ޚަބަރު
އިންޑިއާ އައުޓް ހިންގާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މުހައްމަދު ދޫކޮށްލަން ކޯޓުން އަމުރުކޮށްފި
އިންޑިއާ އައުޓް ކެމްޕޭން ހިންގާތީ ހައްޔަރުކުރި ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް މިއަދު ކޯޓުން ދޫކޮށްލައިފި އެވެ.

ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި މުހައްމަދު އިސްމާއިލް ދޫކޮށްލީ ބަންދުގެ މުއްދަތު އިތުރު ކުރުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުންނެވެ.

ހިއުމަން ރައިޓްސް ކޮމިޝަނަށް މައްސަލައެއް ހުށަހެޅުމަށް އެ ކޮމިޝަނުގައި އިއްޔެ ހުންނަވަނިކޮށް މުހައްމަދު ހައްޔަރުކުރީ އެތަނުގެ ތެރެއިންނެވެ. ބަންދުގެ މުއްދަތު އިތުރު ކުރަން މިއަދު މުހައްމަދު ކޯޓަށް ހާޒިރު ކުރުމުން، ކްރިމިނަލް ކޯޓުގެ އިސް ގާޒީ ޝަކީލް ވަނީ މުހައްމަދު ދޫކޮށްލަން އަމުރުކޮށްފައެވެ.

ސަބަބެއް ކަމުގައި ޝަކީލް ވިދާޅުވީ، މުހައްމަދު ހައްޔަރު ކުރީ އިޖުރާއަތުތަކާއި ހިލާފަށް ކަމުގައިވުމެވެ. މިގޮތުން ހައްޔަރުކުރި އިރު ކޯޓު އަމުރު ދައްކާފައި ނުވާކަމަށާއި ކޯޓު އަމުރު ދެއްކީ ފުލުސް އޮފީހަށް ގެންގޮސްފައި ކަން ގާޒީ ފާހަގަ ކުރެއްވިއެވެ.

ހަމަ އެ މައްސަލާގައި ހައްޔަރުކުރި ޕީޕީއެމްގެ އެކްޓިިވިސްޓެއް ކަމަށްވާ އަލީ ނަސީމް (ތަކަނޭ) ގެ ބަންދަށް ކޯޓުން ވަނީ ފަސް ދުވަސް ދީފަ އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ގޮވާލައި އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ވަނީ މިދިޔަ މަހު ވަނީ ކަނޑައަޅައިފަ އެވެ. އެ ކަމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރުގައި ވިދާޅުވީ، އިންޑިއާއާ މެދު ނަފްރަތު އުފައްދަން ހިންގާ އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ހަރަކާތެއްކަން ސާފުކޮށް އެނގޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮތް އަމާންކަމާއި ދާހިލީ ހަމަޖެހުން ނަގާލައި، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ވެސް ގެއްލުވައިލާ ކަމަށް ވިދާޅުވި އެވެ.

އިންޑިއާ އައުޓް ހަރަކާތާ ދެކޮޅަށް ފުލުހުން ފިޔަވަޅުތައް އަޅަމުން ދަނީ އެ ގަރާރުގެ ދަށުންނެވެ.  "އިންޑިއާ އައުޓް" އަށް ގޮވާލައި ގޭގޭގައި ދެމި ބެނާތައް ފުލުހުން އަންނަނީ ނަގަމުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު