ވާހަކަ
ކުރަމޭ ބަޔާން... 22

ހިތްދަތިކަމުން ފުރިގެންވީ އެ މަންޒަރު ބަލަން ހުންނާނޭ ހިއްވަރެއް އަހަންނަކަށް ނުލިބުނެވެ. ބާރަށް ރޯން ފެށުނެވެ. އެނދުގައި ހިފަހައްޓަމުން ކަހަލަ ގޮތަކަށް ގޮސް ގޮސް ނަހީކުގެ ކައިރީގައި ހުއްޓުނުއިރު، އަހަރެންގެ ހިތް ފަޅައިގެން ގޮސްފިއެވެ. ނަހީކުގެ މޫނުގައި ފިރުމައިލެވުނީ މަޑުމަޑުންނެވެ. ލޯބިން އެ މޫނުގައި ބޮސްދެވުނުއިރު، ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް އެ މޫނުގައިވެސް ބީހިލައިފިއެވެ.

*********

"ނިކް!... އަހަންނަށް މާފުކުރޭ... އަހަންނަށް ވިސްނާނުލެވުނީ... އެއްފަހަރު ނަމަވެސް ލޯ ހުޅުވާލާފަ، އަހަންނަށް ބަލާބަލަ... ޕްލީޒް..." އަހަންނަށް ވާހަކަ ދައްކަން އުނދަގޫވިއެވެ. ހިންދިރުވައިލާފައި، ކަރުނަތައް ފޮހެލީމެވެ. އަހަރެން ހިއްވަރު ހޯދީ ބަނޑުގައިވާ ކުޑަކުޑަ ފުރާނައަށްޓަކައެވެ.

"އަހަރެން މިއައީ ނިކް ބޭނުންވާ އުފާވެރި ޚަބަރު ދޭށޭ... ނިކް ތިހެން އޮތީމަ، އަހަރެން އެބަ ވަރަށް ބިރުގަނޭ...." ނަހީކުގެ މެރިފައިވާ ދެ ލޮލަށް ބަލަން އިނދެ، އަހަރެން ވާހަކަ ދައްކަމުން ދިޔައީ، އެންމެ ފަހަރަކު ނަމަވެސް އެ ދެ ލޯ ހުޅުވައިލާނެކަމުގެ އުއްމީދުގައެވެ.

އެތައް އިރަކު އިންތިޒާރު ކުރި ނަމަވެސް، އަހަންނަށް ލިބުނީ މާޔޫސްކަމެވެ. ނަހީކު ލޯ ހުޅުވައެއް ނުލިއެވެ. ދެރަވިއެވެ. ޝަކުވާއިން ހިތް ފުރުނެވެ. ވާހަކަ ދައްކަން އުނދަގޫވުމުން، ނަހީކުގެ މޭގައި ބޯ އަޅައިލެވުނެވެ. އެ ހަށިގަނޑަށް ކުޑަވެސް ގެއްލުމެއް ވެދާނެތީ، ބަލައިގެން، މަޑުމަޑުންނެވެ. އެ ގާތްކަމުން އަހަރެންގެ ހިތަށް ބުނެދޭން ނޭނގޭ އިހުސާސްތަކެއް ކުރެވިގެން ދިޔައެވެ. ފިނިވެފައިވާ ނަހީކުގެ ހަށިގަނޑުގައި ބާރަށް ހިފަހައްޓައިލީމެވެ. ދުވަހަކު އެ ސޫރަ އަހަރެންގެ ލޯމަތިން ގެއްލެއް ބޭނުން ނުވާފަދައަކުންނެވެ.

"ހުރިހާ ކަމެއް އެނގިހުރެ، ނިކް އަހަންނާ ދުރަށް ދިޔައީ ގަސްދުގަތަ؟... އަހަރެންގެ އެހީތެރިކަމަށް ނިކްއަށް އެންމެ ބޭނުންވި ދުވަހު، އެ އެހީތެރިކަން ނުހޯދީ ކީއްވެ؟ ދެމަފިރިން އެކަކު އަނެކެއްގެ ހިތާމަތައް ޚިއްސާކުރާނީ އެކީގައެއްނު.... އެހެން ބުނީވެސް ނިކް... ދެން ކީއްވެ އަހަންނާ ދުރަށް ދިޔައީ؟... ކީއްވެ ހުރިހާ ކަމެއް ސިއްރު ކުރީ؟... ނިކް ބަލިކަން އެނގޭނަމަ، އަހަރެން ވަގުތުން ނިކް ކައިރިއަށް އައީމުހޭ... އެންމެ ވަގުތުކޮޅަކަށްވެސް ނިކްއާ ދުރަކަށް ނުދާނަން..." އަހަންނަށް ހިތާއިހިތުން ޝަކުވާ ކުރެވެން ފެށުނެވެ. ނިމުމެއް ނުވާނޭ ޝަކުވާތަކެވެ. ދެ ލޮލުން އޮހެމުންދިޔަ ކަރުނަތަކާއި އެކުވެގެން އައި އެ ޝަކުވާތައް، ދުލުން ބޭރުނުކުރެވުނަސް، ހިތަށް ލުއިކަމެއް ލިބުނެވެ.

ނަހީކު އޭނާގެ ހާލަތު ސިއްރުކޮށްދިނުމަށް ފުލުހުންގެ އިސްވެރިންގެ ކިބައިން އެދުނީ، އަހަރެން ދެރަވެދާނެތީއެވެ. އަހަރެން ވަކީން ދެރަވީ، ބަލިހާލުގައިވެސް ނަހީކު ވިސްނީ އަހަންނާއި ދޭތެރޭގައިކަން އެނގުމުންނެވެ.

"ދެން ދުވަހަކުވެސް ޝަކުވާއެއް ނުކުރާނަން... ނުވެސް ރޯނަން..." އަހަރެން ތެދުވެ، ކަރުނަތައް ފޮހެލީމެވެ. "ބަލާބަލަ... އަހަރެންގެ ބަނޑުގަ މިއޮތީ، އަހަރެމެންގެ ލޯބީގެ ނިޝާން... މި ބޭބީ އެކަނިކޮށްލާފަ ނިކް ތިއުޅެނީ ދާންތަ؟.... އަހަންނާ ދޭތެރޭ ނުވިސްނިޔަސް، ބޭބީއާ ދޭތެރޭ ވިސްނަންވާނެއެއްނު..."

ނަހީކުގެ ދިރުންނެތް އަތް އުފުލައި، ބަނޑުގައި ޖައްސައިލީމެވެ. ދެލޯ މަރާލުމާއިއެކު، ހިތަށް ސިފަކޮށްލެވުނީ، އެ ތުއްތު ދަރިފުޅާއިއެކު، އަހަރެމެން ހޭދަކުރާނޭ އުފާވެރި ވަގުތުކޮޅު ތަކެވެ. އަހަރެންގެ އުއްމީދު ފުރިހަމަ ވެދާނޭ ހެއްޔެވެ؟ ދަރިފުޅު އުފަންވުމުން، އަހަރެންގެ އާއިލާ ފުރިހަމަވާނެއެވެ. އެކަމަކު، އަހަރެމެން ތިން މީހުންނަށް އުފާވެރި ހަޔާތެއް އުޅުމުގެ ނަސީބު ލިބިދާނެ ހެއްޔެވެ؟ ނަހީކަށް އަހަރެމެންގެ ދަރިފުޅު އުރާލުމުގެ އުފާ އިހުސާސް ކުރެވިދާނެ ހެއްޔެވެ؟

ދޮރުގައި ޓަކި ޖަހައިލި އަޑު އިވުމުން އަހަންނަށް ދޮރާއި ދިމާއަށް ބަލައިލެވުނެވެ. ދޮރުމަތީގައި ހުރި އަންހެންކުއްޖާ ފެނުމާއިއެކު، އަހަރެންގެ ތަބީއަތު ބަދަލުވިއެވެ. އެއީ ނަހީކު ފޮނުވި ތަސްވީރުން ފެނުނު އަންހެންކުއްޖާއެވެ. ހަމަލޮލަށް ފެންނައިރު، އެ ކުއްޖާ ވަކީން ރީއްޗެވެ. ހަމުގެ ކުލަ އަލިކަމުން، ފަންމިންޏެއް ފަދައެވެ. ކަކުލަށްވުރެ މައްޗަށް ހުރި، ހުދުކުލައިގެ އަތްދިގު ހެދުމަކާއި ނޫ ޖީންސުގައި އޭނާގެ ރީތި ހަށިގަނޑަށް ދިރުމެއް ގެނެސްދީފައިވާ ކަހަލައެވެ. ކޮނޑާއި ހަމައަށް އޮތް ފަން އިންތަށިގަނޑު ދޫކޮށްލާފައި އޮތްއިރު، އެއް އަރިމަތީގައި ކުޑަ ދައްޗެއް ހަރުކޮށްލާފައި އޮތެވެ. އަހަންނާއި އަޅާ ބަލާއިރު، އެ ކުއްޖާ ހާސްގުނަ ރީއްޗެވެ.

އިންސާނުންނަކީ ބަލިކަށި ބައެކެވެ. ގިނަ ކަންތައްތައް ވަނީ އަމިއްލަ އިޚްތިޔާރުން ބޭރުގައެވެ. ކިތަންމެ ބޭނުންނުވި ނަމަވެސް، އެ ކުއްޖާ އާއިމެދު އަހަރެންގެ ހިތް ހަސަދައިން ފުރުނެވެ.

އަހަރެން ފެނުމުން އެ ކުއްޖާވެސް ހައިރާންވެފައި ބަލަން ހުއްޓެވެ. ހީވީ އަހަންނަކީ ކާކުކަން އެނގިގެން ބަލަން ހުރި ހެންނެވެ. އިރުކޮޅެއްފަހުން އައިސް އަހަރެންގެ ކައިރީގައި ހުއްޓިލިއެވެ.

"ހާއި..." ލުއި ހިނިތުންވުމެއް ހަދިޔާކޮށްލަމުން އެ ކުއްޖާ ބުންޏެވެ.

އަހަރެންވެސް ރައްދުގައި ހިނިތުންވެލީމެވެ. އޭނާ އިތުރު ވާހަކައެއް ނުދައްކައެވެ. ނަހީކުގެ ކައިރިއަށް ޖެހިލާފައި، އެނދުގެ ފޮތިގަނޑު ރަނގަޅުކޮށްލިއެވެ. އެނދުމަތީގައި އޮތް ނަހީކުގެ އަތް ނަގައި، ބަނޑުމަތީގައި ބާއްވާލަދިނެވެ. އެ މަންޒަރު ބަލަން އަހަންނަކަށް ކެތެއް ނުވިއެވެ. ބާރުބާރަށް ހިނގާފައި ބޭރަށް ނުކުތީމެވެ.

ބޭރުގައި ހުރި ގޮނޑިބަރީގައި އަހަރެން އިށީނދެގެން އިންނަތާ ގިނައިރުތަކެއްނުވެ، އަންހެންކުއްޖާ ނުކުތެވެ. މަޑުމަޑުން ހިނގާލާފައި އައިސް އަހަރެންގެ ކައިރީގައި އިށީނެވެ.

"ޔޫ އާ ޕްރިޓީ..." އަހަންނާއި ދިމާއަށް ބަލައިލަމުން އަންހެންކުއްޖާ ބުންޏެވެ.

އަހަންނަށް ލިބުނީ ހައިރާންކަމެވެ. ފަސްއެނބުރި ބަލައިލެވުނީ އެކުއްޖާ ވާހަކަ ދެއްކީ އަހަންނާއި ނޫންހެން ހީވުމުންނެވެ. އެކަމަކު އެއިން ހިސާބެއްގައިވެސް އިތުރު މީހަކު ނެތެވެ.

"ނިކް ވަރަށް ދައްކާނެ އޭނަގެ އަންހެނުންގެ ވާހަކަ..." އަންހެންކުއްޖާ ވާހަކަ ދެއްކީ އިނގިރޭސި ބަހުންނެވެ. "ތީ ނިކްއަށް އެހާ ޚާއްސަ އަންހެންކުއްޖެއްވީމަ ބައްދަލުކޮށްލަން ވަރަށް ބޭނުންވެފަ ހުރީ..."

އަހަރެން އިނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އެކުއްޖާގެ ވާހަކައިން ލިބުނު އުފަލަށްވުރެ ބޮޑަށް، ހިތް ނުތަނަވަސް ކުރުވިއެވެ. ހިތުގައި އެތައް ސުވާލެއް އުފެދުނެވެ. އެ ކުއްޖާ ވާހަކަ ދެއްކި ގޮތުން އޭނާ އާއި ނަހީކުގެ މެދުގައި އޮތީ ގާތް ގުޅުމެއް ކަން އެނގުނެވެ. އެކަމަކު، އެހާ ގާތް ގުޅުމެއް އެ ދެމީހުންގެ މެދުގައި އޮތްއިރު، އަހަންނަށް އެއީ ކާކުކަން ނޭނގި އޮތީ ކީއްވެ ހެއްޔެވެ؟ އެ ކުއްޖާގެ ވާހަކަ ނަހީކު އަހަރެންގެ ކައިރީ ނުބުނީ ކީއްވެ ހެއްޔެވެ؟

"އަހަންނަށް ކިޔަނީ ޖޭސްމިން..." އަންހެންކުއްޖާ ސަލާމަށް އަތް ދިއްކޮށްލިއެވެ.

"ރިވާ..." ސަލާން ބަލައިގަންނަމުން އަހަރެން ބުނީމެވެ.

"ނިކް އެންމެ ބަލިވި އިރުވެސް، ވަރަށް ހިއްވަރުކުރި..." ޖޭސްމިން އިސްޖަހައިލިއެވެ. ސިއްރުން ކަރުނަ ފުހެލިތަން ފެނުމުން، އަހަރެން އެހެން ދިމާއަކަށް ނަޒަރު ހުއްޓައިލީމެވެ.

"އެންމެފަހުގަޑީވެސް ނިކް ދެއްކީ ރިވާގެ ވާހަކަ... ބޮޑުކަމެއްވާ ކޮންމެ ފަހަރަކު ބަލަން އޮންނާނީ ރިވާގެ ތަސްވީރަށް..." ޖޭސްމީންގެ އަޑު ކުރެހުނެވެ. "ޑައިލަސިސް ހަދާ ކޮންމެ ފަހަރަކު، ރިވާގެ އަޑު އަހާލަން ބޭނުންވެގެން އެ ވާހަކަ ދައްކާނެ... އެންމެ ކައިރިން ނިކްގެ ހާލަތު ފެންނާނީ އަހަންނަށް... ހާދަ ވޭނެކޭ... އެކަމަކުވެސް ނިކް ހާދަ ހިއްވަރު ކުރިއޭ... ހަމައެކަނި ރިވާއަށްޓަކާ..."

ޖޭސްމީންގެ ވާހަކަ އަޑު އަހަމުންދިޔައިރު، އަހަރެންގެ ދެލޮލުން ކަރުނަތައް އޮހޮރެމުން ދިޔައެވެ. އަޑުއަހަން އުނދަގޫ ވާހަކަތަކެކެވެ. ކޮންމެ ޖުމްލައަކުންވެސް ހާމަވެގެންދިޔައީ ނަހީކު އަހަރެންދެކެވާ ސާފު ތެދުވެރި ލޯތްބެވެ. ހަމައެއާއިއެކު، އަހަރެންގެ އަމިއްލަ ނަފުސު ކުށްވެރިކުރެވެމުންދިޔަ މިންވަރު އިތުރުވިއެވެ.

ދައްކަން ބޭނުންވި ކިތަންމެ ވާހަކައެއް ހުއްޓަސް، އަހަރެންގެ ދޫ ހަރަކާތެއް ނުކުރިއެވެ. ޖޭސްމިންވެސް އިތުރު އެއްޗެއް ނުބުނެ، އިސްޖަހާލައިގެން އިނީއެވެ. އާހިލް އައުމުން، ޖޭސްމީން ތެދުވިއެވެ. ފަހުން ބައްދަލުވާނެކަމަށް ބުނެފައި، އެތަނުން ދިޔައެވެ.

"އެއްޗެއް ކާލަންވީނު..." އަތުގައި އޮތް ކޮތަޅު ދައްކައިލަމުން އާހިލް އެދުނެވެ. "ޕްރެގްއިރު ވާނެ ކެވޭތޯ ބަލަން... ނޫނީ ބޭބީއަށް ދެރަގޮތެއް ވެދާނެ..."

ކޮތަޅުގައި ހިފި ނަމަވެސް، އަހަރެން އެއްވެސް އެއްޗެއް ކާހިތެއް ނުވިއެވެ. އެކަމަކު ބަނޑުގައި އޮތް ދަރިފުޅަށްޓަކައި، އެއްޗެއް ކާން މަޖުބޫރު ވިއެވެ. ކޮތަޅުގައި އޮތީ، ސޭންޑްވިޗަކާއި، ކުކުޅު ބިހެކެވެ. ކޮށާފައި ހުރި އާފަލުކޮޅަކާއި ކުޑަ ކިރު ޕެކެޓެއްވެސް އޮތެވެ. އަހަންނަށް ކެވުނީ ސޭންޑްވިޗެއް އެކަންޏެވެ. ފަހުން ކާނެކަމަށް ބުނުމުން، ކޮތަޅު ހިފައިގެން އާހިލް ދިޔައެވެ.

އަހަރެން އެނބުރި ނަހީކުގެ ކޮޓަރިއަށް ވަންއިރު، ޑަކުޓަރަކާއި ނަރުހަކު ހުއްޓެވެ. އަހަރެން ފެނުމުން، ބަލިމީހާގެ ކާކުތޯ ސުވާލު ކުރިއެވެ.

"ޑޮކްޓަރ... ނިކް ސަލާމަތްކޮށްދީ..." ޑަކުޓަރުގެ އަތުގައި ހިފައިލަމުން އާދޭހުގެ ރާގަކަށް ބުނީމެވެ. "ކިހިނެއް ހެދިއްޔާތޯ؟... ނިކް ރަނގަޅު ވާނީ؟... އަޅުގަނޑުގެ ކިޑްނީ ދިމާވޭތޯ ބަލައިދެއްވަންވީ ނޫންތޯ؟..."

"ހަމަޖެހިލާ..." އަހަރެންގެ ކޮނޑުމަތީގައި އަތް ބާއްވައިލަމުން ޑަކުޓަރު ބުންޏެވެ. "ޕޭޝަންޓުގެ ނަސީބު ވަރަށް ރަނގަޅު... އެންމެ ބޭނުންވި ވަގުތު ކިޑްނީއެއް ލިބޭގޮތްވީ... އޮޕަރޭޝަންވެސް ވަރަށް ކާމިޔާބު... ޕޭޝަންޓުގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުން... ދެތިން ދުވަހެއްތެރޭ ހޮސްޕިޓަލުން ދޫކޮށްލެވޭވަރުވާނެ..."

"ކީކޭތޯ؟... ކިޑްނީއެއް ލިބުނީއޭތޯ؟..." އަހަރެންގެ ދެލޯ ބޮޑުވިއެވެ.

(ނުނިމޭ)

ގުޅުންހުރި ލިޔުންތައް
3 އަހަރު ކުރިން
1
3 އަހަރު ކުރިން
1
3 އަހަރު ކުރިން
3
ކިޔުންތެރިންގެ ޝުއޫރު
65%
12%
15%
8%
3 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު