އެމްޑީޕީ ދެފަޅިކޮށްލަން ބަޔަކު އެބައުޅޭ: އިންތި
އެމްޑީޕީ ދެފަޅިކޮށްލަން ބަޔަކު ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.

އިންތި މިފަދައިން ވިދާޅުވީ މި އިންތިހާބުގެ ކެމްޕެއިނަށް ހުވަދުއަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު ގއ. ދެއްވަދުއަށް ވަޑައިގެން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ. 

އިންތި ވިދާޅުވީ އެމްޑީޕީ ދެފަޅިކޮށްލަން ނުވަތަ ކަފިކަފި ކޮށްލަން ބަޔަކު މަސައްކަތް ކުރާތަން ފެންނަމުންދާ ކަމަށާއި އެކަން އެގޮތަށް ކުރަން ފުރުސަތު ދީފިނަމަ މިހާތަނަށް އެމްޑީޕީން ކުރި ހުރިހާ މަސައްކަތެއް އެދިޔައީ ފަހަތަށް ކަމަށެވެ. 

"މިވަރުގެ ގެއްލުމެއް ދޭކަށެއް އަޅުގަނޑުމެން ނުތިބޭނެ. މި ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ބޭރުކުރަން، ބާކީކުރާކަށް އަޅުގަނޑުމެން ޖާގައެއް ނުދޭނަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިކުރާ މަސައްކަތުން މި ޕާޓީއަށް ކުރިއެރުން ލިބޭނީ." އިންތި ވިދާޅުވިއެވެ.

މީގެއިތުރުން އިންތި ވަނީ އެމްޑީޕީގެ އުސޫލުތަކާއި އަސާސް ތަކަކީ ވަރަށް އަގުހުރި އެއްޗެއް ކަމަށާއި އެ އަސާސްތަކާއި ދުރަށް ދިޔުމުން ވާގޮތް މިއަދު ފެންނަމުންދާ ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި ޗެއާޕާސަނަކަށް އިންތިހާބުވެއްޖެނަމަ އެންމެ އިސްކަމެއް ދޭނީ ޕާޓީ އެކަތިގަނޑަކަށް ހަދާ ޕާޓީގެ އުސޫލުތަކާއި އަސާސްތަކާއި ފަލްސަފާތަކަށް ދިރުން ގެނައުމަށް ކަމަށްވެސް ވިދާޅުވި އެވެ.

"މި ޕާޓީގެ އުސޫލުތައް، އަސާސްތައް ނެގެހެއްޓުމަށް އަޅުގަނޑު މި ޕާޓީގެ ޗެއާޕާސަންކަމުގައި ހުރެގެން ކުރާނެ ހުރިހާ މަސައްކަތެއް ކުރާނަން،" އިންތި ވިދާޅުވިއެވެ.

ރައީސް ނަޝީދު އެމްޑީޕީގެ ރައީސްކަމުން ވަކިކޮށް ޕާޓީގެ ތެރެއިން ބޭރުކުރަން ބަޔަކު މަސައްކަތްކުރަމުންދާ ކަމަށް އިންތި ވިދާޅުވިޔަސް އެއީ ކޮން ބައެއްކަން ވިދާޅެއް ނުވެއެވެ.

އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބު އަންނަ މެއި މަހުގެ 14 ގައި ބާއްވާ އިރު، ދެ ކެންޑިޑޭޓުން ވެސް އަންނަނީ ރަށްރަށަށް ވަޑައިގެން ކެމްޕޭން ކުރައްވަމުންނެވެ. މި ހަފުތާ ބަންދުގައި އިންތި ގެންދަވަނީ ހުވަދު އަތޮޅުގައި ކެމްޕޭން ކުރައްވަމުންނެވެ. އަދި ފައްޔާޒް ކެމްޕޭން ކުރައްވަނީ ބޮޑުތިލަދުންމަތީގައެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު