ޚަބަރު
ކޮމަންޑޫ ދާއިރާގެ ޕީޕީއެމް ޓިކެޓް ފަތުހީއަށް
ކޮމަންޑޫ ދާއިރާގެ ޕީޕީއެމް ޓިކެޓް ލިބުނު ފަތުހީ، މާލޭ މޭޔަރު މުއިއްޒު އަރިހުގައި
ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ށ. ކޮމަންޑޫ ދައިރާގެ ގޮނޑިއަށް ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވުމުގެ ޓިކެޓް ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓްރު މޫސާ ފަތުހީ އާދަމަށް ދީފިއެވެ.

ކޮމަންޑު އަަށް އުފަން ފަތުހީއަކީ ށ. އަތޮޅުގެ އަތޮޅުވެރިކަން ވެސް ކުރެއްވި ބޭފުޅެކެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވެސް ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވި ފަތުހީ ވަނީ ރާއްޖޭގައި އެންމެ ފުރަތަމަ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ށ. އަތޮޅު ކައުންސިލްގެ ރައީސްކަން ވެސް ކުރައްވައިފަ އެވެ.

އިދިކޮޅު ކޯލިޝަންގެ އިތުރުން، ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާނެކަން ހާމަކޮށްފައިވާ އެމްއެންޕީ އަދި ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީންވެސް ވަނީ އެޕާޓީތަކުގެ ފަރާތުން ކޮމަންޑު ދާއިރާއަށް ވާދަކުރައްވާނެ ކެންޑިޑޭޓުން ޔަގީންކޮށްފައެވެ. އެޕާޓީތަކުގެ ޕްރައިމަރީއަށްވެސް ކުރިމަތިލައްވާފައިވަނީ ކޮންމެ ޕާޓީއަކުންވެސް އެންމެ ބޭފުޅެކެވެ.

ކޮމަންޑު ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނީ ށ. ފޯކައިދޫގެ ކައުންސިލްގެ ރައީސްކަން ގިނަ ދުވަސްތަކެއްވަންދެން ކުރެއްވި މުހައްމަދު ރާޝިދެވެ. އެމްއެންޕީގެ ފަރާތުން ވާދަކުރައްވާނީ ތައުލީމީ ދާއިރާގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ އަބްދުލް ހަންނާން އިދުރީސްއެވެ.

ރައްޔިތުންގެ މަޖިލީހުގައި ކޮމަނޑޫ ދައިރާ ތަމްސީލުކުރާ ގޮނޑި ހުސްވެފައިމިވަނީ އެ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި ހުސައިން ވަހީދު މި މަހުގެ 14 ވަނަ ދުވަހު އަވަހާރަވުމާ ގުޅިގެންނެވެ. ހުސައިން މަޖިލީހުގައި ހުންނެވީ އެމްޑީޕީގެ ޓިކެޓުގައެވެ.

އެހެންކަމުން އިލެކްޝަންސް ކޮމިޝަނުން ވަނީ އަންނަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ބައި އިލެކްޝަން ބާވާނެކަމަށް އިއުލާންކޮށްފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު