ޚަބަރު
ރައީސް ސޯލިހް އެއްވެ އުޅުމުގެ މިނިވަންކަން ހަނިކޮށްފައި ވާތީ އެމްނެސްޓީން ކަންބޮޑުވުންފާޅުކޮށްފި
އިދިކޮޅު ޕީޕީއެމުން ހިންގާ 'އިންޑިއާ އައުޓް' ހަރަކާތް ހުއްޓުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނެރުއްވި ގަރާރުން، އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކޮށްފައިވާތީ، އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ އެމްނެސްޓީން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަނުން ހިންގާ އެ ހަަރަކާތް ހުއްޓުވަން ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށް އަންގައި، ރައީސް ސޯލިހު ނެރުއްވި ގަރާރަށް ފަހު އެ ހަރަކާތް ހުއްޓުވުމަށް ފުލުހުން ގެންދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން، މުޒާހަރާތައް ރޫޅާލައި އެ ހަރަކާތް އިންތިޒާމުކުރާ ކަމަށް ތުހުމަތު ކުރެވޭ ބައެއް މީހުން ވަނީ ހައްޔަރު ވެސް ކޮށްފަ އެވެ.

"އިންޑިއާ އައުޓް ކެމްޕޭނުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ އެ ހަރަކާތް ހުއްޓުވަން ދާދިފަހުން ނެރުނު ގަރާރުގެ ދަށުން ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރަމުންދިޔަ މީހުންނަށާއި ނޫސްވެރިންނަށް ހުރަސް އެޅުމުން އިންތިހާއަށް ކަންބޮޑުވަން،" މިއަދު އެމްނެސްޓީ އިންޓަނޭޝަނަލުން ބުނެފައިވެއެވެ.


މީގެއިތުރުން އެމްނެސްޓީން ވަނީ މުޒާހަރާގެ ބައިވެރިންނާއި ދެކޮޅަށް ބާރުގެ ބޭނުން ކުރުން ކުށްވެރި ކުރާ ކަމަށާއި އިންސާފުވެރިކަމާއެކު އެކަން ތަހުގީގު ކުރުމަށް ގޮވާލާފައެވެ.

"މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ބާރުގެ ބޭނުން ކުރުން ކުށްވެރި ކުރަން ޖެހޭ. އަދި އެކަން ވަގުތުން ވަގުތަށް، އަދުލުވެރިކަމާ އެކު ތަހުގީގު ކުރަން ޖެހޭ."

މިއީ މި ސަރުކާރު އައި ފަހުން އެމްނެސްޓީން ސަރުކާރަށް މިފަދަ ގޮވާލުމެއް ގޮވާލި ފުރަތަމަ ފަހަރެވެ.

ރައީސް ސޯލިހުގެ ސަރުކާރުން ވެރިކަމަށް އައިސްފައިވަނީ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށް ވެސް ލިބޭނެ ކަމަށް ވައުދުވުމަށްފަހުއެވެ. އެހެން ނަމަވެސް ފެނިގެން ދަނީ މުޅިން ވެސް އެކަމާއި އިދިކޮޅަށް ކަންކަން ހިނގާ މަންޒަރެވެ. އެގޮތުން ބަލާއިރު، ސަރުކާރާއި ދެކޮޅަށް ސަރުކާރު ކުންފުންޏެއްގެ މުވައްޒަފަކު ބަހެއް ބުނެފިނަމަ، ވަޒީފާގެ އިންޒާރު ނުވަތަ ވަޒީފާއިން ވަކި ކުރެއެވެ. އަދި އިންޑިއާ ސިފައިން ރާއްޖޭގައި އިތުރުވަމުން އަންނާތީ އެކަމާއި ދެކޮޅަށް އަޑު އުފުލުން ވެސް މިހާރު ވަނީ ގާނޫނީ ކުށަކަށް ހަދާފައެވެ.

ނަމަވެސް އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައި ހުރި ކަންކަމަށް އިންކާރު ކުރެ އެވެ.

އެމްނެސްޓީގެ ޓްވީޓް ޝެއާކުރައްވާ، އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ފޮރިން މިނިސްޓަރު އަދި އދ.ގެ ދީނީ އަދި ފިކުރީ މިނިވަންކަމާ ބެހޭ ހާއްސަ ރެޕަޓުއާ ޑރ. އަހްމަދު ޝަހީދު ވަނީ ރައީސްގެ ގަރާރު އަނބުރާ ގެންދެވުމަށް ގޮވާލައްވައިފަ އެވެ.

މީގެ ކުރިންވެސް އެ ގަރާރާ ދެކޮޅަށް ވާހަކަ ދައްކަވާފައިވާ ޝަހީދު ވިދާޅުވީ އެއީ ރާއްޖޭގައި ބޭރު ގައުމެއްގެ ސިފައިން ތިބުމާ ދެކޮޅަށް ހިންގާ ސުލްހަވެރި ހަރަކާތެއް، ޖިނާއީ ކުށެއްގެ ގޮތުގައި އަދި ނަސްލީ އިމްތިޔާޒު ކަމުގައި ކަނޑައަޅާ ގަރާރެއް ކަމަށެވެ.

އިދިކޮޅުގެ މުޒާހަރާތައް ރޭވުމުގައި އިސްކޮށް އުޅުއްވާ، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ހައްޔަރު ކުރުމުން ޝަހީދު އިއްޔެ ވަނީ އެކަމަށް ފާޑުވިދާޅުވެ، ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) އިން ރާއްޖޭގެ ހާލަތު ބަލަން ޖެހޭ ހިސާބަށް ކަންކަން ގޮސްފައިވޭތޯ ސުވާލު އުފައްދަވައިފަ އެވެ. 

އެމްނެސްޓީން މިހެން ބުނެފައިވާއިރު ދުނިޔޭގެ މިނިވަން ނޫސްވެރިކަމުގެ އިންޑެކްސްގައި ރާއްޖެ 15 ދަރަޖަ ފަހަތަށް ވަނީ ސޮއްސާލާފައެވެ. ދުނިޔޭގެ މިނިވަން ނޫސްވެރިކަމުގެ އިންޑެކްސް އެކުލަވާލަނީ "ރިޕޯޓާސް ވިތައުޓް ބޯޑާސް" ކިޔާ އަމިއްލަ ޖަމިއްޔާ އަކުންނެވެ.

މި ލިސްޓްގައި މިދިޔަ އަހަރު ރާއްޖެ އޮތީ 72 ވަނައިގަ އެެވެ. ނަމަވެސް މިއަހަރު ރާއްޖެ އޮތީ ލިސްޓްގެ 87 ވަނައިގަ އެވެ. މިއީ ޖުމްލަ 180 ގައުމު ހިމެނޭ މި ލިސްޓަށް ގައުމުތައް ދަރަޖަ ކުރިއިރު ފާއިތުވެ ދިޔަ ހަތަރު އަހަރުގެ ތެރޭގައި ރާއްޖެ ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު