ވާހަކަ
ކުރަމޭ ބަޔާން... 19

އާހިލް އެތެރެއަށް ވަދެ، ސަލާން ގޮވައިލުމުން ނުކުތީ މުސްކުޅި ފުރައިގެ އަންހެނެކެވެ. އޭނާއަށް އާހިލް ފެނުމާއިއެކު ބަލަހައްޓައިގެން އިރުކޮޅަކު ހުއްޓެވެ. ދެން ފެނުނީ އައިސް ބައްދައިލި ތަނެވެ. ލޯބިން އާހިލްގެ ބުރަކަށީގައި ފިރުމާ ހެދިއެވެ. އޭނާއަށް އަހަރެން ފެނުނީ، އޭގެ އިރުކޮޅެއް ފަހުންނެވެ.

"މީ ދަރިފުޅުގެ އަންހެނުންތަ؟..." އަހަރެން ދައްކައިލަމުން އެ މީހާ އަހައިލިއެވެ.

********

އާހިލް އެއްޗެއް ބުނުމުގެ ކުރިން އަންހެންމީހާ އައިސް އަހަރެންގެ ދެ އަތުގައި ހިފައިލިއެވެ.

"މާމާ!... މީ ރިވާ... ރިވާ... މީ މާމަ..." އާހިލް އެކަކު އަނެކަކަށް އިޝާރާތް ކުރަމުން ބުންޏެވެ.

"މާމަ ކުޑަކޮށްވެސް ހިއެއް ނުކުރަން ދުނިޔޭގަ ހުއްޓާ، މީން ކުއްޖެއްގެ އަންހެނުންނާ ދިމާވެދާނެ ކަމަކަށް..." އަހަރެންގެ ބޮލުގައި ފިރުމައިލަމުން މާމަ ބުންޏެވެ. "މިކުދިން ކުޑައިރު މާމައޭ ބެލީ.... މާމަ ހީކުރީ، އަނތްބަކު ގޮވައިގެން އެންމެ ފުރަތަމަ މާމަ ކައިރިއަށް އަންނާނީ ނަހީކު ކަމަށް... މާމަދެކެ އެންމެ ލޯބިވީ ނަހީކު... އެކަމަކު އެހެނެއް ނުވިތާ..."

"މާމާ... މީ އަހަރެންގެ އަންހެނުންނެއް ނޫ..." އާހިލް ދައްކަން އުޅުނު ވާހަކަ މެދުކެނޑުނީ، ކޮޓަރިއެއްގެ ތެރެއިން ނުކުތް މުސްކުޅި ފިރިހެންމީހާ އާހިލްއަށް ގޮވައިލުމުންނެވެ.

އޭނާ އައިގޮތަށް އާހިލްގެ ބުރަކަށީގައި ޖަހަން ފެށިއެވެ. އެ މީހުން ދެކެލަން ނާންނާތީ، އެތައް ޝަކުވާއެއް ކުރަމުންނެވެ.

"ކާފާ ތަދުވެއޭ..." އާހިލް ދުވެފައި ގޮސް މާމަގެ ފުރަގަހަށް ވަނެވެ.

"އެއްގޮތަކަށްވެސް ކާފަމެން ކައިރިއަށް އަންނާނެކަމެއް ނެތް..." އާހިލް އާއި ދިމާއަށް ދަމުން ކާފަ ވާހަކަދެއްކިއެވެ. "އައިތާކަށް ދޭ..."

ފެންކަޅިވެފައިވާ މާމަ އާއި ކާފަގެ ދެ ލޯ ހެކިދިނީ، އާހިލްދެކެ އެ ދެމީހުން ވަމުންދިޔަ ލޯތްބެވެ. ތިން މީހުންގެ ހަރަކާތްތަކަށް ބަލަން އަހަންނަށް ވެސް ހުރެވުނީ ފެންކަޅިވެފައެވެ. ނަހީކު ހުރިނަމައޭ ހިތަށް އެރިއެވެ. އެ މުސްކުޅި މާމަ އާއި ކާފަ ކިހާ އުފާވާނެ ހެއްޔެވެ؟

"ނަހީކު މީހަކާ ނީނަސް، މާމަގެ އާހިލް ރަނގަޅު ކުއްޖަކު ހޯދައިފި..." ސަޔަށް އިންސާފުކުރަން ތިބެފައި، މާމަ ބުންޏެވެ. "މިހާ ދުވަސްވާއިރު، ނަހީކު މީހަކާ ނީނދެ ހުންނާތީ މާމަ މިހުންނަނީ ހަދާނެގޮތް ހުސްވެފަ..."

"މާމާ... ރިވާއަކީ ނިކްގެ..." އާހިލް އެއްޗެއް ބުނަން އުޅުނެވެ.

"އާހިލް އޭނަ ދިފާއު ކޮށްކޮށް، އެހެން އުޅެން ނަހީކަށް އެ ކެރެނީ..." އާހިލްގެ ބޮލުގެ ފުއްކިބައިގައި ޖަހަމުން، ކާފަ ބުންޏެވެ.

"އާހްހް... ކާފާ..." އަކުރުތަކަށް ދަމައިލަމުން އާހިލް ގޮވައިލިއެވެ. "ކާފަ ތިއުޅެނީ، އަހަރެން މަރާލަންތަ؟..."

"މަރާވެސްލާންވީ... ނަހީކު ހަލާކުކުރާ މީހަކީ ދަރިފުޅޭ..." ކާފަގެ އަޑު ކުރެހުނެވެ. "މީހަކާ ނީނދެ ހުއްޓަސް، މައިމީހާއަށް އަޅާލަންވާނެއެއްނު... އަހަރެމެންނަށް ނުގުޅިޔަސް ހެވޭ... މައިމީހާގެ ހާލު ބަލަންވާނެ..."

ގޮތް ހުސްވެފައިވާ ނަޒަރަކުން އާހިލް ބަލައިލީ އަހަންނަށެވެ. ކާފަގެ ވާހަކަ ހުއްޓުވަން އާހިލް މަސައްކަތް ކުރިއެވެ. އެހެނަސް، ކާފަ އާއި މާމަގެ ފަރާތުން އިވުނީ، ޝަކުވާގެ އަޑެވެ. އެމީހުންގެ ހިތުގައި ނަހީކާއިމެދު އޮތް ނުތަނަވަސްކަން ބޮޑުކަމުން ދެރަވިއެވެ.

ނަހީކުގެ މާމަ އާއި ކާފަގެ ގޭގައި ވަގުތު ހޭދަކުރެވުނު ގޮތްވެސް އަހަންނަށް ނޭނގުނެވެ. އިރުއޮއްސި އަނދިރިވުމުން، ގެއަށް ދާން މަޖުބޫރު ވިއެވެ. ގެއިން ނުކުންނަން އާހިލް ހިނގައިގަތް ނަމަވެސް، މާމަ އަހަރެންގެ އަތުގައި ހިފައި ހުއްޓުވިއެވެ. މާމަ އެދުނީ އެކުގައި އައުމަށެވެ. 

"މީ ނަހީކުގެ އަންހެނުންނަށް ދޭން މާމަ ރައްކާކުރި އެއްޗެއް..." މާމަ އަހަރެންގެ މުށުތެރެއަށް ލައިދިނީ، ރަން ކެވެލިކޮޅެކެވެ. "އެކަމަކު ދުނިޔޭގަ ހުއްޓާ، އަންހެނުން ގޮވައިގެން ނަހީކު އައިސްދާނެހެން މާމައަށް ހީނުވަނީ..."

އަހަރެން މީ ނަހީކުގެ އަނބިމީހާއޭ ބުނަން އެތައް ފަހަރަކު އަނގަ ހުޅުވައިލީމެވެ. އެކަމަކު އެ ހިއްވަރެއް ނުލިބުނެވެ. ކުރިއަށް އޮތް ތަނުގައި ކަންތައް ހިނގާނެ ގޮތާއިމެދު އަހަރެން ޖެހިލުންވަނީއެވެ. ހިތަށް އެރިއެވެ. ނަހީކާއިއެކު ޙަޔާތުގެ ބާކީބައި އުޅެވިދާނޭކަމާއިމެދު ހިތުގައި ޝައްކު އުފެދުނީ ހެއްޔެވެ؟

"ނަހީކަކީ ވަރަށް ރަނގަޅު ކުއްޖެއް... އަދިވެސް މާމަގެ ހިތެއް ނުބުނޭ ނަހީކު ގަސްދުގަ މާމަމެންނާ ދުރަށް ހިނގައިދާނެއޭ... މާމަގެ ހިތް ބުނަނީ، ނަހީކު ދުރުގަ އެހުންނަނީ ކޮންމެވެސް ބޮޑު ސަބަބެއް އޮތީމައޭ..." މާމަގެ ދެލޮލުން ކަރުނަ އަންނަން ފެށުމުން ކަރުނަތައް ފޮހެލިއެވެ. "މަރުވުމުގެ ކުރިން ނަހީކު ދެކެލަން މާމަ ވަރަށް ބޭނުންވޭ..."

ގެއިން ބޭރަށް ނުކުތްއިރު އަހަރެން ހުރީ، ފެންކަޅިވެފައެވެ. ނަހީކު ގަސްދުގައި އޭނާގެ އާއިލާއަށް އަހަރެމެންގެ ގުޅުން ސިއްރުކުރީއެވެ. ނަހީކުގެ މާމަމެންގެ ކިބައިގައި ބޮޑާކަމުގެ އެއްވެސް މިންވަރެއް ނެތްއިރު، އެމީހުންނަށްވެސް އަހަންނަކީ ކާކުކަން ބުނެނުދިނީ ކީއްވެ ހެއްޔެވެ؟ ނަހީކު ބުނިފަދަ ރުޅިވެރިކަމެއް އެމީހުންގެ ފަރާތުން ފެންނާނީ، ކައިވެނި ކުރިކަން ނޫނީ ކުރަން އުޅުނުކަން އެނގުނުނަމަ ނޫން ހެއްޔެވެ؟

އަހަރެންގެ އިންތިޒާރުގައި މަޑުކޮށްލައިގެން ހުރި އާހިލްއަށް އަހަރެންގެ ހިތުގެ ހާލު އެނގުމުން ކަންނޭނގެއެވެ. އަހަންނަށް ބަލަން ހުރީ ހަމްދަރުދީގެ ނަޒަރަކުންނެވެ.

"މާދަމާ މާމަ ކައިރީ ބުނާނަން ރިވާތީ ނިކްގެ..." އާހިލް ވާހަކަ ދައްކަދައްކަ ހުއްޓައި އަހަރެން ދުއްވައިގަތީމެވެ.

ކިތަންމެ ފޮރުވައިގެން އުޅުނަސް، އާހިލްގެ ކުރިމަތީގައި އަހަރެންގެ ހިތުގެ ހާލު ބޭޒާރުވެއްޖެއެވެ. އިތުރަށް ކުރެވޭނޭ ކަމެއް ނެތެވެ. ގެއަށް އައިސް ވަންއިރު، މަންމަ ހުރީ، ބޭރުގައި ދެކޮޅަށް ހިނގާލަ ހިނގާލައެވެ. އަހަރެން ފެނުމުން ބަލަހައްޓައިގެން އިރުކޮޅަކު ހުއްޓެވެ.

"ފޯނު ކޮންތާކަށް ލައިގެންތަ ތިއުޅެނީ... ނަހީކު ކިތައް ފަހަރަށް ގުޅައިފިކަން އެނގޭތަ؟..." ހިތްހަމަނުޖެހިފައިވާ ރާގަކަށް މަންމަ ބުންޏެވެ.

ކޮޓަރިއަށް ވަދެފައި، ދަބަހުން ފޯނު ނެގިއިރު، ނަހީކުގެ ފަސް ކޯލު އައިސްފައި އޮތެވެ. އަހަރެން ގުޅުމުން ފުރަތަމަ ރިންގާއިއެކީ ފޯނު ނެގިއެވެ. ނަހީކުގެ އަޑު ވަނީ ކުރެހިފައެވެ. އަޑުގައި ބަލިގޮތެއް ހުއްޓެވެ. އެއިން ކަމަކަށް ފަރުވާލެއް ބެހެއްޓުމެއްނެތި، ހިތުގެ ޝަކުވާތައް ބަންޑުންކޮށްލީމެވެ. އަހަރެން ހުރީ ކޮންތާކު ކަމާއި، ނަހީކު ހެދި ދޮގުތައް ފަޅާއެރި ވާހަކަ ބުނީ ރޮއެރޮއެފައެވެ. ދޮރުމަތީގައި ހުރި މަންމަވެސް އަނގަމަތީގައި އަތް އެޅިގޮތަށް، ނަގަންވެސް ނޭނގިފައި ހުއްޓެވެ. ބުނަން ބޭނުންވި ހުރިހާ އެއްޗެއް ބުނެފައި އަހަރެން ފޯނު ކަނޑާލީއެވެ. ނަހީކު އެއްޗެއް ބުނާނެ ފުރުސަތެއް ނުދެމެވެ. އޭނާ ގުޅާފާނެތީ ފޯނު ނިވައިލީމެވެ. އެއީ ކުރިން އަހަރެންގެ ކިބައިގައި ހަރުލާފައިވާ އާދައެއް ނޫނެވެ. ފަހަކަށް އައިސް އަހަރެންގެ މިޒާޖަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދިޔަކަން ހުދު އަމިއްލައަށްވެސް އިހުސާސް ކުރެވުނެވެ. ފޯނު ކަނޑާލެވުމުން އަހަރެން ދެރަވިއެވެ. ހުރިތަނަށް ތިރިވުމުގެ ކުރިން މަންމަ އައިސް އަހަރެންގެ ގައިގައި ހިފަހައްޓާލައިފިއެވެ.

********

ދެ ދުވަސްވީއިރު އަހަރެން ހުރީ ހަމައަކަށް އެޅިފައެވެ. ނަހީކުގެ ޚިޔާލުތަކާއި ދުރުވުމަށް އަހަރެން ޚިޔާރުކުރީ އާހިލް ދައްކައިދިން މަގެވެ. މާލެ ގޮސްފައިވެސް، އާހިލްގެ އިރުޝާދާއި އެއްގޮތަށް މުޙައްމަދާއި ބައްދަލުކުރަމުން އައީމެވެ. ނަސީބު އަތުގައި ހިފީ އަހަރެން ހީވެސް ނުކުރާފަދަ ގޮތަކަށެވެ. މުޙައްމަދު ދިރިއުޅުނު ގެއާއިބެހޭ މައުލޫމާތު ލިބުން އެއީ ތަހުގީގަށް ލިބުނު ކުރިއެރުމެކެވެ. އެ ގެ ބަލައި ފާސްކުރުމުން ޝައިބާ މަރާލަން ބޭނުންކުރި ހަތިޔާރުތައް ފެނުނެވެ. މުޙައްމަދުގެ އިނގިލީގެ ނިޝާނާއި، ޝައިބާގެ އިސްތައްޓާއި ލޭ ފެނުނެވެ. މުޙައްމަދަކީ ސިކުނޑީގެ މައްސަލައެއް ހުންނަ މީހެކެވެ. ބައެއް ވަގުތުތަކުގައި އޭނާ ރުޅިގަދަވެއެވެ. އެފަދަ ވަގުތުތަކުގައި ދުލަށް އައިހާ އެއްޗެއް ގޮވައިލުމަކީ އޭނާ ކުރާ ކަމެކެވެ. އެހާ ފަސޭހައިން ހެކި ހޯދުނީ އެހެންވެއެވެ. ހުރިހާ ހެއްކެއް ލިބުމުން، އެއްބަސްނުވާކަށް މުޙައްމަދު ނޫޅުނެވެ. އެކަން ކުރި ގޮތާއި ސަބަބު އޭނާ ކިޔައިދިނީވެސް އަހަންނަށެވެ. މުޙައްމަދު ޝައިބާ މަރާލީ، އަހަންނާއި ހަމައަށް ވާސިލުނުވެވުމުން ހިފި ބަދަލެއްގެ ގޮތުންނެވެ.

އެތައް އަހަރެއް ފަހުން އެކުވެރިޔާއަށް އިންސާފު ލިބުނީއެވެ. އުމުރު ދުވަހަށް މުޙައްމަދު ޖަލަށް ލެވުނެވެ. އެހެނަސް، އަހަރެންގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. އަހަރެން ދެރަވީ، ޝައިބާގެ މަރުގެ ސަބަބެއް ކަމުގައި އަހަރެން ވީތީއެވެ. އަހަންނާއި މުޙައްމަދު ބައްދަލުނުވިނަމަ، ޝައިބާ ދުނިޔޭގައި ހުރިހޭ ހިތަށް އެރިއެވެ. އެކަމަކު، އެއީ ތަޤުދީރުގެ ނިޔާއެވެ. އެއްވެސް މީހަކަށް އެ ބަދަލުކުރުމުގެ ބާރެއް ލިބިގެން ނުވާނެއެވެ. ދިރިތިބީންނަށް އޮތީ ކެތްތެރިވުމެވެ.

ޝައިބާގެ މަރަށް އިންސާފު ލިބުމާއިއެކު ސިކުނޑިން ބޮޑު ބުރައެއް ނެގުނުހެން ހީވިއެވެ. އަހަރެން ހީކުރީ، އަހަރެން ބޭނުންވިފަދަ މަޑުމައިތިރިކަމެއް އަހަރެންގެ ހަޔާތަށް އަނެއްކާވެސް އައީ ކަމަށެވެ. އެކަމަކު ދެން ކުރިމަތިވީ މުޅީން އެހެން ކަމެކެވެ. އަހަންނާއި ބައްދަލުކުރަން އާހިލް ގެއަށް އަންނަން ފެށިއެވެ. އެކަން ހުއްޓުވަން ބޭނުންވި ނަމަވެސް ދިމާއަށް ބުނާކަށް ނުކެރުނެވެ. ގެއިން ބައްދަލުނުވެއްޖެނަމަ، އާހިލް އަހަންނަށް ގުޅައެވެ. މެސެޖު ކުރެއެވެ.

"އާހިލް އުޅޭގޮތުން އަހަންނަށް މިހާރު ކޮންފޮޓަބަލްއެއް ނުވެވޭ..." ކެތް ނުވެގެން ކުރު މެސެޖެއް ލިޔެ ފޮނުވައިލީމެވެ. "ތީ ނަހީކުގެ ބެސްޓްފްރެންޑެއްނު... އޭނަގެ އަންހެނުންނަށް ތިހެން މެސެޖުކޮށް ހަދާކަށް ނުވާނެ..."

"ރިވާއަށް ކިހިނެއް އެނގެނީ އެތާ ހުރެގެން ނަހީކު އުޅެނީ ކިހިނެއް ކަމެއް... ރިވާއަށް އޭނަ ގުޅާތަ؟... ހާލު ބަލާތަ؟... ދެން ރިވާ ކީއްކުރަން އޭނައާ ދޭތެރޭ ވިސްނަންވީ؟..." އާހިލް ބުންޏެވެ. "ފިރިހެނުން އެހާ ވަފާތެރިވެގެން ތިބޭނެހެން ރިވާއަށް ހީވޭތަ؟..."

"ތިކަހަލަ ސަމާސާއެއް އަހަންނަކަށް ކަމަކުނުދޭ..." އަހަރެން ރުޅި އައެވެ. "މީގެފަހުން އަހަންނަށް ނުގުޅާތި..."

އޭގެފަހުން އާހިލްގެ މެސެޖުތައް ބެލުން ހުއްޓައިލީމެވެ. މެސެޖު ނާންނަގޮތަށް އެ ނަންބަރު "ބްލޮކް" ކުރީމެވެ.

ނަހީކު ރާއްޖެއިން ބޭރަށް ފުރައިގެން ދިޔަފަހުން ދެ މަހަށްވުރެ ގިނަ ދުވަސް ފާއިތުވެގެން ދިޔައީއެވެ. ދެ މީހުންގެ ދެމެދުގައި ޖެހުނު މައްސަލައަށްފަހު، ފޯނު ނިވައިލިގޮތަށް އަހަރެން ގެންގުޅުނީ އެހެން ފޯނެކެވެ. އާދައިގެ މަތިން ބޯ އަނބުރާތީ، އަހަރެން އޮތީ އޮށޯވެލައިގެންނެވެ. ފިހަން ލާން އުޅުނު ކޭކުތައް ހުރިގޮތަށް މޭޒުމަތީގައި ހުއްޓެވެ. ނަހީކު ދިޔަފަހުން، އަހަރެންގެ ކަމަކީ ކޭކު އަޅައިގެން ވިއްކުމެވެ. ރަނގަޅު އާމްދަނީއެއްވެސް ލިބެއެވެ. އެކަމަކު، ބަލިހާލު ހުރިގޮތުން ފަހަކަށް އައިސް އަހަންނަށް އެއްކަމެއްވެސް ނުވެއެވެ.

އަހަންނަށް ވިސްނެމުންދިޔައީ، އަހަންނަށް އަންނަމުންދިޔަ ބަދަލުތަކާއި މެދުގައެވެ. ދުވަހެއް ދުވަހަކަށް ކާހިތްނުވުމާއި ހޮޑުލެވުމާއި ވަރުބަލިވުން އިހުސާސް ކުރެވޭ މިންވަރު އިތުރުވާން ފެށިއެވެ. ކަންކަމާއި މާ އަވަހަށް ރުޅިގަދަވެވެއެވެ. ކުރަން އުޅޭ ކަމެއް ފަސޭހައިން ނުވެއްޖެނަމަ، ހުރިހާ އެއްޗެއް އުކާލެވެއެވެ. އަހަރެންގެ ހަށިގަނޑަށް ވެސް ބޮޑެތި ބަދަލުތަކެއް އަންނަން ފެށިއެވެ. އަހަރެން ހީކުރީ، ނަހީކާއިމެދު މާބޮޑަށް ވިސްނޭތީ ވާގޮތެއް ކަމަށެވެ. ކުޑަ ދުވަސްކޮޅަކަށް މަންމަގެ ގެއަށް ބަދަލުވީ އެކަނި އުޅެން އުނދަގޫވުމުންނެވެ.

"ޑޮކްޓަރަށް ދައްކާލަންވީނު..." މަންމަ ލަފާދިނެވެ.

އަހަރެން ޑަކުޓަރަށް ދައްކަން ދިޔައީ ހޮޑުލެވޭވަރުން ތެދުވެ އުޅެން އުނދަގޫވާ ދަރަޖައަށް މީހާގެ ހާލު ދަށަށް ދިޔުމުންނެވެ. ޓެސްޓުތަކެއް ހަދާފައި ޑަކުޓަރު ބުނި ވާހަކައަކުން އަހަންނަށް ލިބުނީ ސިހުމެކެވެ.

"ޔޫ އާ ޕްރެގްނެންޓް..." ޑަކުޓަރުގެ މޫނުން ފެނުނީ އުފާވެރިކަމެވެ.

(ނުނިމޭ)

ގުޅުންހުރި ލިޔުންތައް
3 އަހަރު ކުރިން
1
3 އަހަރު ކުރިން
1
3 އަހަރު ކުރިން
3
ކިޔުންތެރިންގެ ޝުއޫރު
62%
14%
14%
10%
2 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު