ވާހަކަ
ކުރަމޭ ބަޔާން... 20

"ޑޮކްޓަރަށް ދައްކާލަންވީނު..." މަންމަ ލަފާދިނެވެ.

އަހަރެން ޑަކުޓަރަށް ދައްކަން ދިޔައީ ހޮޑުލެވޭވަރުން ތެދުވެ އުޅެން އުނދަގޫވާ ދަރަޖައަށް މީހާގެ ހާލު ދަށަށް ދިޔުމުންނެވެ. ޓެސްޓުތަކެއް ހަދާފައި ޑަކުޓަރު ބުނި ވާހަކައަކުން އަހަންނަށް ލިބުނީ ސިހުމެކެވެ.

"ޔޫ އާ ޕްރެގްނެންޓް..." ޑަކުޓަރުގެ މޫނުން ފެނުނީ އުފާވެރިކަމެވެ.

********

"އޭނ؟..." އަހަންނަށް ކުއްލިއަކަށް ކޮޅަށް ތެދުވެވުނެވެ.

އަހަންނަށް އަޑު އިވުނީ ރަނގަޅަށް ހެއްޔެވެ؟ ނޫނީ އަހަންނަށް އުޅެވެނީ ހުވަފެނެއްގެ ތެރޭގައި ހެއްޔެވެ؟ ދުވަހަކު ވާނެކަމަށް އުއްމީދުނުކޮށް ހުއްޓައި، އަހަރެން ބަނޑުބޮޑުވީ ހެއްޔެވެ؟ ލިބުނީ ތެދު ޚަބަރެއް ހެއްޔެވެ؟ އެއީ ޑަކުޓަރުގެ ވަހުމަކަށް ވެއްޖެނަމަ، އަހަރެންގެ ހިތް ފަޅައިގެން ހިނގައިދާނެއެވެ. ބޭއިހްތިޔާރުގައި އަހަންނަށް ދޮރާއި ދިމާއަށް ދެވުނެވެ. ޑަކުޓަރުގެ ކައިރީގައި އިން އަންހެންކުއްޖާ ތެދުވެގެން އައިސް އަހަރެންގެ އަތުގައި ހިފައިލިއެވެ.

"ބަނޑުބޮޑޭ ޑޮކްޓަރ އެ ބުނުއްވީ... ޑޮކްޓަރ އަދި ދެއްވަން ބޭނުންފުޅުވާ އިރުޝާދުތައް އެބަހުރި... އިށީންނަވަންވީ ނޫންތޯ.." ގޮނޑި ދައްކައިލަމުން އެ ކުއްޖާ ބުންޏެވެ.

ގޮނޑީގައި އިށީން ނަމަވެސް، އަހަރެން އިނީ ގަބުވެފައެވެ. ބަނޑުގައި އަތް ޖައްސައިލިގޮތަށް ނަގަންވެސް ނޭނގިފައެވެ. ޑަކުޓަރުވެސް އިތުރު އެއްޗެއް ނުބުނެ އިރުކޮޅަކު މަޑުކޮށްލައިގެން އިނެވެ. އަހަންނަށް ވީގޮތް ފެނި، ވަގުތުކޮޅެއް ދީގެން އިން ކަހަލައެވެ.

"ޑޮކްޓަރ އެކަމަކު މަންތްލީ ކަންތައްވެސް ބަރާބަރަށް ދިމާވޭ..." އިރުކޮޅެއްފަހުން އަހަންނަށް ބުނެވުނީ އެހެންނެވެ.

"އެހެން ދިމާވެދާނެ... އެކަމަކު އެއީ މައްސަރުކަންތައް ކުރިމަތިވެގެން ވާކަމެއް ނޫން..." ޑަކުޓަރު ބުންޏެވެ. "ބައެއް މީހުންނަށް އެކަހަލަ ކަންކަން ދިމާވީމަ އޮޅޭ..."

"އަޅުގަނޑުގެ ރިޕޯޓްތައްވެސް އޮޅިދާނެ ނޫންތޯ..." އެހާ ފަސޭހައިން އެ ވާހަކަ ގަބޫލު ކުރަން އަހަރެންގެ ހިތް އެއްބަހެއް ނުވިއެވެ.

ހިތް ބިރުގަންނަނީއެވެ. އެތައް ދުވަހަކު އިންތިޒާރުކުރި އުފާވެރި ޚަބަރު ލިބުމުންވެސް އުފާވާކަށް ނޭނގުނެވެ. އަހަރެން އިނީ ބިރުންނެވެ. ލިބުނު އުފާވެރި ޚަބަރު ބަދަލުވެދާނެތީއެވެ. ބައެއްފަހަރު ޑަކުޓަރުންނަށްވެސް އޮޅެއެވެ. ޓެސްޓްތައް އޮޅިފައިވެސް ހުރެދާނެއެވެ. އަހަރެން ތަކުރާރުކޮށް އެހުމުންވެސް ޑަކުޓަރުގެ ފަރާތުން ލިބުނީ އެއް ޖަވާބެކެވެ.

"އަޅުގަނޑު ޔަގީންކަން ދެން... ރިޕޯޓުތަކުގަ އެއްވެސް މައްސަލައެއް ނޫޅޭ..." ޑަކުޓަރު އޯގާތެރިކަމާއި އެކުގައި ބުންޏެވެ.

އަހަރެން ގަބޫލުނުކުރުމުން ޑަކުޓަރު ސްކޭންކޮށްފައި ދެއްކިއެވެ. ގަނޑު ލޭކޮޅެއްފަދަ ތުއްތު ކުއްޖާ ފެނުމާއިއެކު އަހަރެންގެ ދެލޯ ކަރުނުން ފުރާލިއެވެ.

އަހަރެން ގެއަށް އައީ އެ އުފާވެރި ޚަބަރު ނަހީކަށް ދޭނެ ގޮތަކާއިމެދު ވިސްނަމުންނެވެ. ގެއަށް އައިސް ވަންއިރު، މަންމަ އާއި ބައްދަލުވީ ދޮރުމަތިންނެވެ.

"ދަރިފުޅު ހާދަ ލަހުން ތިއައީ..." އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުން މަންމަ ބުންޏެވެ.

"މަންމާ!..." އަހަންނަށް މަންމަގެ ގައިގައި ބައްދައިލެވުނެވެ.

މަޔަކަށް ވާން އުޅޭކަމުގެ އިހުސާސާއިއެކު، އަހަރެންގެ ދެ ލޮލުން އަންނަމުން ދިޔައީ އުފާވެރިކަމުގެ ކަރުނައެވެ. ގިސްލާފައި ރޮވުނީ އެތައް ދުވަހަކު ކުރި އިންތިޒާރަށް ނިމުން އައުމުންނެވެ. މައިންނަށް ދެވުނު ދަރަޖަ އުފުލިގެން ދިޔައެވެ. ބައްޕައަކާއި ނުލައި މަންމަ އަހަރެން ބަލައި ބޮޑުކުރާނެ ޙާލު އިހުސާސް ކުރެވުނެވެ.

"ކީކޭ ޑޮކްޓަރު ބުނީ؟..." މަންމަ ހާސްވެފައި އަހައިލިއެވެ.

އަހަންނަކަށް ވާހަކައެއް ނުދެއްކުނެވެ. އިސްކޭން ތަސްވީރުތައް ނަގާފައި މަންމަ އާއި ދިމާއަށް ދިއްކޮށްލީމެވެ. ބަނޑުގައި އޮންނަތާ ތިންމަސްވެފައިވާ ދަރިފުޅުގެ ތަސްވީރުތައް ފެނުމާއިއެކު މަންމައަށް ވީގޮތް އެނގިއްޖެއެވެ. އަހަރެންގެ ގައިގައި ހިފަހައްޓައިލުމާއިއެކު މަންމައަށްވެސް ރޮވިއްޖެއެވެ.

"ދަރިފުޅާ!... ނަހީކަށް ތި ޚަބަރު ދޭން އަވަސްކުރޭ... ތިކަހަލަ އުފާވެރި ޚަބަރު ދިނުން ފަސްކުރާ އެއްޗެއް ނޫން... އަވަހަށް ގުޅާ..." މަންމަގެ ފޯނު އަހަރެންގެ އަތަށް ލައިދެމުން މަންމަ ބުންޏެވެ.

އެތައް ދުވަހަކު ނަހީކާއި ވާހަކަ ނުދައްކާ ހުރެފައި ގުޅަން ޖެހިލުންވިއެވެ. ނަހީކަށް ވާނީ ކިހިނެއް ހެއްޔެވެ؟ އަހަރެން އެ ޚަބަރު ދިނުމުން އުފާވާނެ ހެއްޔެވެ؟ ނަހީކަށް ގުޅަމުން ފޯނު ކަންފަތުގައި ޖައްސައިލީމެވެ. ލިބުނީ އަހަރެން ކުޑަކޮށްވެސް އުއްމީދުކުރިފަދަ ޖަވާބެއް ނޫނެވެ. ނަހީކުގެ ފޯނަކަށް ނުގުޅުނެވެ. ފޯނު އޮތީ، ނިވާލާފައެވެ. އިރު އޮއްސި އަނދިރިވީ އިރުވެސް އަހަރެން އިނީ ނަހީކަށް ގުޅާލަގުޅާލައެވެ. ލިބެނީ އެއް ޖަވާބެކެވެ.

"މަންމާ!... ނަހީކަށް ނުގުޅޭ... ކަމެއްވީބާ؟... ނޫނީ އަހަރެންދެކެ ފޫހިވީތަ؟.... ނަހީކު ދުވަހަކުވެސް އެހާ ގިނައިރު ފޯނު ނިވާލާފައެއް ނޯންނާނެ..." ނަހީކަށް ނުގުޅުމުން އަހަރެން ބިރުގަންނަން ފެށިއެވެ.

"ވެދާނެ ތަންކޮޅެއް ބުރަ ދުވަހަކަށްވެސް... ޓްރޭނިންގަ އުޅޭއިރު، ދަރިފުޅަށްވެސް އެނގޭނެ ބުރަވާނެކަން... ދަރިފުޅު މާ އަވަހަށޭ ހާސްވަނީ ތި..." މަންމަ އަހަންނަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. "ހިނގާ އެއްޗެއް ކާލަން... ދެންމެ ހޮޑުލެވުނުފަހުން އަދި ނުކައެއްނު ތިހުރީ..."

ބަނޑުގައި އަށަގަނެފައިވާ ފުރާނައަށްޓަކައި އަހަރެން ހިއްވަރު ކުރީމެވެ. އެކަމަކު އޭގެ ފަހުން ހަފްތާއެއް ފާއިތުވީއިރުވެސް ނަހީކުގެ ޚަބަރެއް ނުވުމުން، އަހަރެންގެ އުއްމީދުތައް ގެއްލެން ފެށިއެވެ. އަހަންނަކަށް ނުކެވެއެވެ. ނުނިދެއެވެ. އެއް އުފާ ލިބުނުއިރު އަނެއް އުފަލަކުން މަހުރޫމުވަނީ ހެއްޔެވެ؟ ނަހީކަށް ނުގުޅެނީ ކީއްވެ ހެއްޔެވެ؟ ނަހީކަށް ދެރަކަމެއް ވީ ހެއްޔެވެ؟ އަހަރެން މާ ވަރަކަށް ރޯން ފެށުމުން، މަންމަ އެދުނީ މަންމަ އާއި އެކުގައި ނަހީކު މަސައްކަތްކުރާ އިދާރާއަށް ދިޔުމަށެވެ.   

"ދަރިފުޅާ!... ކޮންމެ ކަމެއްވެސް ވިސްނަންވާނީ އެންމެ ރަނގަޅަށް... ދަރިފުޅު ކިހާ ބޮޑަށް ދަރިއަކު ބޭނުންވެފަ ހުއްޓާ ކުއްޖެއް ލިބޭގޮތް ތި ވީ... ކިހާ ބޮޑު ރަޙުމަތެއް އެއީ... ހިއްވަރުކުރޭ ދަރިފުޅާ...." އަހަންނަށް ވިސްނައިދޭން މަންމަ މަސައްކަތް ކުރިއެވެ.

މަންމަ އާއިއެކު ފުލުހުންގެ އިދާރާއަށް ދިޔަ ވަގުތަކީ، ޑިއުޓީ ނިންމާލުމަށްފަހު، ގެއަށް ދިޔުމަށް އާހިލް ނުކުންނަން އައި ވަގުތެވެ. އާހިލް މަސައްކަތް ކުރަނީ، ތަހުގީގުކުރާ ބައިގައި ނަމަވެސް، ނަހީކު ތަފާތެވެ. ނަހީކު މަސައްކަތް ކުރަނީ ފުލުހުންގެ އިދާރާގެ އޮފީސް ބައިގައެވެ.

އަހަރެން ފެނުމުން އާހިލް ހުއްޓުން އެރިއެވެ. މަންމަ ކައުންޓަރަށް ދިޔުމުން އަހަރެން ދުރުގައި މަޑުކޮށްލައިގެން ހުރީއެވެ. އާހިލް އަހަރެން ކައިރިއަށް އައީ، މަންމަ ގޮސް ކައުންޓަރުގައި އިން ކުއްޖާ އާއި ވާހަކަ ދައްކަން ހުއްޓައެވެ.

"ކީއްކުރަނީ މިތާ؟..." އާހިލް އަހައިލީ ކަންބޮޑުވެފައިވާ ރާގަކަށެވެ.

"އާހިލް ކީއްކުރަން ބަލަނީ؟..." އަހަރެން ހިތްހަމަނުޖެހިފައި ބުނީމެވެ.

"ޖެހެއޭ ބަލަން..." އާހިލް ވާހަކަދެއްކީ ތަންކޮޅެއް ބާރަށެވެ.

އަހަންނަށް ބަލައިލެވުނީ މަންމަ އާއި ދިމާއަށެވެ. މަންމައަށް އަޑު ނީވުނުކަން އެއީ ނަސީބެވެ. އަހަރެން އާހިލް އާއި ވާހަކަ ދައްކަން ހުރިތަން މަންމައަށް ފެންނާކަށް ބޭނުމެއް ނުވިއެވެ. އަހަރެން އެތަނުން ދިޔުމަށް ހިނގައިގަތީ، އާހިލް އަހަރެންގެ ފަހަތުން އަންނާނެކަން އެނގޭތީއެވެ. އަހަރެން ނުކުތީ، ފުލުހުންގެ އިދާރާ ކުރިމަތީގައި އޮތް ހުސްޖާގައަށެވެ. އާހިލް ނުކުމެ، އަހަރެންގެ ކުރިމަތީގައި ހުއްޓިލިއެވެ.

"ކީއްވެތަ ބަލަން ނުޖެހެންވީ؟... ރިވާދެކެ ފުރަތަމަ ލައިކްވީ އަހަންނޭ..." އާހިލްގެ ކެތްތެރިކަން ކޮޅުންލާފައިވާ ކަހަލައެވެ.

އޭނާ އެހާ ސީދާގޮތެއްގައި އެ ޖުމްލަތައް ބުނެލުމުން، އަހަރެން ވަކީން ހިތްހަމަނުޖެހުނެވެ.

"އާހިލްއަށް ނޭނގެނީތަ އަހަރެން މީ މީހެއްގެ އަނތްބެއް ކަން..." ކިތަންމެ މަޑުން ވާހަކަ ދައްކަން އުޅުނަސް، އަހަންނަކަށް އެކަމެއް ނުކުރެވުނެވެ. "އަހަރެން ބަނޑުބޮޑު..."

 ދެލޯ ބޮޑުކޮށްގެން އަހަންނަށް ބަލަން އާހިލް އިރުކޮޅަކު ހުއްޓެވެ.

"ރިވާ!... ތި ދިރިއުޅުން އުޅެގެން ރިވާއަށް ކޮން އުފަލެއްތަ ލިބެނީ؟... ފިރިއެއްގެ ފަރާތުން ލިބެންޖެހޭ އެއްވެސްކަމެއް ފުރިހަމަވޭތަ؟..." އާހިލް އަނެއްކާވެސް ނަހީކު ގޯސްވާހެން ވާހަކަ ދައްކަން ފެށިއެވެ.

ކެތްތެރިކަން ކޮޅުންލުމުން އާހިލްގެ މޫނުގައި ޖަހާފައި ގޮސް ފުލުހުންގެ އިދާރާއަށް ވަނީމެވެ. އޭރު ކައުންޓަރުގައި ހުރި ކުއްޖާ އާއިއެކު މަންމަ ހިނގައިގަންނަނީޢެވެ. ފުލުހުންގެ އިދާރާގެ އޮފީސްބަޔަށް ވަދެވުމާއިއެކު އަހަރެންގެ ލޮލުގައި ފުރަތަމަ ވެސް އަޅައިގަތީ، ނަހީކުގެ ޑެސްކެވެ. އަހަންނާއި ނަހީކުގެ ކައިވެނީގެ ދުވަހު ނަގާފައިވާ ތަސްވީރު ފްރޭމްއަކަށް ލުމަށްފަހު، މޭޒުމަތީގައި ބައިންދާފައި އިނެވެ. ކުޑަކުޑަ ކަމަކުންވެސް އަހަރެންގެ ހިތަށް އުފާވެރިކަން ލިބުނެވެ. ނަހީކާއިމެދު ހިތުގައި އޮތް ޝަކުވާ ފިލައިދިޔައެވެ.

ކައުންޓަރުގައި ހުރި ކުއްޖާ އަހަރެމެން ގެންދިޔައީ ސެކްޝަނުގެ އެންމެ އިސްމީހާގެ ކައިރިއަށެވެ. އޭނާއަށް އަހަރެން ފެނުމުން، ގޮނޑިން ތެދުވި ގޮތުންވެސް ކަމެއް ގޯސްވެއްޖެކަން އަހަންނަށް އެނގުނެވެ.

"އަޅުގަނޑަށް މާފުކުރައްވާ... ނަހީކު..." އޭނާ އިސްޖަހައިލީ ދައްކަން އުޅުނު ވާހަކަ ފުރިހަމަކުރަން އުނދަގޫވެގެންކަން އެނގުނެވެ.

އަހަރެންގެ ހިތް ތެޅިގަތެވެ.

(ނުނިމޭ)

ގުޅުންހުރި ލިޔުންތައް
3 އަހަރު ކުރިން
1
3 އަހަރު ކުރިން
1
3 އަހަރު ކުރިން
3
ކިޔުންތެރިންގެ ޝުއޫރު
58%
20%
20%
3%
3 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު