ޚަބަރު
ޓީޗަރުންގެ މުސާރައިގެ އާ އޮނިގަނޑު އިއުލާންކޮށްފި
ޓީޗަރުންގެ މުސާރަ 50 ޕަސެންޓް ބޮޑުކޮށް، މުސާރައިގެ އާ އޮނިގަނޑު ސަރުކާރުން އިއުލާންކޮށްފި އެވެ.

ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ އެންމެހާ މުވައްޒަފުންގެ މުސާރަ މިއަދުން ފެށިގެން ބޮޑުކޮށްފައިވާކަން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ވަނީ އިއުލާނުކުރައްވަވައިފައެވެ.

މުސާރަ ބޮޑުކުރާ ކަން އިއުލާނުކުރެވުމަށްފަހު، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ޓީޗަރުންގެ މުސާރަތަކަށް އަންނަ ބަދަލުތަކުގެ ތަފްސީލްތައް ހިއްސާކުރައްވަވައިފައެވެ.

ސުކޫލު ޓީޗަރުންގެ ގޮތުގައި 6815 މުވައްޒަފުންގެ ތެރެއިން ވަކި ވަކި ރޭންކުތަކަށް އަންނާނެ ބަދަލުތައް މިނިސްޓަރު އަމީރު ހިއްސާކުރެއްވިއިރު، ރޭންކު އެކެއްގެ ޓީޗަރުންގެ މުސާރައަށް 22 އިންސައްތައިގެ ބަދަލެއް، ރޭންކު 2 ގެ މުވައްޒަފުންނަށް 50 އިންސައްތައިގެ ބަދަލެއް އަދި ރޭންކު ތިނެއްގެ މުވައްޒަފުންނަށް 38 އިންސައްތައިގެ ބަދަލެއް ވަނީ ގެނެސްފައެވެ.

މުސާރައިގެ އޮނިގަނޑު އިއުލާން ކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ޕްރިންސިޕަލުންނާއި، ޑެޕިއުޓީ ޕްރިންސިޕަލުންނާއި، ޓީޝަރުންނާއި، އެޑިއުކޭޝަން ޕްރޮފެޝަނަލްސްގެ މުސާރައަށް ވެސް ބަދަލު ގެނެސްފައިވާނެ ކަމަށެވެ.

"ޕޭ ފްރޭމް ވޯކްގައި މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާފައި އޮންނަ ގޮތުން ތަފާތު ތަކެއް އަންނާނެ. މިހާރު މުސާރަ އާއި އިނާޔަތްތައް ހުންނަ ގޮތާއި ބައެއް ކަންތައްތައް ތަފާތު ވާނެ. ކޮންމެ މަގާމަކަށް ވެސް ކަނޑައަޅާފަ އޮންނަނީ ދެ ބައެއް. އެއީ މުސާރަ އާއި އިނާޔަތްތައް،" އަމީރު ވިދާޅުވި އެވެ.

ޕްރިންސިޕަލުން

  1. ރޭންކް 1ގައި ހިމެނެނީ 127 ޕަރިންސިޕަލް: މިހާރު ލިބެނީ 16،797ރ. މި ބަދަލާ އެކު 30،610ރ. އަށް ބަދަލުވެ އެވެ. އެއީ 82 ޕަސެންޓުގެ ކުރިއެރުމެކެވެ.
  2. ރޭންކް 2ގައި ހިމެނެނީ 48 ޕްރިންސިޕަލް: މިހާރު ލިބެނީ 20،049ރ. މި ބަދަލާ އެކު 35،452ރ. އަށް ބަދަލުވެ އެވެ. އެއީ 59 ޕަސެންޓުގެ ކުރިއެރުމެކެވެ.
  3. ރޭންކަ 3ގައި ހިމެނޭ އެއްވެސް ޕްރިންސިޕަލެއް ނެތް ނަމަވެސް މި ރޭންކްގައި ހިމެނޭ ޕްރިންސިޕަލުންނަށް 35،452ރ. ލިބޭނެ އެވެ.
މީގެ އިތުރުން ސްކޫލުގެ އާބާދީއަށްބަލާ ޕްރިންސިޕަލުންނަށް އިތުރު އެލަވެންސެއް ލިބެ އެވެ. އެއީ 1000ރ އިން ފެށިގެން 5000ރ. އާ ދެމެދުގެ އެލަވެންސެކެވެ.

މި ބަދަލާއެކު ދައުލަތުގެ ބަޖެޓުން އަހަރަކު ޕްރިންސިޕަލުންނަށް 31 ބިލިއަން ރުފިޔާ ހަރަދުވާނެ އެވެ.

ޑެޕިއުޓީ ޕްރިންސިޕަލުން

  1. ރޭންކް 1ގައި ހިމެނޭ 5 ޑެޕިއުޓީ ޕަރިންސިޕަލް: މިހާރު ލިބެނީ 13،079ރ. މި ބަދަލާ އެކު 23،240ރ. އަށް ބަދަލުވެ އެވެ. އެއީ 78 ޕަސެންޓުގެ ކުރިއެރުމެކެވެ.
  2. ރޭންކް 2ގައި ހިމެނޭ 44 ޑެޕިއުޓީ ޕްރިންސިޕަލް: މިހާރު ލިބެނީ 16،830ރ. މި ބަދަލާ އެކު 26،023ރ. އަށް ބަދަލުވެ އެވެ. އެއީ 54 ޕަސެންޓުގެ ކުރިއެރުމެކެވެ.
  3. ރޭންކަ 3ގައި ހިމެނޭ އެއްވެސް ޑެޕިއުޓީ ޕްރިންސިޕަލެއް ނެތް ނަމަވެސް މި ރޭންކްގައި ހިމެނޭ ޑެޕިއުޓީ ޕްރިންސިޕަލުންނަށް 28،787ރ. ލިބޭނެ އެވެ.
މި ބަދަލާއެކު ދައުލަތުގެ ބަޖެޓުން އަހަރަކު ޑެޕިއުޓީ ޕްރިންސިޕަލުންނަށް 4 ބިލިއަން ރުފިޔާ ހަރަދުވާނެ އެވެ.

ޓީޗަރުން

  1. ޑިޕްލޮމާ ޓީޗަރަކަށް މިހާރު 10،889ރ. ލިބޭއިރު މި ބަދަލާ އެކު ޑިޕްލޮމާ ޓީޗަރެއްގެ މުސާރަ 13،266ރ. އަށް ބޮޑުވެ އެވެ.
  2. ޑިގްރީ ޓީޗަރަކަށް މިހާރު 13،008ރ ލިބޭ އިރު މި ބަދަލާއެކު ޑިގްރީ ޓީޗަރެއްގެ މުސާރަ 19،467ރ.އަށް ބޮޑުވެ އެވެ.
  3. މާސްޓާސް ޓީޗަރަކަށް މިހާރު 15،135ރ. ލިބޭ އިތރު މި ބަދަލާއެކު މާސްޓާސް ޓީޗަރެއްގެ މުސާރަ 20،026ރ. އަށް ބޮޑުވެ އެވެ.
މީގެ އިތުރުން، ހަ ގިންތިއަކަށް ބަހާލައިގެން، އެޑިޔުކޭޝަން ޑިވެލޮޕްމަންޓު ޕްރޮފެޝަނަލްސް (އީޑީއޯ) ވެސް ވަނީ މުސާރައިގެ މި އޮނިގަނޑުގެ ތެރެއަށް ވައްދައިފަ އެވެ.

މިގޮތުން، އޭގެ އެންމެ ދަށު ލެވެލްގެ އީޑީއޯއަކަށް ޕެންޝަނަށް ކެނޑުމަށްފަހު 13،335ރ. ލިބޭއިރު، މި ބަދަލާއެކު 20،575ރ. ގެއަށް ގެންދަން ލިބޭނެ އެވެ. އެކި ގިންތިތަކުން އީޑީއޯސްއަށް ލިބޭ މުސާރައިގެ ކުރިއެރުން ހުރީ 54 ޕަސަންޓާއި 60 ޕަސަންޓާ ދެމެދުގަ އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ މި ކެޓަގަރީތަކުގެ މުވައްޒަފުންގެ އިތުރުން ތައުލީމީ ދާއިރާގައި މަސައްކަތްކުރާ އެހެން މުވައްޒަފުންގެ މުސާރަތައް ވެސް މަދުވެގެން 35 ޕަސަންޓުން އިތުރުވެގެންދާނެ ކަމަށެވެ.

ފިނޭންސް މިނިސްޓަރު މިއަދު އާންމުކުރެއްވި ތަފްސީލުތަކަށް ބަލާއިރު، މި މުސާރައިގެ އޮނިގަނޑުގައި ޖުމްލަ 8،889 މުވައްޒަފުން ހިމެނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
50%
0%
50%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު