ވާހަކަ
ކުރަމޭ ބަޔާން... 21

ކައުންޓަރުގައި ހުރި ކުއްޖާ އަހަރެމެން ގެންދިޔައީ ސެކްޝަނުގެ އެންމެ އިސްމީހާގެ ކައިރިއަށެވެ. އޭނާއަށް އަހަރެން ފެނުމުން، ގޮނޑިން ތެދުވި ގޮތުންވެސް ކަމެއް ގޯސްވެއްޖެކަން އަހަންނަށް އެނގުނެވެ.

"އަޅުގަނޑަށް މާފުކުރައްވާ... ނަހީކު..." އޭނާ އިސްޖަހައިލީ ދައްކަން އުޅުނު ވާހަކަ ފުރިހަމަކުރަން އުނދަގޫވެގެންކަން އެނގުނެވެ.

އަހަރެންގެ ހިތް ތެޅިގަތެވެ.

********

"ކިހިނެއްތޯ ވީ؟..." ކެތްމަދުވެފައިވާ ރާގަކަށް މަންމަ ސުވާލުކުރިއެވެ. "ނަހީކަށް ކަމެއް ދިމާވީތޯ؟..."

"ނަހީކުގެ ހާލު ރަނގަޅެކޭވެސް، ރަނގަޅެއް ނޫނޭވެސް ބުނަން މިވަގުތު އަޅުގަނޑަށް ދަތި... ދެ ދުވަސްވެއްޖެ އަޅުގަނޑަށް އެކޮޅުގަ ތިބި ކުދިންގެ ޚަބަރެއް ނުވާތާ..." ފުލުސްމީހާ ޖަވާބު ދިނެވެ.

އަހަރެންގެ ދެފައިން ވަރު ދޫވިއެވެ. އެތެރެއަށް ވަދެގެން އައި އާހިލްއަށް އަހަރެންގެ ގައިގައި ހިފަހައްޓާލެވުނީ ކިރިޔާއެވެ. ހުރި ހާލަތުން އާހިލް އާއި ދުރަށްޖެހިލަންވެސް އަހަންނަކަށް ނޭނގުނެވެ. ދެލޮލުން ހޯސްލާފައި ފައިބަމުންދިޔަ ކަރުނަތައް ހުއްޓުވާނޭ ހިއްވަރެއްވެސް ހަށިގަނޑުގައި ނެތެވެ.

"ނަހީކަށް ކިހިނެއްތޯ ވީ؟..." މަންމަގެ އަޑު ކުރެހިގެން ދިޔައެވެ. "ކީއްވެތޯ އަޅުގަނޑުމެންނަށް އެއްވެސް ކަމެއް ނާންގަވާ ތި ތިއްބެވީ؟..."

"ނަހީކު އަޅުގަނޑުމެން ކައިރީ އެދުނީ އެއްވެސް ކަމެއް އާއިލާއާ ޚިއްސާނުކުރަން... އެކޮޅަށް ދިޔަތަނާ އެނގުނީ ނަހީކުގެ ދެ ކިޑްނީވެސް ފެއިލްވެފަކަން... ޓްރޭނިންތަކުގަވެސް ބައިވެރިވެވޭގޮތެއް ނުވި..." ފުލުސްމީހާ ޖަވާބު ދިނެވެ. "އެކޮޅުގަ ޑައިލަސިސް..."

އާހިލް އަހަރެންގެ ދެކަންފަތުގައި އަތް އެޅިއެވެ. ގަދަކަމުން ކަހަލަ ގޮތަކަށް އޭނާ އަހަރެން އެތަނުން ނެރުނެވެ. އަހަރެން ރޮއެރޮއެފައި ގަދަހަދަމުން ދިޔަ ނަމަވެސް، އާހިލް އެންމެ ތަންކޮޅެއްވެސް ދުލެއް ނުކުރިއެވެ. ތަނުގައި ހަރަކާތްތެރިވަމުންދިޔަ މުވައްޒަފުންގެ ނަޒަރުން ސަލާމަތްވުމަށް އާހިލް ގޮސް ވަނީ އޭނާގެ ކެބިންއަށެވެ. ކެބިންގައި އެވަގުތު ތިބި އެންމެން ބޭރުގައި މަޑުކުރުމަށް އެދިފައި، އާހިލް ގޮސް ދޮރު ތަޅުލިއެވެ.

"ދޫކުރޭ... އަހަރެންގެ ފިރިމީހާގެ ވާހަކައޭ އެ ދައްކަނީ..." އާހިލްގެ މޭގައި ގޮށްމުށުން ޖަހަމުން ހަޅޭއްލެވީމެވެ. "ތީ ނަހީކުގެ އެކުވެރިއެއް ނޫން... ތީ ދުޝްމަނެއް... ހަސަދަވެރިއެއް... ކަލޭމެން އެންމެން ތީ ނަހީކުގެ ދުޝްމަނުން... ކަލޭމެން އަހަންނަށް ހުރިހާ ކަމެއް ސިއްރުކުރީ..."

"ރިވާ!... ރިވާ!..." އާހިލް އަހަރެންގެ ދެ އަތުގައި ހިފެހެއްޓިއެވެ. "ހަމަޖެހިބަލަ..."

އަހަރެން ދެފަރާތަށް ބޯ ހޫރަމުން ދިޔައީމެވެ. އާހިލް އަހަރެންގެ ދެކޮނޑުގައި ހިފައި ތަޅުވައިގަތެވެ.

"ނަހީކަށް އެހެންވީމަ، ވަރަށް އުފަލުންތަ ތިހުރީ؟... ކިތަންމެ އުފާވިޔަސް، އާހިލްއަކަށް އަހަންނެއް ނުލިބޭނެ... ނަހީކު ދާ ކޮންމެ ތަނަކަށް އަހަރެންވެސް ދާނަން..." އަހަރެން ހުރީ ދެއްކޭ ނުދެއްކޭ ވާހަކައެއްވެސް ނޭނގިފައެވެ. "އޭރު ކަލޭމެން އެވާހަކަ ބުނިނަމަ، މިއަދު މިހާ ވަރަށް އަހަރެންގެ އަމިއްލަ ނަފުސު ކުށްވެރިކުރާކަށް ނުޖެހުނީސް ކަންނޭނގެ..."

ހިތަށް ކޮށްފައިވާ އަސަރަކުން އަހަރެންގެ ހިތް ކުދިކުދިވަމުން ދަނީއެވެ. ނަހީކާއިމެދު ޝައްކާއި ވަސްވާސްތައް ކުރެވުމުން، އަމިއްލަ ނަފުސު ކުށްވެރި ކުރެވެމުން ދިޔައެވެ. އަހަރެން ހަނދާނަށް އައީ އެންމެފަހުން ނަހީކާއި ވާހަކަ ދެއްކުނު ދުވަހުގައި ކަންތައް ކުރެވުނު ގޮތެވެ. ނަހީކުގެ އަޑުގައި ބަލި ގޮތެއް ހުރި ނަމަވެސް، އަހަންނަށް އަމިއްލަ އެދުން އިސްކުރެވުނީއެވެ. ދުލަށް އައިހާ އެއްޗެއް ކިޔައިލެވުނީ ނަހީކަށް ވާހަކަ ދައްކާލާނެ ފުރުސަތެއްވެސް ނުދީއެވެ. އެދުވަހު އަހަރެންގެ ކައިރީ ނަހީކު ކޮންމެވެސް ވާހަކައެއް ބުނަން އުޅުނުކަން ހަނދާންވިއެވެ. އެކަމަކު، އަހަރެން އެ ފުރުސަތު ނުދިނީއެވެ.

"ރިވާ... އަހަންނަށްވެސް ނިކްގެ ކަންތައް އެނގުނީ ވަރަށް ފަހުން..." އާހިލް ބުންޏެވެ. "ރިވާ ކީއްވެތަ އަބަދު އަހަންނާ ދޭތެރޭ ގޯސްކޮށް ވިސްނަނީ؟... އަހަރެން ރިވާދެކެ ލޯބިވާތީތަ؟..."

"އާނ..." އަހަރެން ބުނީ ތަންކޮޅެއް ބާރަށެވެ. "އަހަރެން އާހިލްއަށް ކުޑަކޮށްވެސް އިތުބާރެއް ނުކުރަން... ކުރާކަށް ބޭނުމެއްވެސް ނޫން..."

އަހަރެން ގޮސް ދޮރު ހުޅުވައިލީމެވެ. އޭރު މަންމަ ހުރީ ދޮރުމަތީގައެވެ. އަހަރެން ފެނުމުން އައިސް ކޮނޑުމަތީގައި އަތް ބާއްވައިލިއެވެ. ހިއްވަރުދިނުމުގެ އެންމެ އަމަލަކުން އަހަރެންގެ ބަޑި ފަޅައިގެން ދިޔައެވެ. މަންމަގެ މޫނުމަތީގެ އަސަރުތަކާއި ރަތްވެފައިވާ ދެ ލޯ ފެނި، އަހަރެންގެ އަމިއްލަ ނަފުސު ހަމައަކަށް އަޅުވަން ކުރަމުންދިޔަ ހަނގުރާމަ ހުއްޓައިލަން ޖެހުނެވެ. ނަހީކު އަބަދުގެ އަބަދަށް އަހަންނާއި ވަކިވެގެން ދަނީ ބާއޭ ހިތަށް އެރިއެވެ. ދިރިހުރި ކުޑަކުޑަ ފުރާނައެއް އަހަރެންގެ ހަށިގަނޑުގެ ތެރޭގައި ވިންދު ޖަހަމުންދާކަން ނުވެސް އެނގި ވަކިވަނީ ހެއްޔެވެ؟

"މަންމާ!..." އަހަންނަށް މަންމަގެ ގައިގައި އޮޅުލައިގަނެވުނެވެ. ގިސްލުމުގެ ތެރެއިންވެސް ވާހަކަ ދެއްކޭތޯ އަހަރެން މަސައްކަތް ކުރީމެވެ. "އަހަންނަށް މިހެން މި ދިމާވަނީ ކީއްވެ؟... އަހަރެން ލޯބިވާ އެންމެން އަހަންނާ ދުރަށްދަނީ ކީއްވެ؟... ބައްޕަ، ޝައިބާ، އަނެއްކާ ނަހީކުވެސް..."

"ދަރިފުޅާ!... އިންޝާﷲ ނަހީކަށް ދެރަގޮތެއް މެދުވެރިއެއް ނުވާނެ..." ހިއްވަރުދޭ ފަދައަކުން މަންމަ ބުންޏެވެ. "މާދަމާގެ ފްލައިޓުން އެކޮޅަށް ދާން ތައްޔާރުވޭ... ހުރިހާ ކަމެއްވެސް ވާނީ ރަނގަޅަށް ކަމަށް އުއްމީދުކުރަން ވާނީ... ހިނގާ އަވަހަށް ދަތުރު ތައްޔާރު ކުރަމާ..."

********

އަހަރެންގެ މުޅި ހަޔާތުގައިވެސް ކުރި އެންމެ ދިގު ދަތުރު ނިންމާލީ، އެތައް ހިއްވަރެއް ކޮށްގެންނެވެ. ފްލައިޓުގައި ހޭދަވި ވަގުތުތަކުގައި އެތައް ފަހަރަކު ހޮޑުލެވުމުން، އަހަރެންގެ ގައިން ހަކަތަ ހުސްވާން ކައިރިވެފައި ވިއެވެ. ބަނޑުގައިވާ ތުއްތު ފުރާނައަށްޓަކައި، އަހަރެން ހިއްވަރުކުރީ ކަށިން ހިއްވަރު ނެރެގެންނެވެ. އެ ތުއްތު ދަރިފުޅަށް ގެއްލުމެއް ލިބިދާނެތީ، އަހަރެން އުޅުނީ ވަރަށް ބަލައިގެންނެވެ. ފުރުމުގެ ކުރިން މަންމަ ދިން ހިއްވަރާއިއެކު، ގަޑިން ގަޑިއަށް ކެވޭތޯ ބެލީމެވެ. އަހަރެންގެ ދަތުރުގެ އެންމެހާ ކަމެއް ހަމަޖައްސައިދިނީ، ފުލުހުންގެ އިދާރާއިންނެވެ. އެ ދަތުރުގައި މަންމައަށް ބައިވެރިވެވޭގޮތް ނުވީ، ކޮއްކޮ އެކަނިވާނެތީއެވެ. އެ ކުއްޖާ ބަލާނެ އިތުރު މީހަކު ނެތުމުންނެވެ. ކޮއްކޮގެ ޕާސްޕޯޓު ހެއްދުމަށް ގިނަ ދުވަސްތަކެއް ނަގާނެތީ އާއިވެސް އެކުގައެވެ. އަހަރެމެންގެ ދަތުރުގައި ފުލުހުންގެ ފަރާތުން ބައިވެރިވީ އާހިލް އެވެ. އަހަރެން އެގޮތާއި ނުރުހުނު ނަމަވެސް، ކުރެވޭނެ ކަމެއް ނެތެވެ. ދަތުރުމަތީގައިވެސް އަހަރެން އާހިލްގެ ކައިރިން އެއްވެސް އެހީއަކަށް ނޭދެމެވެ. ކައިރީގައި އިން މުސްކުޅި ބިދޭސީއަކު އެހީތެރިވެނުދިންނަމަ، އަހަރެންގެ ހާލަތު ގޯސްވީހެވެ.

މެލޭޝިޔާގެ އެއާޕޯޓުން ނުކުތްގޮތަށް، އަހަރެން ބޭނުންވީ ނަހީކުގެ ކައިރިއަށް ދާށެވެ. ނަހީކު އޮތް ހަސްފަތާލަށް ދިޔުމަށް ދަތުރު ފެށިއިރު، އަހަރެންގެ ހިތް ވަނީ އަވަސްވެފައެވެ. ދަތުރުމަތީގައި އާހިލްވެސް މާގިނަ ވާހަކައެއް ނުދައްކައެވެ. ދޭތެރެއަކުން އަހަންނަށް ބަލައިލި ނަމަވެސް، އޭނާ ގިނަ ވަގުތު އިނީ އިސްޖަހާލައިގެންނެވެ.

ހަސްފަތާލަށް ދިޔައިރު، ބޭރުގައި އަހަރެންމެންގެ އިންތިޒާރުގައި މީހަކު މަޑުކޮށްލައިގެން ހުއްޓެވެ. އެއީ ނަހީކާއިއެކު އޮފީސް ދަތުރުގައި ބައިވެރިވި ފުލުހެކެވެ. އަހަރެން ފެނުމުން، އޭނާ އަތުން އިޝާރާތްކޮށް، ދާންވީ މިސްރާބު ދައްކައިލިއެވެ. ދެއަތުން ކަރުނަތައް ފޮހެމުން ހަސްފަތާލުގެ ތެރެއަށް ވަނީމެވެ. އަހަރެންގެ ސިކުނޑީގައި ނަހީކު ނޫން އިތުރު ކަމެއް ނުވެއެވެ.

"މީ ނަހީކު އޮތް ވޯޑު..." ކުރިމަތިން ފެންނަން ހުރި ދޮރު ދައްކައިލަމުން ފުލުސްމީހާ ބުންޏެވެ. "އެތެރެއަށް ވަދޭ... އަހަރެމެން ބޭރުގަ މަޑުކޮށްލާނަން..."

ދޮރު ހުޅުވައިލަން އަތް ހިއްލައިލި ނަމަވެސް އަތް ތުރުތުރު އަޅައިގަތެވެ. ތަޅުގައި ހިފައިލާނެ ހިއްވަރު ނުލިބިފައި އެތައް އިރަކު ހުރެވުނެވެ. ނަހީކު އޮންނާނީ ކިހިނެއް ހެއްޔެވެ؟ އަހަންނަށް ބަލައިލާނެ ހެއްޔެވެ؟ އަހަންނާއި ވާހަކަ ދައްކާނެ ހިއްވަރު އޭނާގެ ގައިގައި ހުންނާނެ ހެއްޔެވެ؟ އަހަރެން ފެނުމުން އުފާވާނެ ހެއްޔެވެ؟

އެތައް ހިއްވަރަކުން ދޮރު ހުޅުވާލާފައި އެތެރެއަށް ވަނީމެވެ. އިވުނީ މެޝިންތަކުގެ އަޑެވެ. ދެފައިގެ ހަރަކާތަށް ލަސްކަމެއް އައެވެ. ދެ ލޮލުން ފައިބަމުންދިޔަ ހޫނު ކަރުނަތައްވެސް ހުއްޓުނެވެ. އެނދުގެ ވަށައިގެން ދަމާފައިވާ ތުނި ފަރުދާގެ ފުރަގަހުގައި އެއޮތީ، އަހަރެން އަމިއްލަ ފުރާނައަށް ވުރެވެސް ބޮޑަށް ލޯބިވާ ފިރިމީހާއެވެ. މަޑުމަޑުން ހިނގަމުން ގޮސް، ފަރުދާ ކަހައިލީމެވެ. ތިންވަރަކަށް މަސްދުވަހުގެ ތެރޭގައި ހިކި އަނަރޫފަވެފައިވާ ފިރިމީހާގެ ހަށިގަނޑު ފެނުމާއިއެކު އަހަންނަށް ކޮޅަށް ހުންނަން ދަތިވިއެވެ. އަނގަމަތީގައި އަތް އަޅައިލެވުނެވެ.

އެއީ އަހަރެންގެ ކުރިމަތިން ދިޔައިރު ނަހީކު ހުރިގޮތެއް ނޫނެވެ. ހީވަނީ މުޅީން އެހެން މީހެއް ހެންނެވެ. އޭނާގެ ކަޅު، ވަރުގަދަ އިސްތަށިގަނޑެއް ނެތެވެ. މަޑު ފިޔާތޮށި ކުލައިގެ އޮމާން ތުންފަތް އެ ވަނީ ހިކިފައެވެ. ދުވަހަކު ފެންފޮދެއް ނުލިބިފައިވާ މީހެއް ފަދައެވެ. ކަޅުކަންގަދަ ބުމަ އާއި ދިގު އެސްފިޔަތަކެއް ނެތެވެ. އެ ރީތި ދެލޮލަށް އަބަދުމެ ތައުރީފު ކުރަމުންދިޔަ ދެލޯ ކައިރި ވަނީ ކަޅުވެ، ވަޅުވަދެފައެވެ. ތަރުތީބުކަމާއިއެކު ބަލަހައްޓަމުންދިޔަ ރީތި ހަށިގަނޑު ކަށިކޮޅެއް ފަދައެވެ. އެއްވަރަކަށް ބަލަހައްޓަމުންދިޔަ، ތުނބުޅި އެވަނީ ދިގުވެފައެވެ. އެ ބާރުގަދަ އަތުގެ މުލައްދަނޑީގައިވެސް އެއްވެސް މަސްކޮޅެއް ނެތް ފަދައެވެ. މިއަދު ލުއި ފަތެއް އުފުލައިލާހެން އަހަރެން އުފުލައިލާނޭ ހިއްވަރު އެ ހަށިގަނޑުގައި ނުހުންނާނޭކަން އަހަންނަށް ކަށަވަރެވެ.

ހިތްދަތިކަމުން ފުރިގެންވީ އެ މަންޒަރު ބަލަން ހުންނާނޭ ހިއްވަރެއް އަހަންނަކަށް ނުލިބުނެވެ. ބާރަށް ރޯން ފެށުނެވެ. އެނދުގައި ހިފަހައްޓަމުން ކަހަލަ ގޮތަކަށް ގޮސް ގޮސް ނަހީކުގެ ކައިރީގައި ހުއްޓުނުއިރު، އަހަރެންގެ ހިތް ފަޅައިގެން ގޮސްފިއެވެ. ނަހީކުގެ މޫނުގައި ފިރުމައިލެވުނީ މަޑުމަޑުންނެވެ. ލޯބިން އެ މޫނުގައި ބޮސްދެވުނުއިރު، ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް އެ މޫނުގައިވެސް ބީހިލައިފިއެވެ.

(ނުނިމޭ)

ގުޅުންހުރި ލިޔުންތައް
3 އަހަރު ކުރިން
1
3 އަހަރު ކުރިން
1
3 އަހަރު ކުރިން
3
ކިޔުންތެރިންގެ ޝުއޫރު
48%
30%
18%
3%
2 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު