ހިޔާނާތުގެ 42 ދައުވާއެއް ކޮށްފައިވާ ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.
މީގެކުރިން އައްމަޓީ ބަންދުން ދޫކޮށްލި ދެފަހަރު ވެސް އޭނާ އަލުން ބަންދުކުރީ ހައި ކޯޓުގެ އަމުރުންނެވެ.ކްރިމިނަލް ކޯޓުގެ ނިންމުން އިިސްތިއުނާފު ކުރުމަށް ދައުލަތުން ހައި ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން މިއަދު ނިންމީ އެ މައްސަލަ ބަލައިނުގަތުމަށެވެ. އެ ގޮތަށް ނިންމީ އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވިތާ އެއް ދުވަސް ފަހުން މައްސަލަ ހުށަހެޅި ކަމަށް ބުނެ އެވެ. ހައިކޯޓުން ކުރި ހުކުމްގައި ވަނީ، ކްރިމިނަލް ކޯޓުން އަންމަޓީ ދޫކޮށްލީ ހުސްވި މާޗް މަހުގެ 20 ވަނަ ދުވަހު ކަމަށްވާ އިރު، އެ މައްސަލަ ކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ 48 ގަޑިއިރު ފާއިތުވެ ގޮސް، މާޗް 23 ވަނަ ދުވަހު ކަމަށެވެ. އަދި އެ މުއްދަތުގައި އެއްވެސް ބަންދު ދުވަހެއް ނާންނަ ކަމަށްވެސް ހުކުމުގައި ފާހަގަކޮށްފައިވެއެވެ.ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން ސީ ލައިފް ގްލޯބަލްއާ ހަވާލުކުރުމުން އެ ތަންތަން ވިއްކުމުގެ ނަމުގައި އެތައް ބައެއްގެ އަތުން ބުކިން ފީ ނެގުމަށް ފަހު، މަސައްކަތް ނުކޮށް ފިލައިގެން އުޅެނިކޮށް އަންމަޓީ ހައްޔަރުކުރީ ރާއްޖެއިން ބޭރުގައި އުޅެނިކޮށެވެ. އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަަމަށް ތުހުމަތުކުރެވުނު މައްސަލައިގައި އައްމަޓީގެ މައްޗަށް ވަނީ ހިޔާނާތްތެރިވުމުގެ ކުށުގެ 42 ދައުވާ ކޮށްފައިވެއެވެ. ޕީޖީ އޮފީހުން ބުނެފައިވަނީ މި ކުށްތަކަށް ޤާނޫނުގައި ކަނޑައަޅާފައިވާ އަދަބަށް ބަލާއިރު، މި ދައުވާތައް ސާބިތުވެއްޖެނަމަ 65 އަހަރު ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެކަމަށް ބެލެވޭކަމަށެވެ.