ޚަބަރު
ނަޝީދު މުރައިދޫ ގެއިން ޖޫން 26ގައި ނުކުންނަވާނެ ކަން މަޖިލީހަށް އަންގައިފި
ރައްޔިތުން މަޖިލީހުގެ ރައީސް ހުންނެވުމަށް ދައުލަތުން ހާއްސަކޮށްފައިވާ މ. މުރައިދޫ ގެއިން އަންނަ ހޯމަ ދުވަހު ނުކުމެވަޑައިގަންނަވާނެ ކަމަަށް އެ މަގާމުން ވަކިކުރަން ހުށަހަޅާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު، މަޖިލީހަށް ނޯޓިސް ފޮނުއްވައިފި އެވެ.

ނަޝީދުގެ އޮފީހުން މިއަދު މަޖިލީސްގެ އަމީން އާންމު ފާތިމަތު ނިއުޝާއަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ، މަޖިލީސް ރައީސް ހުންނަވާ ރަސްމީގެ، މުރައިދޫ އިން ގ. ބޭރުވެލި އަށް ޖޫން 26 ގައި ބަދަލުވެޑައިގަންނަވާނެ ކަމަށް ދަންނަވަން ނަޝިދު ވިދާޅުވި ކަމަށެވެ.

ނަޝީދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައިވެސް އެމަނިކުފާނު ވަނީ ނޯޓިސް ހަމަވާ ދުވަހު މުރައިދޫ ގެއިން ނުކުންނަވާނެ ކަމަށް ވިދާޅުވެފައެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ނޯޓިސް ހަމަވާ ދުވަހު، މުރައިދޫ ގެއިން ނުކުންނާނަން، އަޅުގަނޑު މުރައިދޫ ގޭގައި ހުރުން އެއީ އެއްގޮތަކަށްވެސް އަޅުގަނޑު ކުރާ ހިތްވާ ކަމެއް ނޫން. ހަމަ ކުޑަކޮށްވެސް އަޅުގަނޑު ކުރާޙިތްވާ ކަމެއް ނޫން. ތިބޭފުޅުންނަށް އެގެ ފެނިވަޑައިގެންފައި ނެތުނީމަ އެގެ ހުންނަ ގޮތާއި އަނދިރިކަމާއި، ހުރިހާ ދިމާލަކުން ލައްޕާފައި ހުރި މިންވަރާއި، އަޅުގަނޑުވެސް ވަރަށް ބޮޑަށް އެދެން ކެނެރީގެއަށް އަޅުގަނޑު ބަދަލު ވެވޭނެ ގޮތެއް ހޯދަން".

މުރައިދޫގެ އަކީ މަޖިލީހުގެ ރައީސަށް ހާއްސަކުރާ ވަގުތީ ގެކޮޅު ކަމަށް ވަނީ ހަމަޖައްސާފައެވެ.

ދައުލަތުގެ ތިން ބާރުގެ ތެރެއިން މަޖިލީހުގެ ރައީސަށާއި އުއްތަމަ ފަނޑިޔާރަށް ރަސްމީ ގެ ހަމަޖައްސައިދިނުމަށް ނިންމައި ގާނޫނަށް ބަދަލު ގެނައީ، ނަޝީދަށް އަމާޒުކޮށް 6 މެއި 2021ގައި ދިން ބޮމުގެ ހަމަލާއަށް ފަހު އެވެ. އެ ގެ ހުންނަ ސަރަހައްދަކީ ރެޑް ޒޯނެއްގެ ގޮތުގައި ވަނީ ހަމަޖައްސައިފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު