މީގެ ތިން އަހަރު ކުރިން ރާއްޖޭގެ ނޫސްވެރިކަން އޮތީ ވަރަށް ހަރުކަށި ހިފެހެއްޓުންތަކެއްގެ ތެރޭގައި ކަމަށާއި ވެރިކަމަށް ވަޑައިގެން ނޫސްވެރިކަމަށް ފުރިހަމަ މިނިވަންކަން ދިނުމުގެ ނަތީޖާއާ މެދު އުފާކުރައްވާކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފޮނުއްވި ޚިޠާބުގައި އެމަނިކުފާނު ވިދާޅުވީ، އޭޝިޔާ ސަރަޙައްދުން ދިވެހިރާއްޖެއަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤު، މިހާރު އެންމެ ފުރިހަމައަށް ލިބިދީފައިވާ، އަދި އެ ޙައްޤުގެ ބޭނުން އެންމެ ފުރިހަމައަށް ހިފާ މަދު ޤައުމުތަކުގެ ތެރެއިން އެއް ޤައުމުކަމަށެވެ. އަދި ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން، ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤު އެންމެ ފުރިހަމައަށް ލިބިދީފައިވާ ޤައުމުވެސްމަކީވެސް ރާއްޖެކަމަށާއި، ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤު ޙިމާޔަތްކޮށްދިނުމަށް ސަރުކާރުން ވެފައިވާ ވަޢުދާ އެއްގޮތަށް، ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ފުރިހަމަ މިނިވަންކަމާއި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު، ކުރިމަގުގައިވެސް ދިވެހި ނޫސްވެރިންނަށާއި ދިވެހި ރައްޔިތުންނަށް ފުރިހަމައަށް ލިބިދޭނެކަމަށް ޔަޤީންކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.
"ވަރަށް ހަރުކަށި ހިފެހެއްޓުންތަކެއްގެ ތެރޭގައި މީގެ ތިން އަހަރު ކުރިން އޮތް ދިވެހި ނޫސްވެރިކަމަށް ފުރިހަމަ މިނިވަންކަން ދިނުމުގެ ނަތީޖާއާ މެދު މިއަދު އަޅުގަނޑު އުފާކުރަން،" ރައީސް ވިދާޅުވި އެވެ.
ރައީސްގެ ހިތޯބުގައި ވިދާޅުވީ މިނިވަން ނޫސްވެރިކަމަށް ފުރުސަތު ދިނުމަކީ، ސަރުކާރު ޒިންމާދާރު ކުރުވައި، ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. ހަމަ އެއާ އެކު، ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަނާއި ހިޔާނާތުގެ އަމަލުތައް ނައްތައިލުމުގައި ނޫސްވެރިކަމުގެ މިނިވަންކަމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ފުރިހަމަ މިނިވަންކަން ފަހިކޮށްދީފައި އޮތުން މުހިންމުކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.އެމަނިކުފާނު ވިދާޅުވީ ކުރިއަރާފައިވާ ޑިމޮކްރަސީތަކުގައި ގާއިމުވެފައިވާ ފަދަ، ޒިންމާދާރު ނޫސްވެރިކަމެއް ގާއިމުކުރެވޭނީ ވެސް، ނޫސްވެރިކަން ހިފެހެއްޓުމުގެ ބަދަލުގައި، ނޫސްވެރިންނަށް ފުރިހަމަ މިނިވަންކަން ދިނުމުންކަން، މިދިޔަ ތިން އަހަރުގެ ތަޖުރިބާއިން ކަށަވަރުވެވަޑައިގެންފައިވާ ކަމަށެވެ.ކޮވިޑް-19 އަށް ރައްޔިތުން ހޭލުންތެރިކުރުމަށް ރާއްޖޭގެ ނޫސްވެރިން ކުރި މަސައްކަތަށް ރައީސް ވަނީ ޝުކުރުއަދާކުރައްވައިފަ އެވެ. އަދި ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށްޓަކައި ކުރަންވީ ކަންކަމާ މެދު، އާންމު ރައްޔިތުން ހޭލުންތެރިކުރުމުގައި ދިވެހި ނޫސްވެރިންނަށް މިހާރަށް ވުރެ ފުޅާ ދައުރެއް އަދާކުރެވޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.އެގޮތުން، އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕްލާސްޓިކްގެ ބާވަތްތައް ބޭނުންކުރުން މަދުކުރުމަށާއި، އެފަދަ ޕްލާސްޓިކް އުފެއްދުންތައް ރާއްޖޭގެ ގޮނޑުދޮށްތަކަށާއި މޫދަށް އުކައިލުން ހުއްޓުވުމުގައި ދިވެހި ނޫސްވެރިން މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވުން މުހިންމު ކަމަށް ވިދާޅުވި އެވެ.
ނޫސްވެރިކަމުގެ މިނިވަންކަން އެއްވެސް ހިފެހެއްޓުމެއް ނެތި ދީފައި އޮތަސް، ކޮންމެ ނޫސްވެރިއެއްގެ ކޮނޑުގައި ވެސް ވަރަށް މަތިވެރި ގައުމީ މަސްއޫލިއްޔަތެއް އެޅިފައިވާ ކަން ހަނދާން ކޮށްދެއްވާއި، ރައީސް އެދިވަޑައިގަތީ ހަގީގަތާއި ތެދު މައުލޫމާތު ހާމަކޮށް، މީހުންގެ އަބުރު ރައްކާތެރިކުރުމުގެ ހައްގު ހިމާޔަތް ކޮށްދިިނުމަށެވެ.ބައިނަލްއަޤްވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ މެއި މަހުގެ 3ވަނަ ދުވަހެވެ.