ޚަބަރު
ޓޫރިޒަމް ދާއިރާގެ 218 ވިޔަފާރިއަކަށް އީޔޫގެ މާލީ އެހީ
ކޮވިޑުގެ ސަބަބުން ލިބުނުގެ ގެއްލުމުން އަރައިގަތުމަށް 219 ކުދި އަދި މެދު ފަންތީގެ ޓުއަރިޒަމް ވިޔަފާރިއަށް އީޔޫއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

މިއަދު ތުލުސްދޫގައި ބޭއްވި ރަސްމިއްޔާތުގައި އީޔޫގެ ހެޑް އޮފް ކޯޕަރޭޝަން ޖެނީ ކޮރެއާ ނިއުނެޒް ވަނީ ތުލުސްދޫގެ ބައެއް ގެސްޓްހައުސްތަކަށް އީޔޫގެ އެހީ ރަމްޒީކޮށް ހަދިޔާކުރައްވައިފަ އެވެ.

ރާއްޖޭގެ ގެސްޓްހައުސް އަދި ސަފާރީތަކަށް އެހީވުމުގެ ގޮތުން މިދިޔަ ޑިސެމްބަރު މަހު އީޔޫ އިން ވަނީ ދެ މިލިއަން ޔޫރޯ (34 މިލިއަން ރުފިޔާ) ދިވެހި ސަރުކާރަށް ދީފަ އެވެ. މާލީ އެހީތެރިކަމުގެ އިތުރަށް ވިޔަފާރިތައް އަލުން ކޮޅަށް ޖެހުމަށް ބޭނުންވާ ފަންނީ އެހީތެރިކަމަށް ވެސް އީޔޫއިން 11 މިލިއަން ރުފިޔާ ހަމަޖައްސާފައިވެ އެވެ.

އީޔޫގެ މި ދެ މިލިއަން ޔޫރޯ (36.1 މިލިއަން ރުފިޔާ) ގެ އެހީއަކީ ކޮވިޑުގެ ގޮންޖެހުންތަކުން އަރައިގަތުމަށް ވިޔަފާރިތަކަށް އެހީތެރިވުމާއި ވިލުންވެރި (ރެޒިލިއެންޓު) އިގުތިސޯދެއް ބިނާކުރަން އެހީތެރިވެދިނުމެވެ. މި ފައިސާގެ ތެރެއިން ޓްރެއިނިންއަށް ހަރަދުކުރާ ހަ ލައްކަ ޔޫރޯ ކަނޑާފައި ބާކީ 1.4 މިލިއަން ޔޫރޯ ވިޔަފާރިތަކަށް ދޫކުރަނީ ހިލޭ އެހީގެ ގޮތުގަ އެވެ.

އެހީގެ ފައިސާ ދޫކުރަނީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން އޮންނަ ފަންޑު މެނޭޖްމަންޓު ކޯޕަރޭޝަން (އެމްއެފްއެމްސީ) އަށް ހުށަހަޅައިގެންނެވެ. އެ ކޯޕަރޭޝަނުން މީގެ ކުރިން ލިބުނު އެހީ ލިބުނު ވިޔަފާރިތަކާ އެހީ ހަވާލުކޮށްފައިވާއިރު، މިއަދު އިތުރު 10 ވިޔަފާރިއަކަށް އެހީ ލިބުނު ކަމުގެ ރަމްޒީ އިނާމު ހަވާލުކުރި އެވެ.

މި އިނާމު ހަވާލުކުރަން ކ. ތުލުސްދޫގައި ބޭއްވި ހަފުލާގައި މިނިސްޓްރީ އާއި އެމްއެފްއެމްސީގެ ބޭފުޅުންގެ އަރިހުގައި އީޔޫން ކަނޑައަޅާފައިވާ ވަފުދުގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

އީޔޫގެ ފަރާތުން މި ވަފުދުގައި ހިމެނިވަޑައިގަންނަވާ ހެޑް އޮފް ޑެލިގޭޝަން ޓު ސްރީލަންކާ އެންޑް މޯލްޑިވްސް ޖެނީ ކޮރެއިއާ ނޫންސް ވިދާޅުވީ، މި ޕްރޮޖެކްޓުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތް ސިންދަފާތުކުރެވި މުޖުތަމައުގެ ބައިވެރިވުން އިތުރުކުރެވުމުގެ ފައިދާ ލިބޭނެ ކަމަށެވެ.

