވިއެވެ. މުޙައްމަދު ކުރިން ދެއްކި ވާހަކަ އާއި ފަހުގެ ވާހަކަ ދިމާނުވީމައެވެ. ދައްތަގެ ކައިވެންޏާއި ޖެހެންދެންވެސް ޝައިބާ އަހަރެންގެ ކައިރީ މުޙައްމަދުގެ ވާހަކައެއް ދައްކާފައެއްވެސް ނުވެއެވެ. ޝައިބާ އޭނާގެ އެއްވެސް ކަމެއް އަހަންނަށް ސިއްރު ނުކުރާނެކަން އަހަންނަށް ޔަގީންވެއެވެ.

"ދެން ބާއްވާލިއްޔޭ... ގެއަށް އައިތޯ ބަލާލަންވެގެން މި ގުޅީ..." މުޙައްމަދު އުޅުނީ ފޯނު ބާއްވާށެވެ.

އެއްޗެއް ބުނަން އުޅެފައިވެސް އަހަރެން ހިމޭންވީމެވެ. ވިސްނި ވަރަކަށް މުޙައްމަދާއިމެދު އަހަރެންގެ ހިތުގައި އޮތް ޝައްކު އިތުރުވަމުން ދިޔައެވެ. ވަގުތުން އާހިލްއަށް ގުޅީ، އެ ވާހަކަ ޚިއްސާކުރަން ބޭނުންވެފައި ހުރި ވަރުންނެވެ.

"މިސްވީތަ؟..." ފޯނު ނެގިގޮތަށް އާހިލް އަހައިލިއެވެ.

"މުޙައްމަދު ގުޅި..." އާހިލްގެ ވާހަކައަށް ސަމާލުކަން ދިނުމެއްނެތި ވާހަކަ ދައްކަން ފެށީމެވެ. "އިންނާނެ ރިކޯޑިން ފޮނުވާލާފަ..."

އާހިލް އިތުރު އެއްޗެއް ބުނުމުގެ ކުރިން ފޯނު ކަނޑައިލީމެވެ. އަހަރެން އިންތިޒާރު ކުރަމުން ދިޔައީ ރިކޯޑިންގް އަޑު އަހާފައި، އާހިލްގެ ޚަބަރެއް ވާނެ އިރަކަށެވެ. މާގިނައިރެއްނުވެ، އާހިލް ގުޅިއެވެ. މުޙައްމަދު ދެއްކި ވާހަކަތަކާއި އޭނާގެ ފަރާތުން ފާހަގަވި ޝައްކު ކުރެވޭ ކަންކަން އާހިލް އާއި ޚިއްސާކުރީމެވެ.

"ބިރު ނުގަންނައްޗޭ... އަހަރެން ހުއްޓާ ރިވާ ހާސްވާކަށް ނުޖެހޭނެ..." އާހިލް ބުންޏެވެ. "މިހާރު އޭނާގެ ކަންތައް ތިހުރީ އަހަރެމެން ގެންދަން ބޭނުންވި މިސްރާބަށް..."

"އަހަރެން ވާހަކައެއް އަހާލަންތަ؟..." އިރުކޮޅެއްގެ ހިމޭންކަމަށްފަހު، އަހައިލީމެވެ.

"ތިހެން އަހާކަށްވެސް ނުޖެހޭނެއެއްނު... ރިވާއަށް އަހަރެން ކައިރީ ނުދެއްކޭނެ އެއްވެސް ވާހަކައެއް ނޯންނާނެ..." އާހިލްގެ އަޑުގައި ހުރީ ގާތް ގޮތެކެވެ.

"ނިކް މަންމަ ކީއްވެ މިކޮޅުގަ އުޅެނީ؟..." އަހަންނަށް ކުރެވުނީ، ހިތުގައި އޮތް ސުވާލެއް ނޫނެވެ.

"ނިކް މަންމަދޯ..." އާހިލް ދޫކޮށްލީ ފުން ނޭވާ އެކެވެ. "އަހަރެން ހީކުރީ އަހަރެންގެ ވާހަކައެއް އަހަން އުޅެނީ ކަމަށް... ދެރަވެއްޖެ އިނގޭ..."

އާހިލް ހީގަތެވެ. އަހަރެން ކައިރިއަށްވެސް ހިނިއައެވެ.

"މާލޭގަ އެންމެ ކުރިން ފެށިގެންވެސް އުޅެނީ..." އާހިލް ބުންޏެވެ. "ގަދަ މަންމައެކޭ އެއީ... ޕްރޮޑިއުސަރެއް... ލިޔުންތެރިއެއް... ނުވީތާކަށް ވިޔަފާރިވެރިއެއް... ދެން ކިހިނެއް މިތާ ހުންނާނީ... ރިވާ މަންމަމެންނާއެކީ ޝޫޓިންގެ މަސައްކަތްތައް ނިންމާލަން މިކޮޅަށް އެ އައީ..."

އަހަރެން ދިޔައީ ސިއްސައިގެންނެވެ. މަންމަ އާއި ނަހީކުގެ މަންމަ އެކުގައި މަސައްކަތްކުރާކަން އެނގުމުން ހިތް ނުތަނަވަސް ވިއެވެ.

"ރިވާއަށް އެނގޭތަ، ނިކްގެ ކާފައާ މާމަ އުޅެނީ މިކޮޅުގަކަން... ދާނަންތަ ބައްދަލުކޮށްލަން؟... މިހާރު އެމީހުން ވަރަށް މުސްކުޅި... ދެމީހުން އެކަނި އެގޭގަ އުޅޭނީ... ވަރަށް ހެޔޮވާނެ... ރިވާއާ ދިމާވެއްޖެއްޔާ ވަރަށް އުފާވާނެ އެމީހުން..." އާހިލް ޝައުގުވެރިވެލާފައި ބުންޏެވެ. "މާދަމާ ދާނަން ބަލާ... ރެޑީވައްޗޭ ހަވީރު..."

އާހިލް ފޯނު ބޭއްވުމުން އަހަންނަށް ބަލައިލެވުނީ ނިދާފައި އޮތް މަންމަގެ މޫނަށެވެ. އެ މަންމަ އާއި ކުރަން ބޭނުންވާ ސުވާލުތަކުން އަހަރެންގެ ހިތް ފުރިއްޖެއެވެ. އަހަރެން ނުގުޅައިގެން ނަހީކު ގުޅީ، ނުނިދިގެން އެނދުގައި ފުރޮޅެން އޮއްވައެވެ. އަހަރެން ވަގުތުން ތެދުވެގެން މަންމަމެންނާއި ދުރަށް ހިނގައިގަތީމެވެ.

"އަހަރެން ބޭނުން ސުވާލެއް ކުރަން..." ފޯނު ކަންފަތުގައި ޖައްސައިލި ގޮތަށް އަހަރެން ސީދާ މައުޟޫޢުއަށް ދިޔައީމެވެ.

"ކޮން ސުވާލެއް؟..." ނަހީކު ހައިރާންވެފައި އަހައިލިއެވެ.

"ދުވަހަކުވެސް ނިކް އަހަންނަށް އެއްވެސް ދޮގެއް ހަދާފަ އޮންނާނެތަ؟..." އަހަރެން އަހައިލީމެވެ.

"ތީ ކީއްވެ ކުރި ސުވާލެއް؟..." ނަހީކު މަޑުމަޑުން ހީލި އަޑު އިވުނެވެ.

"މީ އަހަރެން މަޖަލަށް ކުރި ސުވާލެއް ނޫން... އަހަރެން ބޭނުން އެނގެން... ނިކް އަހަންނަށް އެއްވެސް ދޮގެއް ހަދާފަ އޮތިއްޔާ، މިހާރު ބުނެދީ..." އަހަންނަށް ވާހަކަ ދެއްކުނީ ކުޑަކޮށް ހަރުކަށި ރާގަކަށެވެ.

"ލަވް!..." ނަހީކު ހާސްވެފައި ކަހަލަ ގޮތަކަށް ގޮވާލިއެވެ. "ލަވްއަށް ހީވޭތަ އަހަރެން ލަވްއަށް ދެރަވާ ގޮތަކަށް ކަމެއް ކޮށްފާނެހެން... ނޫނީ ލަވްއަށް ކަމެއް އޮޅުވާލަފާނެހެން؟... އަހަރެން ލޯބިނުވާހެން ލަވްއަށް ހީވަނީތަ؟..."

"އަހަރެން ބޭނުން ސީދާ ޖަވާބެއް..." އަހަރެން ބުނީމެވެ.

"ލަވް އަހަންނަށް ޓްރަސްޓް ނުކުރަންޏާ، ކުރެވޭނެ ކަމެއް ނެތް..." ނަހީކު ބުންޏެވެ. "ދެން ނިދާލާ... ތިހުރީ ވަރަށް ވަރުބަލިވެފަހެން ހީވަނީ... ގުޑް ނައިޓް..."

ނަހީކު ފޯނު ބޭއްވުމުން އަހަންނަށް ހުރެވުނީ ގަބޫލުވެސް ނުކުރެވިފައެވެ. ދެރަ އާއި ރުޅި އެކުވެގެން ދެލޮލުން އައި ކަރުނަތައް ފުހެމުންދިޔައިރު، އަހަރެންގެ ހިތް ފުނޑުފުނޑުވެއްޖެއެވެ. ނަހީކު އަހަންނަށް އޮޅުވައިނުލާނަމަ، ސީދާސީދަލަށް ޖަވާބު ނުދެވުނީ ކީއްވެ ހެއްޔެވެ؟ އެއީ ކުރީގެ ނަހީކެއް ނޫނެވެ. ނަހީކު ބަދަލުވެއްޖެއެވެ. އެތައް އިރަކު ފިކުރުތަކުގައި އޮވެފައި އަހަންނަށް ނިދުނީ ކިހާ އިރަކު ކަމެއްވެސް ނޭނގުނެވެ. ހެނދުނު ހޭލެވުނީ މަންމަ ގޮވުމުންނެވެ.

ސައިގެ ކަންތައް ހަމަޖެހިފައިވީ ހޮޓަލުންނެވެ. އަހަރެމެން ހޮޓަލަށް ދިޔައިރު، ތަން އޮތީ ހުސްކޮށެވެ. ނަހީކުގެ މަންމަ އާއި ބެހޭގޮތުން އަހަރެން މަންމަ އާއި ސުވާލު ކުރީ ދުރުދުރުންނެވެ.

"ވަރަށް ނުފޫޒުގަދަ މީހެކޭ އެއީ މީހުން ކިޔަނީ... އޭނަގެ ފިރިމީހާވެސް އުޅެނީ، ދެއަނތްބަށް އެހެން މީހަކާ އިނދެގެންނޯ ކިޔާތީ އެހިން... ބޮޑެތި ގޭންގްތަކާވެސް ގުޅުން އޮންނަކަމަށް ވަނީ... މަންމަ މީގެ ކުރިންވެސް އޭނައާ އެކީ މަސައްކަތްކުރިން... އެކަމަކު މަންމައަކަށް އޭނަގެ ގޯސްކަމެއް ފާހަގައެއް ނުވޭ... ދެން އަނެއްކާ މަންމަ މީ މީހުންގެ ކަންތަކާ އެގޮތަށް މާ ބޮޑަށް ފާޑުކިޔާއުޅޭ މީހެއްވެސް ނޫނެއްނު... އެހެންވެ، އިންޑަސްޓްރީގެ އެންމެންވެސް މަންމައާ ގުޅޭނެ..." ނަހީކުގެ މަންމަކަން ނޭނގޭހާލު މަންމަ އޭނާ އާއި ބެހޭގޮތުން ވާހަކަ ދައްކަމުން ދިޔައެވެ. "ދަރިފުޅު ކީއްވެ އޭނަގެ ވާހަކަ ތި އެހީ؟..."

"އަހާލީ..." ދޮގުހަދަން އަހަންނަށް މަޖުބޫރު ވިއެވެ.

"ނަހީކު ގުޅި ހެނދުނު..." މަންމަ ބުންޏެވެ.

ބޯން އިން ސައިތަށި ވަގުތު ތިރިކޮށްލެވުނެވެ. މަންމަގެ މޫނަށް ބަލައިލިއިރު މަންމަވެސް އިނީ އަހަންނަށް ބަލަހައްޓައިގެންނެވެ.

"ދަރިފުޅުމެން މައްސަލައެއް ޖެހިގެންތަ ތިއުޅެނީ؟..." މަންމަ އަހައިލިއެވެ. "މަންމައަށް ވަރަށް އެބަ ހީވޭ..."

"މައްސަލައެއް ނުޖެހޭ..." އަހަރެން ދެކޮޅުހެދީމެވެ.

"މަންމަ ބުނަންތަ ވާހަކައެއް ދަރިފުޅާ..." ވިސްނައިދޭ ކަހަލަ ރާގަކަށް މަންމަ ބުންޏެވެ. "ނަހީކަކީ ވަރަށް ރަނގަޅު ކުއްޖެއް... ކޫސަނި ކަންކަމާ އަބަދު ރުޅި އައިސް އެއްޗެހި ބުނަންވެއްޖެއްޔާ، ދިރިއުޅުން ހަލާކުވެދާނެ... ކޮންމެ މީހަކުވެސް ކެތް ކުރާނީ ވަކި ވަރަކަށް..."

"ނިކް ކީކޭ ކީތަ މަންމާ..." ޝަކުވާގެ ރާގެއްގައި އަހައިލެވުނެވެ.

"ދަރިފުޅުގެ ގޯސް ވާހަކައެއް ނުދައްކާ... އެކަމަކު މަންމައަށް އެހެން ހީވަނީ... ނަހީކު އުޅެނީ، މާލެ އަންނަންވެގެން..." މަންމަ ބުންޏެވެ. "މަންމައަށް ހީވަނީ ނަހީކު ވަރަށް ބަލިހެން... ދަރިފުޅު ނަހީކަށް ނުވެސް ގުޅަނީތަ؟..."

މަންމަ ދެއްކި ވާހަކައަކުން އަހަންނަކަށް ނުކެވުނެވެ. ލިބުނީ އިތުރު ނުތަނަވަސްކަމެކެވެ. ކުޑަގޮތަކަށް ކާލައިގެން މޭޒުކައިރިން ތެދުވީމެވެ. މަންމަ ނިމެންދެން އަހަރެން މަޑުކުރީ ބޭރުގައެވެ. ރޭގައި ނަހީކާއި ވާހަކަ ދެއްކުނުގޮތުން އަހަރެން ހުރީ ދެރަވެފައެވެ. ނަހީކަށް ގުޅަން އުޅެފައިވެސް އަހަރެންގެ ޚިޔާލު ބަދަލުވިއެވެ.

********

ހަވީރު ހަތަރުގަޑި ބައިވީއިރު އަހަރެން ހުރީ، ތައްޔާރުވެލައިގެން މަގުމައްޗަށް ނުކުމެއެވެ. އާހިލް އައީ ބުނި ގަޑިއަށްވުރެ ފަނަރަމިނެޓު ލަހުންނެވެ.

"ޗުއްޕުޓީ ފަހަތުއަޅުވާލައިގެން ނާދެވުނީ..." ވަރުބަލިވެގެން މާނޭވާލަމުން އާހިލް ވާހަކަ ދެއްކިއެވެ. "ގޭގެ އެންމެ ކުޑަ މީހާ، ބޭރަށް ދާން ނުކުތީއްސުރެ ފަހަތުން ނުނައްޓާ... ދުވެފަ މިއައީ..."

އާހިލް ފަސްއެނބުރި ބަލައިލާފައި އަވަހަށް އެތަނުން ދިޔުމަށް އެދުނެވެ. އަހަރެން ހުރީ އާހިލްއަށްވުރެ ކުޑަ ތަންކޮޅެއް ފަހަތުގައެވެ. އާހިލް ގޮސް ހުއްޓިލީ، މުސްކުޅި ގޮތަކަށް ހަދާފައިވާ ގެއެއްގެ ކުރިމަތީގައެވެ. ތެޅިގަލުން ރާނާފައިވާ އެ ގޭގެ ދޮރުތައްވެސް ހުރީ އެންމެ އިހުޒަމާނުގައި ހަދާފައި ހުންނާނޭ ގޮތަށެވެ.

އާހިލް އެތެރެއަށް ވަދެ، ސަލާން ގޮވައިލުމުން ނުކުތީ މުސްކުޅި ފުރައިގެ އަންހެނެކެވެ. އޭނާއަށް އާހިލް ފެނުމާއިއެކު ބަލަހައްޓައިގެން އިރުކޮޅަކު ހުއްޓެވެ. ދެން ފެނުނީ އައިސް ބައްދައިލި ތަނެވެ. ލޯބިން އާހިލްގެ ބުރަކަށީގައި ފިރުމާ ހެދިއެވެ. އޭނާއަށް އަހަރެން ފެނުނީ، އޭގެ އިރުކޮޅެއް ފަހުންނެވެ.

"މީ ދަރިފުޅުގެ އަންހެނުންތަ؟..." އަހަރެން ދައްކައިލަމުން އެ މީހާ އަހައިލިއެވެ.

(ނުނިމޭ)

ގުޅުންހުރި ލިޔުންތައް
3 އަހަރު ކުރިން
1
3 އަހަރު ކުރިން
1
3 އަހަރު ކުރިން
3
ކިޔުންތެރިންގެ ޝުއޫރު
72%
11%
17%
0%
2 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު