އިޓަލީ ފަތުރުވެރިން ގެއްލުން: މީހުން ހޯދުމުގެ އޮޕަރޭޝަނަށް ބޭރުގެ ޑައިވަރުން އަތުވެއްޖެ
އިޓަލީގެ ފަސް ޓޫރިސްޓުން ތާށިވި 60 މީޓަރު އަޑީގައި ހުރި ކޭވް - ފޮޓޯ: ޝަފްރާޒް ނައީމް
ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހޮޅައަކަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު ޑައިވަރުން ހޯދުމުގެ އޮޕަރޭޝަނަށް ފިންލެންޑުގެ ތަޖުރިބާކާރު ތިން ޑައިވަރުންގެ ޓީމެއް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.
ޑައިވަރުން ހޯދުމުގެ އޮޕަރޭޝަނުގައި އުޅެނިކޮށް ޑީކޮމްޕްރެޝަން ސިކްނަސް (ޑީކޯ) ވެގެން އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް އެމްއެންޑީއެފްގެ ސްޓާފް ސާޖެންޓު މުހައްމަދު މަހުދީ، 44، ވަނީ އިއްޔެ ނިޔާވެފަ އެވެ.އެއާއެކު، ސިފައިންގެ އޮޕަރޭޝަން ވަނީ މިވަގުތަށް މެދުކަނޑާލައިފަ އެވެ.ސަރުކާރުގެ އިސްތަރުޖަމާނު މުހައްމަދު ހުސެން ޝަރީފް މިއަދު ވިދާޅުވި ގޮތުގައި އެ އޮޕަރޭޝަނަށް ފިންލޭންޑުގެ ތިން ތަޖުރިބާކާރު ޑައިވަރުން، އެކަމަށް ބޭނުންވާ ސާމާނާ އެކު މިއަދު ވަނީ ރާއްޖެ އައިސްފަ އެވެ.ވ. އަތޮޅުގެ މަޝްހޫރު "މިޔަރު ޑައިވް" ސައިޓުގެ ހޮހަޅައަށް ފީނަން ގޮސް އުޅެނިކޮށް މިދިޔަ ހުކުރު ދުވަހު ގެއްލުނީ އިޓަލީގެ ހަތަރު ޑައިވަރަކާއި ހަމަ އެ ގައުމުގެ ޑައިވިން އިންސްޓްރަކްޓަރެކެވެ. ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑު ހަމަ އެ ދުވަހު ކަނޑުއަޑިން ފެނުނު ނަމަވެސް، ދެން ތިބި ހަތަރު މީހުންގެ ހަށިގަނޑު އަދިވެސް ނުފެނެ އެވެ.
އެމްއެންޑީއެފުން ކުރިން ބުނީ ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑު ފެނުނީ ގާތްގަނޑަކަށް 60 މީޓަރު (197 ފޫޓް) އަޑިން ހޮހަޅައިގެ ތެރެއިން ކަމަށެވެ. ބާކީ ތިބި ހަތަރު ޑައިވަރުން ވީ ކަމަށް ލަފާކުރެވެނީ، ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ އެ ހޮހަޅައިގެ އެތެރޭގައި ކަމަށް ވެސް އެމްއެންޑީއެފުން ބުނެފައިވެ އެވެ.
ފުންމިނުގައި ގާތްގަނޑަކަށް 60 މީޓަރު (197 ފޫޓް) ހުންނާނެ ކަމަށް ބެލެވޭ މި ކަނޑުހޮހޮޅަ ސަރަހައްދަށް ޓޫރިސްޓުން ގޮވައިގެން ފީނި ސަބަބެއް ވަނީ ނޭނގުމެއްގެ ތެރޭގަ އެވެ. މިހާ ފުނަށް ފީނުމަކީ ރާއްޖޭގެ ރިކްރިއޭޝަނަލް ޑައިވިންގެ ގަވައިދުގެ ދަށުން ހުއްދަ ކަމެއްނޫނެވެ. ރާއްޖޭގައި ޓޫރިސްޓުން ގޮވައިގެން ފީނުމުގެ ހުއްދަ އޮންނަނީ 30 މީޓަރަަށެވެ.