"މިއީ ކޮވިޑް-19 ގެ ފުރަބަންދުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރި ކުދި ވިޔަފާރިތަކަށް އަމާޒުކުރެވިފައިވާ ޕްރޮޖެކްޓެއް. އަދި މި ޕްރޮޖެކްޓުގެ ސަބަބުން ސަރުކާރުގެ އަމާޒެއްކަމުގައިވާ ފަތުރުވެރިކަމުގެ ސިނާޢަތް ސިންދަފާތުކުރެވި، މިކަމުގައި މުޖްތަމައުގެ ބައިވެރިވުން އިތުރުކުރެވުމުގެ ސަބަބުން އެކަމުގެ ފައިދާ އެފަރާތްތަކަށް ލިބިގެންދާނެ." އޭނާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އީޔޫގެ އެހީ ލިބޭ ގެސްޓުހައުސްތަކުން ހެޔޮ އަގުތަކެއްގައި މުޖުތަމައުއާ ގުޅިގެން ތަފާތު ތަޖުރިބާތައް ފޯރުކޮށްދޭނެ ކަމަށާއި، މިކަން ވާނީ ދިވެހިންގެ ސަގާފަތާއި ދިރިއުޅުމުގެ ވައްޓަފާޅީގެ ކަންކަމުގެ މައުލޫމާތު ހޯދަން ފުރުސަތަކަށް ކަމަށެވެ.

މި ހަފުލާގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ޑެޕިއުޓީ މިނިސްޓަރު ހުސެއިން ޒަމީރު ވަނީ އީޔޫގެ ދީލައި އެހީއަށް ޝުކުރުއަދާކުރައްވާފަ އެވެ. އަދި މިއީ ގެސްޓްހައުސްތަކާއި ސަފާރީތަކުގެ ވިޔަފާރި ކޮޅަށްޖަހާ، ޓޫރިޒަމް އާރާސްތުކުރުމުގައި އިސް ދައުރެއް އަދާކުރި ޕްރޮޖެކްޓެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އަލުން އާރާސްތުކުރުމުގައި އިސް ދައުރެއް އަދާކުރި ޕްރޮޖެކްޓެއް. ވަކިން ހާއްސަކޮށް، ކޮވިޑް-19 ގެ ސަބަބުން ތަފާތު ގޮންޖެހުންތައް ކުރިމަތިވި ގެސްޓްހައުސްތަކާއި ސަފާރީތަކަށް މި އެހީގެ ސަބަބުން ނުހަނު ގިނަ ފައިދާތަކެއް ކުރި," އޭނާ ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ތުލުސްދޫގައި ތިބި ގެސްޓް ހައުސްތަކުގެ ތެރެއިން، މި އެހީ ލިބުނުގެ ގެސްޓް ހައުސްތަކަށް ވަނީ ރަމްޒީ ޗެކެއް ދީފައެވެ. 

މި އެހީއަށް އެދި މެއި 31 ގެ ކުރިން ގެސްޓްހައުސްތަކާއި ސަފާރީތަކަށް ފޯމު ހުށަހެޅޭނެ އެވެ. ފޯމު ހުށަހަޅަން ޖެހޭނީ އެމްއެފްއެމްސީއަށެވެ. މާލީ އެހީވުމުގައި އެނދަކަށް 2،453ރ. ގެ މަގުން ފައިސާ ލިބޭނެ އެވެ. 

އިކޮނޮމިކް މިނިސްޓްރީން ލަފާކުރަނީ މި ޕްރޮޖެކްޓުން 600 ވިޔަފާރިތަކަށް އެހީ ފޯރުކޮށްދެވޭނެ ކަމަށެވެ.

އެހެންކަމުން މި އެހީއަށް އެދުމުގެ ފުރުސަތު އަދިވެސް އޮތީ ހުޅުވިފަ އެވެ. އެގޮތުން ފެބްރުއަރީ 2020 ގެ ކުރިން ސައްހަ އޮޕަރޭޓިން ލައިސަންސެއް އޮތް ޓޫރިޒަމް ވިޔަފާރިތަކަށް މި އެހީއަށް އެދެވޭނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު