މަޙްމޫދުގެ މަރު: ސާލިމްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކޯޓުން ކަނޑައަޅައިފި
މަރިޔަމް އަނާ
26 ޖެނުއަރީ 2022 - 12:00
0 comments
ބަންގްލަދޭޝްގެ، ޝާ އޮލަމް މިއާ
އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު މަރާލިކަމަށް އެ މައްސަލައިގައި ދައުވާ އުފުލާފައިވާ ޝާ އަލޮމް މިއާ (ސާލިމް) ގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފި އެވެ.
މަޙްމޫދުގެ މަރާއި ގުޅިގެން ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ޢުމުރުން 29 އަހަރުގެ ޝާ ޢާލޮމް މިއާގެ މައްޗަށް ދެ ދަޢުވާއެއް ވަނީ އުފުލާފައެވެ. އެއީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާއެވެ.
މިދިޔަ އަހަރު އޮކްޓޫބަރު 14ވަނަ ދުވަހު މަހްމޫދުގެ ހަށިގަނޑު ފެނުމާއެކު ފުލުހުން ކުރި ތަޙުޤީގު ތެރެއިން އޭގެ ދެދުވަސް ފަހުން، ކޯޓު އަމުރެއްގެ ދަށުން ޝާ އަލޮމް މިއާ ހައްޔަރުކުރިއެވެ. އޭނާ ދިރިއުޅުނު ދަނގެތީ ނެދުންގެއިން މަޙްމޫދުގެ އަންނައުނާއި، ގަޑިފަދަ ތަކެތި ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އަދި އޭނާގެ މައްޗަށް ކުށް ކުރިކަން ސާބިތުވާވަރަށް ހެކިލިބިފައިވާކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
މަޙްމޫދުގެ މަރުގެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ އިސް ޤާޟީ އަޙްމަދު ޝަކީލް ވަނީ ޝާ އަލޮމް މިއާ ކުށަށް އިއުތިރާފްވެފައިވަނީ އެއްވެސް މީހެއްގެ ނުފޫޒުންތޯ ސުވާލުކުރައްވާފައެވެ. އޭގެ ޖަވާބުގައި ޝާ އަލޮމް މިއާ ވަނީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާއަށް އެއްބަސްވާކަމަށް ބުނެފައެވެ. ކުރީގެ އަޑުއެހުމުގައި ވެފައިވާ އިއުތިރާފު ދަމަހައްޓަން އަދިވެސް ބޭނުންވޭތޯ އެ މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލް ސުވާލު ކުރެއްވުމުން ސާލިމް މިއަދު ބުނީ ކުރިން ވެސް ވެފައިވާ އިއުތިރާފު އަދިވެސް ދަމަހައްޓަން ބޭނުންވާ ކަމަށާއި މަހްމޫދު މަރައިލީ އޭނާގެ ބޮލަށް ޝައިތާނާ ވަދެގެން އޭނާ ކަމަށެވެ. އަދި އެކަމަށް އިއުތިރާފު ވަނީ އެއްވެސް މަޖުބޫރު ކަމެއް ނެތި ކަމަށް ސާލިމް ބުންޏެވެ."ޝައިތޯނާ އޭނާގެ ބޮލަށް ވަދެގެން ކުރި ކަމެއް ކަމަށް އޭނާ ބުނީ،" ތަރުޖަމާނު ބުންޏެވެ.އިސްގާޒީ ވިދާޅުވިގޮތުގައި އެއްވެސް މަޖުބޫރު ކަމެއް ނެތި ސާލިމް ކުށަށް އިއުތިރާފު ވެފައި ވާތީ އާއި އަދި އެ މިއަދު ވެސް އެ އިއުތިރާފު ދަމަހައްޓާފައިވާތީ އެ އިއުތިރާފަކީ ސައްހަ އިއުތިރާފެއް ކަމަށް ނިންމަވާ ކަމަށެވެ. އަދި ގަސްދުގައި މީހަކު މެރުމުގެ ކުށުން އޭނާ ކުށްވެރިވާ ކަމަށް ނިންމެވީ ކަމަށް އިސްގާޒީ ވިދާޅުވި އެވެ.ހަމަ މިއަދު އެ މައްސަލައިގައި ހިމެނޭ ވާރިސުން ޔަގީން ކުރުމަށް ދަނގެތީ ކޯޓަށް ހެކިން ހާޒިރުކޮށް ހެކިބަސް ނަންގަވާނެ ކަމަށް ވެސް އިސް ގާޒީ ޝަކީލް ވިދާޅުވި އެވެ. ނަމަވެސް ވާރިސުންގެ ބަސް ނެގޭނީ ގާތްގަނޑަކަށް 10 ދުވަސް ފަހުން ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.ސާލިމަކީ އުމުރުން ދުވަސްވީ މީހަކު ބެލުމަށްޓަކައި ދަނގެއްޗަށް ގެންގޮސްފައި ހުރި ބިދޭސީއެކެވެ. މަހްމޫދު މަރާލާފައި އޮއްވާ ފެނުމުން އެއްވެސް މީހަކު ފުރަތަމަ ސާލިމަކަށް ޝައްކެއް ނުކުރެ އެވެ. މަހްމޫދުގެ ޖަނާޒާއަށް ވެސް ސާލިމް ދިޔަ އެވެ.
ކިޔުންތެރިންގެ ޝުއޫރު