ދުނިޔެ
ލަންކާގެ ސިޔާސީ މަސްރަހު ކޮންޓްރޯލުން ނައްޓާ ހުޅު ރޯވެއްޖެ
ސްރީ ލަންކާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި ސިޔާސީ ބޭފުޅެއްގެ ގޭގައި ރޯކޮށްލާފައި. --
ލަންކާއަށް އިގުތިސޯދީ ގޮތުން ދިމާވެފައި އޮތް ދަތި ހާލަތުން އަރައިގަތުމަށް ދެމެހެއްޓެނިވި ގޮތެއް ނުފެނިގެން އުޅެނިކޮށް ކުރިމަތިވި ސިޔާސީ ހަމަނުޖެހުންތައް ކޮންޓްރޯލުން ނައްޓާ އެ ގައުމު ބޮޑު ބިރުވެރި ކަމެއްގެ ތެރެއަށް ވެއްޓިއްޖެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ލަންކާގައި މިހާރު ކުރިއަށްގެންދާ ހަމަނުޖެހުންތަކުގައި 151 މީހަކަށް އަނިޔާވެގެން ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާދެމުން ނެވެ. މި ހަމަލާތައް ބަދަލު ކުރަމުން ދަނީ މީނާގޯގަމާ އާއި ގޮޓަގޯގޮމަ ޕްރޮޓެސްޓް ސައިޓްގައި އެވެ.

ހަމަނުޖެހުންތަކުގައި ޒަހަމްވި ބައެއް މީހުންގެ ހާލު ސީރިއަސްވެ ފަރުވާ ދެމުން އަންނައިރު، މުޒާހަރާ ތެރެއަށް ބަޑި ޖެހުމުން ޒަހަމްވި މީހަކު މިއަދު މަރު ވެސް ވެފައިވެ އެވެ.



ހަމަނުޖެހުންތަކުގައި ވެރިކަންކުރާ ޕާޓީގެ މަޖިލިސް މެންބަރެއް ކަމަށްވާ އަމަރަކީރިތި އަތުކޮރަލާ ވަނީ އަވަހާރަވެފައެވެ.ރިޕޯޓްތައް ބުނާ ގޮތުގައި ވަރުގަދަ ހަމަނުޖެހުންތަކުގައި ލިބިވަޑައިގެން ޒަހަމުތަކާއެކު އަވާހަރަވީ އެވެ. ނަމަވެސް ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އަމަރަކީރިތި އަތުކޮރަލާ އަވަހާރަވީ އަމިއްލައަށެވެ.

ސްރީ ލަންކާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ރުޅި ގަދަވެފައި ތިބި އާންމުން ދަނީ މުޅި ގައުމުގައި އިއުލާނުކޮށްފައިވާ ކާފިއުއަށް ވެސް ބެލުމެއް ނެތި ހަމަނުޖެހުން ހިންގަމުންނެވެ. އެ މީހުން އެސްއެލްޕީޕީގެ މެންބަރުންގެ ވެހިކަލްތަކާއި އިމާރާތްތަކަށް ގެއްލުންދީ އެ ތަންތަނުގައި ހުޅު ވެސް ޖަހާފައިވެ އެވެ.

ބޮޑު ހަމަނުޖެހުންގަނޑެއްގެ ތެރެއަށް ލަންކާ ވެއްޓިފައިވާއިރު ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ މިއަދު މެންދުރު ފަހު ވަނީ އިސްތިއުފާ ދެއްވާފައެވެ.



އިގްތިސާދީ އަނދަވަޅަކަށް ވެއްޓިފައިވާ ލަންކާގެ ބޮޑުވަޒީރު މަހިންދަ އިސްތިއުފާ ދެއްވިކަން އިއުލާނުކުރެއްވީ އޭނާ އިސްތިއުފާ ދެއްވުމަށް ރައީސް އަދި މަހިންދަގެ ކޮއްކޯފުޅު ގޮޓާބަޔަ ރާޖަޕަކްސަ ވެސް އެދިވަޑައިގެންފައިވާ ކަމަށް މީޑިއާ އިން ރިޕޯޓްކޮށްފައި ވަނިކޮށެވެ.

ސަރުކާރާ ދެކޮޅު މީހުން ދަނީ ގޮޓާބަޔަގެ ވެސް އިސްތިއުފާ އަށް ގޮވާލަމުންނެވެ.

ލަންކާގައި ސަރުކާރާ ދެކޮޅު މުޒާހަރާތައް ފެށީ އެގައުމުގެ އިގުތިސާދީ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، އަސާސީ ހިދުމަތްތަކާއި ކާބޯތަކެތި ލިބުން ދަތިވުމާ ގުޅިގެންނެވެ. އެ މުޒާހަރާތަކާ ގުޅިގެން މިދިޔަ މަހުގެ އެއް ވަނަ ދުވަހު ކުއްލި ހާލަތު އިއުލާންކޮށް، ފަސް ވަނަ ދުވަހު އެ ހާލަތު އުވާލިއެވެ.

ނަމަވެސް މިއަދު އެގައުމުގައި އަނެއްކާވެސް ވަނީ ކުއްލި ހާލަތު އިއުލާންކޮށްފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު