ވިޔަފާރި
ސްޓެލްކޯއިން ކަރަންޓު ބިލުގެ ޖޫރިމަނާ މައާފުކުރަން އުސޫލެއް އެކުލަވާލަނީ
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފު
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން ކަރަންޓު ބިލުތަކުގެ ޖޫރިމަނާ މައާފުކޮށްދިނުމަށް އުސޫލެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް އެގޮތަށް ވިދާޅުވީ, ރޭ ސަންގު ޓީވީން ގެނެސްދިން ހަބަރަށް ފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

ސަރުކާރުގެ ކަރަންޓު ކުންފުނި ސްޓެލްކޯގެ ހިދުމަތްތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފު ވިދާޅުވީ ކަރަންޓު ބިލުގެ ޖޫރިމަނާ މައާފު ކުރެވޭނެ އުސޫލެއް މިހާތަނަށް ނެތް ކަމަށާ، އެހެންކަމުން މިފަދަ އުސޫލެއްގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

"ބައެއް ފަހަރު އެބަހުރި އަމިއްލަ ބާރުނެތި ވެސް ޖޫރިމަނާ އަރާފައި. ޖޫރިމަނާ އަރަމުން ގޮސް ޖޫރިމަނާ ބޮޑުވެގެން ގޮސްފައި އެބަހުރި. މިހެން ގޮސް އަސްލު ބިލަށް ވުރެ ޖޫރިމަނާ އެތަށް ތަނެއް ބޮޑުވެފައި އެބަހުރި. މިސާލަކަށް ބިލް ދައްކަން ޖެހޭ މީހާގެ ބާރުގެ ދަށުގައި ނެތް ކަމެއް ދިމާވެގެން، ނޫނީ އޭނާއަށް ނޭނގޭ ކަމެއް ދިމާވެގެން ބިލްގެ ޖޫރިމަނާ އަރާނަމަ އެ ޖޫރިމަނާ މައާފު ކުރެވޭނެ އުސޫލެއް މިހަދަނީ،" ކުރިން އިލެންޝަން ކޮމިޝަންގެ ރައީސްކަން ކުރެއްވި ޝަރީފު ވިދާޅުވި އެވެ.

"މިސާލަކަށް ބުނާނަމަ ގެއެއްގެ އެޕާޓްމަންޓް ބަޔަކު ހިފައިގެން އެތަައް މަހެއްގެ ބިލް ނުދައްކާ އޮންނަ ކަމެއް އެޕާޓްމަންޓުގެ ވެރި ފަރާތަކަށް ނޭނގޭނެ. އެކަމަކު އެޕާޓްމަންޓް ހިފައިގެން ތިބި ބަޔަކު ހަތަރު ވަރަކަށް މަހުގެ ބިލް ނުދައްކާ ތިބެފައި ކުއްލިއަކަށް ނުކުމެގެންދާއިރު ޖޫރިމަނާ ވަމުން ގޮސްފަ އެބަހުރި. އެފަދަ އުސޫލު ތަކެއް އެބަ ހަދަން."

މީގެއިތުރުން، ސްޓެލްކޯގެ ހިދުމަތަށް އެދޭ ފޯމުތައް ޒަމާނީކޮށް، އެއްފަހަރު ހިދުމަތަށް އެދޭ ފަރާތަކުން ދެވަނަ ފަހަރަށް ހިދުމަތަށް އެދޭނަމަ ދެވަނަ ފަހަރަށް ފޯމު ފުރަން ނުޖެހޭ ފަދަ އިންތިޒާމުތައް ހަމަޖެއްސެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

އަދި، މިހާރު ލިބެމުންދާ އެންމެ ބޮޑު ޝަކުވާއަކީ ކަރަންޓު ބިލް ބޮޑުވުމުގެ މައްސަލަކަމަށާއި، އެކަމަށްވެސް ހައްލެއް ހޯއްދަވައިދެއްވުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

"ކަރަންޓު ބިލް 60 ޕަސެންޓް ބޮޑުވަނީ ބޭނުންކުރާ އަދަދު އިތުރުވާތީ. ބައެއް ފަހަރު ކަރަންޓު ބިލް ބޮޑުވޭ ކަރަންޓު ވައިރު ކޮށްފަ ހުންނަ ގޮތުން. ބައެއް ފަހަރު ޝަކުވާ އައިސްގެން ސާވޭކޮށްލަން ބަލާލާއިރު އިސްކުރުތައް ލޫސްކޮށް ހުރުމާއި ފާރުގެ ތެރެއަށް ނަރު ދޫވެފައި ހުރުން ވެސް ހިމެނޭ. ކަރަންޓު ބިލް އާދަޔާ ހިލާފަށް ބޮޑުވާނަމަ ސެޓިފައިޑް ފަރާތަކުން ސާވޭކޮށްލުން އެންމެ ރަނގަޅު ވާނީ،" ޝަރީފު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު