ރައީސް ޔާމީން މިނިވަންވެފައި ވާތީ، އާޒިމާ އެދިވަޑައިގަތީ ދައުވާ ބާތިލުކޮށްދޭން
ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝުކޫރު --- ފޮޓޯ: ވަން
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުނުވާ ކަމަށް ހުކުމް ކޮށްފައިވާތީ އެ މައްސަލައާ ގުޅިގެން އޭނާގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު މިއަދު ވިދާޅުވެއްޖެ އެވެ.

އަހަރަކަށްވުރެ ގިނަ ދުވަސް ފަހުން މިއަދު ކްރިމިނަލް ކޯޓުގައި ވަނީ އާޒިމާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާގެ އަޑުއެހުމެއް ބާއްވާފަ އެވެ.

މި މައްސަލަ ކޯޓުގައި އެންމެ ފުރަތަމަ ބެއްލެވީ ގާޒީ އަހުމަދު ހައިލަމް އެވެ. ނަމަވެސް ހައިލަމް މަގާމުން އިސްތިއުފާ ދެއްވި ފަހުން އެ މައްސަލަ އާއި ހަވާލުވެވަޑައިގެންނެވީ ގާޒީ ހަސަން ސައީދު އެވެ. އެކަމަކު ހަސަން ސައީދު ވެސް ވަނީ މައްސަލައިން ތަނާޒުލްވެފަ އެވެ. އެހެންކަމުން މިހާރު މައްސަލަ ބައްލަވަނީ ވަނީ ގާޒީ އަލީ އާދަމް އެވެ.

މިއަދުގެ އަޑުއެހުމުގައި ގާޒީ ނިންމެވީ މައްސަލަ އަލުން ފެށުމަށެވެ. އެހެންކަމުން އަނެއްކާ ވެސް މިއަދު ދައުލަތުން ވަނީ ދެ ދައުވާ އިއްވާފަ އެވެ. 

އާޒިމާގެ މައްޗަށް ދައުލަތުން ކުރަނީ:

  • ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ
  • މަނީ ލޯންޑަރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާ
މި ގޮތުން ދައުލަތުން ފުރަތަމަ އިއްވީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާއެވެ. ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި ފައީސާ އެކްސްކްރޯ އެކައުންޓަށް ޖަމާ ކުރި ކަމަށް އާޒިމާ ލިޔުމަކުން އޭސީސީއަށް އެންގެވީ އެއީ އެ ފައިސާ ނޫން ކަން އެނގި ހުރެ ކަމަށް ދައުލަތުގެ އެ ދައުވާގައި ބުނެފައި ވެއެވެ.

އާޒިމާ ވަނީ އެ ދައުވާއަށް އިންކާރު ކުރައްވައިފައެވެ. އޭނާ ވިދާޅުވީ އޭސީސީއަށް ފޮނުވި ނޯޓުގައި ވަނީ ބީއެމްއެލްއިން ދިން މައުލޫމާތެއް ކަމާއި، އަދި އެ ނޯޓުގައި ބަޔާން ކުރާ އެކައުންޓް ނަންބަރާއި ދައުލަތުގެ ދައުވާގައި ބަޔާން ކުރާ އެކައުންޓް ނަންބަރާއި ވެސް ދިމާ ނުވާ ކަމުގައެވެ.

ދެން ދައުލަތުން އިއްވީ މަނީ ލޯންޑަރިންނަށް މަގުފަހިކޮށްދިނުމުގެ ކުށުގެ ދައުވާއެވެ. އެކްސްކްރޯ އެކައުންޓަށް އެހެން ފައިސާއެއް ޖަމާކޮށް، ޔާމީންގެ އެކައުންޓަށް ޖަމާކުރި ޚިޔާނާތުގެ ފައިސާ ކަމަށް ބެލެވޭ ފައިސާ އިންވެސްޓްމަންޓް އެކައުންޓަކަށް ލުމަށް ފަހު އޭގެ އަސްލު އޮޅުވާލީ ކަމަށް އެ ދައުވާގައިވެއެވެ.

މި ދައުވާއަށް ވެސް އާޒިމާ އިންކާރު ކުރެއްވިއެވެ. އަދި ދިފާއުގައި ފާހަގަ ކުރެއްވި ނުކުތާއަކީ ޔާމީންގެ މައްސަލައިގައި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމެވެ. އެ ހުކުމުގައިވާ ގޮތުން ވެސް ދައުލަތުގެ ދައުވާގައި މަނީ ލޯންޑަރިންގެ ދައުވާގައި ފުރިހަމަވާން ޖެހޭ އަމަލުތަކުގެ ރުކުނެއް ފުރިހަމައެއް ނުވެއެވެ.

"ކުރިންވެސް އަދި މިހާރުވެސް އެ ދައުވާ އަޅުގަނޑުގެ މައްޗަށް ކުރެވޭނެ ކަމަށް ނުދެކެން،" އާޒިމާ ވިދާޅުވި އެވެ.

އެއް ކުށެއްގެ މައްޗަށް ދެ ދައުވާ ނުކުރެވޭނެކަން ފާހަގަކުރައްވާ އާޒިމާ ވިދާޅުވީ އެނގިހުރެ ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ގާނޫނުލްއުގޫބާތުގެ ދަށުން އުފުލާފައި ވާތީ، އޭނާގެ ގަސްތު ސާބިތުކުރުމުގެ އުންޒުރުތަކާއި ރުކުންތައް ދައުވާއިން ފުރިހަމަ ނުވާ ކަމަށެވެ.

ދައުވާއަށް ޖަވާބުދާރީވުމުގެ ކުރިން އާޒިމާގެ ފަރާތުން ދައުލަތާ ބައެއް ސުވާލުތައް ކުރިމަތިކުރި އެވެ. އެގޮތުން މަނީ ލޯންޑްރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާ ކުރަނީ ރަސްމީ ހައިސިއްޔަތުން އޭނާ ކުރިކަމަކާ ގުޅިގެންތޯ ނުވަތަ ނޫންތޯ އޭނާގެ ފަރާތުން ސުވާލު ކުރި އެވެ.

ދައުލަތުން ބުނީ އާޒިމާ ހުންނެވީ ރަސްމީ މަގާމެއްގައި ކަމަށް ވިޔަސް، އޭނާއަށް ދައުވާ ކުރަނީ އަމިއްލަ ހައިސިއްޔަތުން ކުރި ކަމަކާ ގުޅިގެން ކަމަށެވެ.

އާޒިމާ ވިދާޅުވެފައި ވަނީ އޭސީސީއަށް ލަފާ ދެނީ ބަންޑާރަނައިބް ކަމަށާއި، އޭނާ އަކީ އޭސީސީއަށް ލަފާދެވޭނެ މީހެއް ނޫން ކަމަށެވެ. އަދި އެފަދަ ލަފައެއް ދީފައި ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އާޒިމާ ވިދާޅުވީ މި ދެ ދައުވާ އޭނާގެ މައްޗަށް އުފުލާފައި ވަނީ ރައީސް ޔާމީން ކުރެއްވި ކުށަކަށް މަގުފަހިކޮށްދިނުމަށް ކަމަށާއިރު، އެމަނިކުފާނުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފައިވާ ކަމަށެވެ. މަނީ ލޯންޑަރިންއަށް ބޭނުންވާ އުންސުރުތައް ހަމަނުވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފައިވާ ކަމަށެވެ. 

ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް މަނީ ލޯންޑާކުރަން މަގުފަހިކޮށްދިން ކަމަށް ބުނެ އުފުލާފައިވާ ދައުވާއާ ގުޅިގެން އާޒިމާގެ ދިފާއަކަށް ނެންގެވީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ޔާމީންގެ މައްޗަށް އުފުލާފައިވާ ގއ. ވޮޑަމުލާގެ މައްސަލަ ސާބިތު ނުވާ ކަމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމެވެ.

ދައުވާއަށް އިންކާރުކުރި ސަބަބުތަކަށްފަހު މިއަދުގެ އަޑުއެހުން ނިންމާލީ ދިފާއީ ހެކި ހުށަހެޅުމަށް ދިފާއުން ބޭނުންވާ ކަމަށް ބުނުމުން، 10 ދުވަހުގެ ފުރުސަތެއް ދިނުމަށްފަހު އެވެ. ގާޒީ ވިދާޅުވީ 10 ދުވަހަށްފަހު ތާވަލްކުރާ އަޑުއެހުމުގައި އޮންނާނީ ދެ ފަރާތުގެ ހެކި ހުށަހެޅުން ކަމަށާއި، އެ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެތޯ ނުވަތަ ނޫންތޯ ކަނޑައެޅުން ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު