ޚަބަރު
ހައި ކޯޓުން އެންމެ ގިނަ މައްސަލަ ނިންމީ މިދިޔަ އަހަރު
ހައިކޯޓުގެ ތާރީހުގައިވެސް އެކޯޓުން އެންމެ ގިނަ މައްސަލަ ނިންމި އަހަރަކަށް މިިދިޔަ އަހަރު ވެއްޖެއެވެ.

ހައި ކޯޓުން ބުނީ މިދިޔަ އަހަރު އެ ކޯޓަށް ހުށަހެޅުނު 835 މައްސަލައިގެ ތެރެއިން 672 މައްސަލައެއް ނިންމި ކަމަށާއި އަދި މިދިޔަ އަހަރު ކޯޓުގައި 625 މައްސަލައެއް ރަޖިސްޓްރީ ކުރި ކަމަށެވެ. މިދިޔަ އަހަރުގެ ނިޔަލަށް ނުނިމި އޮތީ 679 މައްސަލައެއް ކަމަށް ހައި ކޯޓުން ބުނެ އެވެ.

މިދިޔަ އަހަރު ހައި ކޯޓުން އެންމެ ގިނަ މައްސަލަ ނިންމީ މާޗު މަހު އެވެ. އެގޮތުން އެ މަހު އެކަނި އެ ކޯޓުން ވަނީ 100 މައްސަލައެއް ނިންމާފަ އެވެ. އަދި ޖޫން މަހު ހައި ކޯޓުން ވަނީ 82 މައްސަލައެއް ބަލާ ނިންމާފަ އެވެ.

ހައި ކޯޓުގައި ނުނިމި ހުރި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ 2017 ވަނަ އަހަރު ހުށަހެޅުނު ދެ މައްސަލައަކާއި 2018 ވަނަ އަހަރު ހުށަހެޅުނު 21 މައްސަލައަކާއި، 2019 ގައި ހުށަހެޅުނު 186 މައްސަލައަކާއި، 2020 ގައި ހުށަހެޅުނު 141 މައްސަލައެއްގެ އިތުރުން މިދިޔަ އަހަރު ހުށަހެޅުނު 329 މައްސަލަ އެކެވެ.

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދަށުން ހައިކޯޓު އެކުލެވިގެންވަނީ އިސްފަނޑިޔާރާއެކު ޖުމްލަ 11 ފަނޑިޔާރުންގެ މައްޗަށެވެ. ހައިކޯޓުން ބުނީ ނުނިމި ހުރި މައްސަލަތައް ނިންމުމަށް އެ ކޯޓުން އިސްކަންދީގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.


 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު